ކ. މާލެ
|
26 ނޮވެންބަރ 2022 | ހޮނިހިރު 22:30
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ
ރާއްޖެއެމްވީ
އޭސީސީއަށް މައްސަލައެއް ހުށަހެޅުން
ނަހުލާ އާއި ޓްރާންސްޕޯޓް މުވައްޒަފަކަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް
57 އުޅަނދެއް ރަޖިސްޓްރީކޮށްދިނުމުގައި ގަވާއިދާ ހިލާފުވެފައިވާ ގޮތުގެ ތަފްސީލުކޮށްދޭ ރިޕޯޓު ވަނީ ހުށަހަޅާފައި
މައްސަލައިގައި ބުނީ އެއްގަމު އުޅަނދުތައް ރަޖިސްޓްރީކޮށްދިނުމުގައި މިނިސްޓަރު ނަހުލާ އާއި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު މާލީ ތަނަވަސްކަން ހޯދަމުންދާކަމަށް

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި އެ މިނިސްޓްރީގެ އިސް މުވައްޒަފަކަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އެ މައްސަލަ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯޓުގެ ކޯޑިނޭޓަރަކަށް މަސަކަތްކުރި މަހުމޫދު ޝަފީގު ހުށަހެޅި މައްސަލައިގައި ބުނީ އެއްގަމު އުޅަނދުތައް ރަޖިސްޓްރީކޮށްދިނުމުގައި މިނިސްޓަރު ނަހުލާ އާއި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު މާލީ ތަނަވަސްކަން ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭނާ ހުށަހެޅި މައްސަލައާއެކު 57 އުޅަނދެއް ރަޖިސްޓްރީކޮށްދިނުމުގައި ގަވާއިދާ ހިލާފުވެފައިވާ ގޮތުގެ ތަފްސީލުކޮށްދޭ ރިޕޯޓު ވަނީ ހުށަހަޅާފައެވެ.

ރުޝޫނާގެ މައްސަލަ އޭސީސީއަށް ހުށަހެޅިއިރު، ވެހިކަލް ރަޖިސްޓްރޭޝަނާ ގުޅޭގޮތުން ބަލަމުންދާ މައްސަލައެއްގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ އޭނާ ސަސްޕެންޑު ކޮށްފައެވެ.

އޭސީސީއަށް މަހުމޫދު ޝަފީގު ފޮނުވި ސިޓީގައި ބުނީ އުޅަނދުތައް ރަޖިސްޓްރީކޮށްފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ގަވާއިދުގެ ދެ ވަނަ އިސްލާހު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް، އެ އުޅަނދުތައް ރަޖިސްޓްރީކުރުމަށް، އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވައިދުގެ 1 ވަނަ އިސްލާހުގެ (ކ) ގައި މަޖުބޫރުކުރާ އެއްގަމު އުޅަނދު އެތެރެކުރުމުގެ ހުއްދަ (L-10) ހުށައަޅާފައިނުވާ ކަމަށެވެ.

އެ އުޅަނދުތައް ރަޖިސްޓްރީކުރަން ހުށަހަޅާއިރު މިނިސްޓަރަށް އެޑްރެސްކޮށް ހުށަހަޅާ ސިޓީ، ޓްރާންސްޕޯޓު މިނިސްޓްރީގެ ސިސްޓަމަށް އެންޓްރީނުކޮށް އަދި ޖަވާބު ދިނުމަކާ ނުލައި އެ ތަކެތި ރަޖިސްޓްރީކޮށްދީފައިވަނީ، ސިޓީގައި ތުހުމަތުކުރި ގޮތުގައި ރުޝާނާ އެވެ.

މިނިސްޓަރު ނަހުލާ ހުއްދަ ދީގެންކަން އެންގުމުގެ ގޮތުން ކޮންމެ ހިދުމަތަކާއެކު ހުށަހަޅާ ފޯމުގެ އަރިމަތީގައި މިނިސްޓަރު އައިޝަތު ނަހުލާ ސޮއިކޮށް ހުއްދަ ދީފައިވާކަން ލިޔެފައިވާކަމަށް ސިޓީގައި ބުނެފައިވެއެވެ.

"މި އުޅަނދުތައް އެތެރެކޮށްފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެއްގަމު އުޅަނދުގެ ވިޔަފާރި ކުރަމުންދާ ކުންފުންޏަކުން ދުރާލައި ރާވައިގެން ރަޖިސްޓްރީކުރެވޭނެ ކަމުގެ ޔަގީންކަމާއެކުގައެވެ. އަދި މިނިސްޓްރީއަށް ހުށަހަޅާ ސިޓީތަކުގައި އެ ކުންފުނީގެ ތައްގަނޑު ޖަހާފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން އެކި ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ސިޓީތަކުގެ އިބާރާތަށް އަދި ލިޔުމުގައި ބޭނުންކޮށްފައިވާ ފޮންޓު އަދި އުޅަނދުތައް އެތެރެކުރި ފަރާތްތަކަކީ އެއްބައެއްކަން އެނގެއެވެ،" ސިޓީގައި އިތުރަށް ބުނެފައިވެއެވެ.

ނަހުލާ އާއި ރުޝޫނާގެ މައްސަލަ އޭސީސީއަށް ހުށަހެޅިއިރު، ގަވާއިދާ ހިލާފަށް ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދޭ މައްސަލަ ވަނީ ބޮޑުވެފައެވެ. އޭގެ ތެރެއިން 80 އަށްވުރެ ގިނަ އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރުމުން ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ މިނިސްޓްރީން ނެރުނު އިއުލާނާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެ ދެ އިއުލާނުގައި ހިމެނޭ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލްވެފައިވާ ކަމަށް މި ވަގުތަށް ނުބެލުމަށެވެ.

ނަމަވެސް އެކަން ބަލައިނުގަނެ ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

- ކޮމެންޓް