މުސާރައާއި އިނާޔަތްތައް ދިނުމަށް 9.2 ބިލިއަން ރުފިޔާ މިހާތަނަށް ދައުލަތުން ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެމްބަރު 17 ގެ ނިޔަލަށް ރިކަރަންޓު ޚަރަދުގެ ގޮތުގައި 23.6 ބިލިއަން ރުފިޔާ ވަނީ ހިނގާފައެވެ. ރިކަރަންޓް ޚަރަދުގެ ތެރެއިން ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް 4 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި އިނާޔަތްތައް ދިނުމަށް 3.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޕެންޝަން ފައިސާގެ ގޮތުގައި 1 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ރިޓަޔަރމެންޓް އިނާޔަތުގެ ގޮތުގައި 441.4 މިލިއަން ރުފިޔާ ދީފައިވެއެވެ.
މީގެ އިތުރުން އެޑްމިނިސްޓްރޭޓިވް އަދި ހިންގުމުގެ ޚަރަދުގެ ގޮތުގައި 14.4 ބިލިއަން ރުފިޔާ ހިނގާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި ދައުލަތުގެ ޚަރަދުގައި ކުރި ދަތުރުތަކަށް 197.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެޑްމިނިސްޓްރޭޓިވް ސަރވިސްތަކަށް 1.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ފައިނޭންސިން އަދި އިންޓްރެސްޓް ޚަރަދުތަކަށް 2.9 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެ ގޮތުގައި 7.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ. މިގޮތުން އާސަންދައަށް 1.5 ބިލިއަން ރުފިޔާ، ސަބްސިޑީއަށް 3.3 ބިލިއަން ރުފިޔާ، ކައުންސިލް ގްރާންޓަށް 1.4 ބިލިއަން ރުފިޔާ އަދި އެހެނިހެން ގްރާންޓްއާއި ކޮންޓްރިބިއުޝަންއަށް 1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ހާމަވާ ގޮތުގައި ކެޕިޓަލް ޚަރަދުގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ. މިގޮތުން ކެޕިޓަލް އިކުއިޕްމެންޓުތައް ހޯދުމަށް 380.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުންވާ ތަކެތި ހޯދުމަށް 6.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ޕްރޮޖެކްޓުތަކަށާއި، އިންވެސްޓްމެންޓުތަކަށް 1.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ފިނޭންސްގެ ތަފާސްހިސާބު ހާމަވާ ގޮތުގައި ދައުލަތުން ވަނީ މިހާތަނަށް 2.6 ބިލިއަން ރުފިޔާގެ ލޯނު އަނބުރާ ދައްކާފައެވެ. އަދިި 720.4 މިލިއަން ރުފިޔާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ފޮނުވާފައިވާއިރު ޕީއެސްއައިޕީ ޕްރޮގްރާމުތަކަށް 6.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.