ޕާކިސްތާނުގައި ލީކުވަމުން ދިޔަ ތެޔޮ ޓޭންކަރެއް ގޮވުމުގެ ސަބަބުން 149 މީހުން މަރުވެ، 117 މީހުން ޒަޚަމްވެއްޖެއެވެ.
މި ހާދިސާ ހިނގީ އާދިއްތަ ދުވަހު ހެނދުނުގެ ވަގުތެއްގައި ކަރާޗީން ލާހޯރަށް ދަތުރު ކުރަމުން ދިޔަ ތެޔޮ ޓޭންކަރު، ޕަންޖާބު ޕްރޮވިންސްގެ ބަހަވަލްޕޫރު ކައިރިން ހައިވޭ އިން ފުރޮޅާލުމުގެ ސަބަބުންނެވެ.
އޮފިޝަލުން ސިފަކޮށްފައިވާ ގޮތުގައި މިއީ ޕާކިސްތާނުގެ ތާރީޚުގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އަންހެނުންނާ ކުޑަކުދިންވެސް ހިމެނެއެވެ.
ފުރޮޅާލި ޓޭންކަރުން ފަންސާސް ހާސް ލީޓަރުގެ ތެޔޮ ބޭރުވި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލަކު ބުނީ، މަރުވި ބައެއް މީހުންގެ ހަށިގަނޑު އެކީ އަނދާ ހުލިވެފައި ވުމާއެކު ކާކުކަން ދެނެގަނެވޭނެ ހަމައެކަނި ގޮތަކީ ޑީއެންއޭ ޓެސްޓުން ކަމަށެވެ.
ޒަޚަމްވެފައިވާ މީހުން ހޮސްޕިޓަލުތަކައް ގެންދިއުމުގެ މަސައްކަތް ކުރީ ހެލްކޮޕްޓަރުތައް ބޭނުން ކޮށްގެންނެވެ.
ބަހަވަލްޕޫރުގެ ފުލުހުން އެ ސަރަހައްދުން މީހުން ދުރުކުރުމަށް މަސައްކަތް ކުރި ނަމަވެސް ޕެޓްރޯލް ނަގަން އުޅުނު މީހުން އެކަމަށް ސަމާލުކަން ނުދިންކަމަށް މަންޒަރުދުށް މީހުން ބުނެފައިވެއެވެ.
ހާދިސާގައި އެތައް ބަޔަކު މަރުވެގެން ދިޔުމުގެ އިތުރުން ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އެ ސަރަހައްދުގައި ހުރި އެތައް އުޅަނދެއްވެސް ވަނީ އަނދާ ހުލިވެފައެވެ.
ބައެއް މީހުން ބުނާގޮތުގައި، ޓޭންކަރު ފުރޮޅާލީ، ޓޭންކަރުގެ ޓަޔަރެއް ގޮވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
ޓޭންކަރުން ތެޔޮ ލީކުވާ ވާހަކަ ވިލެޖުގެ މީހުންނަށް އެންގީ މިސްކިތެއްގެ ލައުޑް ސްޕީކަރު ބޭނުން ކޮށްގެން އެނައުންސް ކުރުމުން ކަމަށް ފުލުހުންނާ ހަވާލާދީ ދަ ގާޑިއަންގައި ބުނެފައިވެއެވެ. އޭއެފްޕީން ބުނެފައިވަނީ، ޓޭންކަރު ފުރޮޅާލި ޚަބަރާއެކު، ރަމަޒާންޕޫރު ޖަޔާގެ މީހުންތައް ބާލިދީއާ ހުސްފުޅި އާއި ތެލިފަދަ ތަކެތި ހިފައިގެން ޕެޓްރޯލް ހޯދަން އެތަނަށް ޖަމާވީއެވެ. ފައި މަގުގައި އައި މީހުންގެ އިތުރުން ސައިކަލާ، ކާރުގައިވެސް ޕެޓްރޯލް ހޯދަން އެ ތަނަށް މީހުން ދިޔަ ކަމަށް އޭއެފްޕީން ބުނެފައިވެއެވެ.
ބޮޑު އަލިފާން ގުޅައެއް އައިސް ޕެޓްރޯލް ހޯދަން އުޅުނު މީހުންތައް ވަށާލީ އުޅަނދު ފޮރޮޅާލިތާ ދިހަ ވަރަކަށް މިނެޓްގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަލިފާން ރޯވި ސަބަބު ކަނޑައެޅިގެން ސާފު ނުވި ނަމަވެސް އަލިފާން ރޯވީ މީހަކު އެއްލާލި ސިނގިރޭޓް ބުރިއަކުން ކަމަށް ޕާކިސްތާނުގެ އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު އިނގިރޭސި ވިލާތައް ކުރައްވަން ގެންދެވި ޗުއްޓީ ދަތުރުފުޅު ވަނީ ކުރުކޮށްލައްވާފައެވެ.
ޕާކިސްތާނަކީ، މަގުތަކުގެ ފެންވަރު ދަށްވުމާއި، އުޅަނދުތައް ނުބެލެހެއްޓުމުގެ ސަބަބުން މަގުމަތީގެ މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ވަރަށް ގިނައިން ކުރިމަތިވާ ގައުމެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ ގައުމެކެވެ.