ކ. މާލެ
|
27 ނޮވެންބަރ 2022 | އާދީއްތަ 10:07
ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ
ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ
ރައްޔިތުންގެ މަޖިލިސް
މާރާމާރީ ހިންގުން
މެންބަރު ނަޝީދަށް ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް 30 ދުވަސް
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 18 އަހަރުގެ ދިވެހި ފިރިހެނެއް
ހައްޔަރު ކޮށްފައިވަނީ މާރާމާރީއާއި ތޫނު ހަތިޔާރާ ގުޅުންހުރި ރެކޯޑު އޮންނަ މީހެއް
އިންޒާރުގެ މެސެޖުތަކުގެ ސްކްރީންޝޮޓް ފުލުހުން ވަނީ ހުށައަޅާފައި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲއަށް ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 18 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާއަކީ މާރާމާރީއާއި ތޫނު ހަތިޔާރާ ގުޅުންހުރި ރެކޯޑު އޮންނަ މީހެއްކަމަށް ކްރިމިނަލް ކޯޓުން އޭނާ ބަންދު ކުރުމަށް ނެރުނު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ގާޒީ ސޮފްވަތު ޙަބީބު ނެރުއްވި އަމުރުގައި ވަނީ އޭނާ 26 ޑިސެމްބަރު 2022 ގެ 14:15 ވަންދެން ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް އަމުރު ކުރައްވާފައެވެ. އެގޮތުން އޭނާގެ މައްޗަށް ކޮށްފައިވަނީ މާރާމާރީއާއި ބިރު ދެއްކުމުގެ ކުށުގެ ތުހުމަތެވެ.

ގާޒީ ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރިކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ޤަރީނާ ހުށައެޅިފައިވާ ކަމަށެވެ. އެގޮތުން ހެކިންގެ ހެކިބަހާއި، ސީސީޓީވީ ސްނެޕްޝޮޓްތަކާއި، އަނިޔާ ލިބުނު ފަރާތަށް ލިބުނު އަނިޔާގެ ފޮޓޯގެ އިތުރުން، އިންޓެލިޖެންސް ރިޕޯޓާއި، އިންޒާރުގެ މެސެޖުތަކުގެ ސްކްރީންޝޮޓް ފުލުހުން ވަނީ ހުށައަޅާފައެވެ.

ވުމާއެކު، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ޙާލަތު އޮތްކަމަށް ގާޒީ ނިންމެވީއެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދާލުމަށް ރާއްޖެއެމްވީން ގުޅާލުމުން މެމްބަރު ނަޝީދު ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

މި ޙަމަލާ ދީފައިވަނީ އޭނާ ގެއިން ނުކުމެގެން ސައިކަލަށް އަރަން އުޅެނިކޮށް ކަމަށް އޭނާ ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ.

- ކޮމެންޓް