ކ. މާލެ
|
26 ނޮވެންބަރ 2022 | ހޮނިހިރު 02:12
އެމެރިކާ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން
އެމެރިކާ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
އިންގްލެންޑާއި އެމެރިކާ އެއްވަރު، ގްރޫޕް އިތުރަށް ފޯރި ގަދަވެއްޖެ
 
މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެން

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީގައި އިންގްލެންޑާއި އެމެރިކާ ބައްދަލުކުރި މެޗު އެއްވަރުވުމުން ގްރޫޕްގެ ފޯރި ގަދަވެއްޖެއެވެ.

އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަމަވެސް ދެޓީމުންވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގައި އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭންގެ ހަމަލާ އެމެރިކާގެ ޑިފެންޑަރުން ދިފާއު ކުރިއިރު، މޭސަން މައުންޓް ފޮނުވާލި ބޯޅަ މަތަކުރީ އެމެރިކާގެ ކީޕަރެވެ. އެމެރިކާގެ ތަރި ޕުލިސިޗް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އިންގްލެންޑު ގޯލުގެ ހުރަސް ދަނޑިއަށެވެ. މެކްކެނީ ޖެހި ބޯޅަ ގޯލާއި އަމާޒު ނުވެއެވެ.

ދެވަނަ ހާފުގައިވެސް ރަނގަޅަށް ކުޅުނީ ފުރަތަމަ ހާފުގައިވެސް ރަނގަޅަށް ކުޅުނު އެމެރިކާއިންނެވެ. ނަމަވެސް ދެވަނަ ހާފުގައި އެޓީމަށް ރަނގަޅު ފުރުސަތެއް ނުހޯދެއެވެ. ދެވަނަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިންގްލެންޑުގެ ކެޕްޓަން ހެރީން ކޭންއަށެވެ. ހިލޭ ޖެހުމެއްގައި މަތިން އައި ބޯޅައެއް ކޭން ބޮލުން ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލާއި އަމާޒު ނުވެ ބޭރަށެވެ.

މީގެ ކުރިން މި ދެޓީމު ވަނީ 11 ފަހަރު ވާދަކޮށްފައެވެ. އޭގެ ތެރެއިން 8 މެޗު އިންގްލެންޑުން ކާމިޔާބު ކުރިއިރު ދެމެޗުން އެމެރިކާ މޮޅުވިއެވެ. އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ވޯލްޑް ކަޕްގައި މީގެ ކުރިން މި ދެޓީމު ދެ ފަހަރު ބައްދަލުކުރިއެވެ. 1950 ވަނަ އަހަރުގެ މުބާރާތުގައި އިންގްލެންޑުންގެ މައްޗަށް އެމެރިކާ ކުރިހޯދީ 1-0ން ނެވެ. އޭގެ ފަހުން 2010 ވަނަ އަހަރު ކުޅުނު މެޗު ނިމުނީ ކޮންމެ ޓީމަކުންވެސް ލަނޑެއް ޖަހާ އެއްވަރު ވެގެންނެވެ.

މި ނަތީޖާއާއެކު ގްރޫޕް ބީގެ ފޯރި ވަނީ ގަދަވެފައެވެ. ގްރޫޕްގެ ކޮންމެ ޓީމެއްވެސް ދެމެޗު ކުޅުނުއިރު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ހުރިހާ ޓީމަކަށްވެސް އެބައޮތެވެ. އެއްވަނާގައި އިންގްލެންޑު އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް އީރާނަށް ތިން ޕޮއިންޓު ލިބޭއިރު ތިން ވަނާގައި އެމެރިކާ އޮތީ ދެޕޮއިންޓު ހޯދައިގެންނެވެ. ފުލުގައި އޮތް ވޭލްސްއަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
100%
ކޮމެންޓް