ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްސަ ސިޓީފުޅެއް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާއިދު އާލް ނަޙްޔާނަށް އަރުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، ރައީސްގެ މި ސިޓީފުޅު ޔޫއޭއީގެ ރައީސްއަށް އެރުވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުއެވެ. އެއީ، އެމަނިކުފާނު މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ފޮރިން މިނިސްޓަރު ޝައިޚް ޢަބްދުﷲ ބިން ޒާއިދު އާލް ނަޙްޔާނާ ބައްދަލު ކުރެއްވުމަށްފަހުއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ޔޫއޭއީގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަންގައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރައީސްގެ ފަރާތްޕުޅުން ޔޫއޭއީގެ ސަރުކާރާއި، އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އެ ދެ ގައުމުގެ ޒަމަންވީ ގާތް، ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޔޫއޭއީ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން، ޚާއްސަކޮށް އަބޫދާބީ ފަންޑުން ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ފޮރިން މިނިސްޓަރުން ވަނީ، ދެ ގައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު އާމިނަތު ޝަބީނާއާއި، ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ވަނީ، އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު އާލް ސުވައިދީއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ވަނީ އާބޫދާބީ ފަންޑުގެ އެހީގައި ރާއްޖޭގައި މިވަގުތު ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އަބޫދާބީ ފަންޑުން ވަނީ، ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައެވެ.