އިރާނާ ދެކޮޅަށް ވޭލްސް މިއަދު ނުކުންނައިރު ޓީމަށް ލިބިފައިވާ އެންމެ ބޮޑު ދިރުމަކީ ޖޯ އެލަން މުޅިން ފިޓްވުމެވެ. އޭނާ އަށް މެދުތެރެ ބެލެހެއްޓޭ ގޮތް ވުމަކީ ކޯޗު ގަބޫލުކުރާ ގޮތުގައި އިރާން ފަދަ ޓީމަކާ ދެކޮޅަށް ކުޅެން ވޭލްސްއަށް ލިބުނު ވަރަށް ބޮޑު ޕްލަސް ޕޮއިންޓެކެވެ.
މިއަދުގެ މެޗުގައި ވެސް ވޭލްސް ކުޅޭނީ 3-4-2-1 ފޯމޭޝަނަށެވެ. އެއީ ދެ އަރިމަތިން އެޓޭކްކުރުމަށް ގެރެތް ބޭލް އާއި ބެރްނަން ޖޯންސަން ނުވަތަ ޑޭން ޖޭމްސްގެ ސްޕީޑާއި ހަކަތަ އެންމެ ރަނަޅަށް ބޭނުންކުރެވޭނީ މި ގޮތަށް ކުޅެގެން ކަމަށްވާތީއެވެ. ޖޯ އެލަންއާ އެކު މެދުތެރެ ބަލަހައްޓާނީ އާރޮން ރަމްސޭއެވެ. މި ދެ ކުޅުންތެރިންނަށް ކޯޗު ހަވާލުކޮށްފައިވާ އެންމެ ބޮޑު އެއް ޒިންމާ އަކީ ވިންގް ބެކުން އެޓޭކްގައި ބައިވެރިވިޔަދިނުމަށް އެމީހުން ހުސްކުރާ ޖާގަތައް ރަނގަޅަށް ފޫބެއްދުމެވެ.
ކޯޗު ބުނާ ގޮތުގައި ވޭލްސްގެ ގިނަ ކުޅުންތެރިންނަށް މުބާރާތުގެ ކުރިން ފިޓްނަސްގެ މައްސަލަ ދިމާވިޔަސް، މިހާރު މުޅި ޓީމު ވެސް އޮތީ ގަދަވެ ހެޔޮހާލުގައެވެ. އަދި ޖޯ އެލަން މުޅިން ފިޓްވުމުން ރަމްސޭ ލައްވައި އޭނާގެ ފޯވަޑެއްގެ ފަހަތުން ކުޅުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިއަދުގެ މެޗަކީ ބޭލް އަށް ވަރަށް ހާއްސަ މެޗެކެވެ. މި މެޗާއެކު ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުންތެރިޔާގެ މަގާމު އޭނާ އަށް ލިބިގެންދާނެއެވެ. 109 މެޗާއެކު މި ވަގުތު މި ރެކޯޑް އޮތީ ކްރިސް ގަންޓާގެ އަތުގައެވެ.
ވޭލްސް ޓީމުން މިއަދުގެ މެޗު ފަށާނީ ޖޯޝާއެކު އެޓޭކް ކުރަން ވިސްނައިގެންނެވެ. އެއީ ފަހަތުގައި މަޑުކޮށްގެން މިއަދުގެ މެޗުގައި އެމީހުން ބޭނުންވާ ނަތީޖާ ނޫން ގޮތަށް މެޗު އެނބުރިދާނެތީވެ، އެކަމަށް ފުރުސަތު ނުދިނުމުގެ ގޮތުންނެވެ. މި މެޗުން ބަލިނުވެ ހިފަހައްޓާލައިފިނަމަ، ދެ ވަނަ ބުރަށް ދިއުމަށް ވޭލްސް އަށް އަމިއްލަ ބާރު އޮންނާނެއެވެ.