ދިވެހިރާއްޖެއާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރުމަށް 55 އަހަރު ފުރުން ފާހަގަކުރުމަށްޓަކާ "ޖަޕާން މޯލްޑިވްސް ފެސްޓިވަލް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ފެސްޓިވަލް އަށް ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށް ޖަޕާނުގެ އެންބަސީން ބުނެފިއެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި ފެސްޓިވަލް އަކީ ޖަޕާން އެމްބަސީގެ އިސްނެގުމަކަށް ބޭއްވި ހަރަކާތެކެވެ. ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި "ރާއްޖެ އެމްވީ" އަށް ވިދާޅުވީ މީގެ ކުރިން ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަކުރުމަށް މިފަދަ ފެސްޓިވަލްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19އިގެ ސަބަބުން މި ފަދަ ފެސްޓިވަލް އެއް ބާއްވާފައި ވަނީ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އާއްމުންގެ ފަރާތުން ފެސްޓިވަލް އަށް ލިބުނު ތަރުހީބަށް ބަލާލުމުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ރަމްޒުކޮށްދޭކަމަށް އޭނާ ވިދާޅުވިއެވެ.
ވަރަށް އުފާވެރި މަންޒަރެއް މިއީ. އެއް ގައުމާއި އަނެއް ގައުމާއި ހުރި އެއް ގޮތް ކަންތައްތަކާއި ސަގާފަތް ވަރަށް ކުލަގަދަކޮށް ފެނިގެން އެބަދޭ. އަދި ޒަމާންވީ ގާތްގުޅުން ވަރަށް ރަނގަޅަށް މިތަނުން ރަމްޒުކޮށްދޭޖަޕާން ސަފީރު
ހުކުރު ދުވަހުގެ ހަވީރު 4:00 އިން 22:00 އަށް ގެންދިޔަ ފެސްޓިވަލް އަކީ ޖަޕާނާއި ރާއްޖޭގެ ސަގާފަތާއި އާދަކާދައިގެ މައުލޫމާތު ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ ފެސްޓިވަލްއެކެވެ. ފެސަޓިވަލްގެ ތެރެއިން މާޝިއަލް އާޓްސްގެ ހަރަކާތްތަކާއި، ދިވެހިންގެ މެދުގައި މަޝްހޫރު ޖަޕާނުގެ ކެއުމެއްކަމަށްވާ "ސޫޝީ" ތައްޔާރުކުރާނެ ގޮތް ވަނީ ދައްކާލާފައެވެ. މީގެ އިތުރުން ޖަޕާނުގެ ސަގާފީ ހެދުން ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް އެ ފެސްޓިވަލްގެ ތެރެއިން ވަނީ ހޯދާދީފައެވެ. ހަމައެހެންމެ ޖަޕާނާއި ގުޅުން ހުރި ބައެއް ކާނާގެ ބާވަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު މި ފެސްޓިވަލްގެ ތެރެއިން ލިބިގެން ދިޔައެވެ. އޭގެ ތެރޭގައި މަޝްހޫރު ޖަޕާން މިލްކް ބްރެޑް އާއި ޖަޕާނުގައި ހިކިމަހުން ތައްޔާރުކުރާ ކެއުުމުގެ ބާވަތްތައް ފާހަގަކޮށްލެވެއެވެ. އެގޮތުން ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ "ޔަމާކީ"އިން އުފައްދާ މަހުގެ ބާވަތްތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ފެސްޓިވަލްގައި ކަރުދާހުން ތަފާތު އެއްޗެހި ތައްޔާރުކުރަން ދަސްކޮށްދިނުމާއި ކުޑަކުދިންނާއި ގުޅުން ހުރި ބައެއް ގޭމްތައް ކުޅުންވެސް ކުރިއަށް ގެންދިޔައެވެ. މީގެ އިތުރުން އެ ފެސްޓިވަލްގައި، އިކޮނޮމިކް މިނިސްޓްރިއާއި، ޖަޕާންއާއި ގުޅިގެން ކުދި ވިޔަފާރިތަކާއި އަދި މެދުފަންތިގެ ވިޔަފާރިތައް ކުރިއެރުވުމަށް ހުޅުވުނު އޮތެންޓިކް މޯލްޑިވްސްގެ ސްޓޯލްތައް ވަނީ ބަހައްޓާފައެވެ.
ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 55 އަހަރު ވެފައި ވާއިރު ޒަމާނުއްސުރެ ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ބައިވެރިއެކެވެ. ޖަޕާނަކީ ރާއްޖެ އަށް ދިމާވި އެކި ހާލަތުތަކުގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ އެއް ގައުމެވެ. އަދި މީހުން ބިނާކުރުމާއި ކުރިއެރުވުމުގެ އިތުރުން އުމްރާނީ އަދި އިޖްތިމާއީ ތަރައްގީގެ ދާއިރާއިން ވެސް ޖަޕާނުގެ އެހީތެރިކަން ރާއްޖެ އަށް ކެނޑިނޭޅި ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.