ކ. މާލެ
|
25 ނޮވެންބަރ 2022 | ހުކުރު 13:04
ހުކުރު ނަމާދު
ހުކުރު ނަމާދު
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
އެހެން މީހުންގެ އުނި ސިފަތައް ހޯދުމުގެ ބަދަލުގައި ތިމާގެ އުނި ސިފަތައް ބަލައި ރަނގަޅު ކުރުމަށް އިސްކަންދީ: ޚުތުބާ
އިންސާނާގެ ކަރާމާތައް އުނިކަން ލިިބިދާނެ ކަންކަމުން އޭނާގެ ނަފްސު ސަލާމަތްކޮށް، ރައްކާތެރިކުރުމަށް އިސްލާމްދީން ބާރު އަޅާ
މުސްލިމް އަޚާގެ ނަފްސުގެ ކަރާމާތާއި އިއްޒަތް ނަގައިނުލުމަށް ދީނުގައި ބާރު އަޅާ
ބައެއް މީހުންގެ މަސައްކަތަކީ އެހެން މީހުންގެ އުނި ސިފަތައް ހޯދައި ސޯޝަލް މީޑިއާގައި އެކަން ހާމަކުރުުން

އެހެން މީހުންގެ އުނި ސިފަތައް ހޯދައި ބެލުމުގެ ބަދަލުގައި އެންމެ ފުރަތަމަ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސުގެ އުނި ސިފަތައް ބަލައި، ހޯދައި، އެ ސިފަތައް ރަނގަޅު ކުރުމަށް އިސްކަން ދިނުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"އަމިއްލަ ނަފުސު އިސްލާހު ކުރަން އިސްކަންދޭށެވެ" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ އިންސާނާގެ ކަރާމާތައް އުނިކަން ލިިބިދާނެ ކަންކަމުން އޭނާގެ ނަފްސު ސަލާމަތްކޮށް، ރައްކާތެރިކުރުމަށް އިސްލާމްދީނުގައި ބާރު އަޅާފައިވާ ކަމަށެވެ. އަދި ތިމާގެ މުސްލިމް އަޚާގެ ނަފްސުގެ ކަރާމާތާއި އިއްޒަތް ނަގައިނުލުމަށް ދީނުގައި ބާރު އަޅާ ކަމަށާއި އެހެން މީހުން ކުށްތަކާއި އައިބުތަކާއި އުނި ސިފަތައް ހޯދައި ކަޝްފު ކުރުން މަނާ ކުރައްވާފައިވާކަމަށެވެ. އެގޮތަށް ދީނުގައި ބުނެފައިވަނީ އެއީ އިންސާނާގެ ދުނިޔެއާއި އާޚިރަތް ފަސާދަ ކުރާ ބަލިމަޑުކަމަށްވާތީ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

މިއަދުގެ ހާލަތް ހާމަކޮށް ޚުތުބާގައި ބުނީ ބައެއް މީހުންގެ މަސައްކަތަކީ އެހެން މީހުންގެ އުނި ސިފަތައް ހޯދައި ސޯޝަލް މީޑިއާގައި އެކަން ހާމަކުރުުން ކަމަށެވެ. އެގޮތަށް ހާމަ ކުރާއިރު ބައެއް ފަހަރަށް މީހުންގެ ހާލަތާއި ސިފައަށް މަލާމާތް ކުރާ ކަމަށާއި އަނެއްބައި ފަހަރު މީހުންގެ ހަސަބާއި ނަސަބާ ގުޅޭގޮތުން ނެތިމޮށޭ ކަމަށް ވެސް ބުންޏެވެ. މިގޮތަށް ވާހަކަތައް ފަތުރާ މީހުން ދެކޭގޮތުގައި އެ މީހުންނަކީ އުނި ސިފައެއް ނެތް ބައެއް ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

އެހެން މީހުންގެ އުނި ސިފަތައް ހޯދައި އެކަންކަން އާއްމުކޮށް، ފުރައްސާރަ ކުރުމަކީ އެ މީހާގެ ޙައްގަށް އަރައިގަނެ، އޭނާގެ ނަފްސަށް ދެވޭ އަނިޔާއެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

އަނިޔާވެރިކަމަކީ ތަފާތު ސިފަސިފައިގައިވާ ކަމެއް. އޭގެ ތެރޭގައި އަމަލުން ކުރާ އަނިޔާ އާއި ބަހުން ކުރާ އަނިޔާ އާއި ނަފްސާނީ ގޮތުން ކުރާ އަނިޔާވޭ. އަމަލު ކުރާ އަނިޔާގެ ތެރޭގައި މީހުންގެ ނަފްސަށާއި އަބުރަށާއި މުދަލަށާއި އެ މީހުންގެ ޙައްގުތަލަށް އަރައިގަތުންވޭ. މީހުންނަށް ފުރައްސާރަ ކުރުމަކީ އެ މީހުންގެ ނަފްސަށް ދެވޭ އަނިޔާއެއް،
ހުކުރު ޚުތުބާ

އެއްބަޔަކު އަނެއް ބަޔަކާ ދިމާއަށް ނުރުހޭ ބާވަތުގެ ލަގަބުން ނުގޮވުމަށް މާތް ﷲ އަންގަވާފައިވާކަން ފާހަގަކޮށް ޚުތުބާއި ބުނީ އެކަން މިއަދު ވަރަށް އާއްމުވެފައިވާ ކަމަށެވެ. މީހުންގެ ސިފައާއި ކުލައާއ ފޭރާން އަޅައިއުޅޭގޮތަށް ފާޑުކިޔައި މަލާމާތް ކޮށް ފުރައްސާ ކުރާ ވާހަކަތައް އިވޭ ކަމަށާއި އެއީ ސީދާ މާތްﷲ ގެ އަމުރުފުޅާ ޚިލާފު ކަންކަން ކަމަށެވެ. އަދި އެއީ ވެސް އަނިޔާވެރިވުމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައި ޚުތުބާގައި ބުންޏެވެ.

މީހުންގެ ހުންނަ އުނި ސިފަތައް ހޯދުމުގައި އަވަދިނެތި އުޅުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިސްލާހު ކުރުމަށް މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ. ކޮންމެ މީހަކީ ވެސް އުނި ސިފަ ހުންނާނެ މީހެއް ކަމަށާއި ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެކަން ހަނދާންކޮށްދީ ޚުތުބާގައި ވަނީ އެހެން މީހުންގެ އައިބުތައް ފޮރުވައި ވަންހަނާކުރުމަށް އިސްލާމްދީން އަންގަވާކަމަށް ބުނެފައެވެ.

ޚުތުބާގައި ބުނެފައިވާ ގޮތުގައި ކޮންމެ މީހަކު ވެސް ވާންޖެހޭނީ ދުލުން ގޯނާ ކުރުމާ ދުރުހެލިވެގެންވާ މީހަކަށެވެ. ދުލުން ގޯނާ ކުރުމާ ދުރުހެލިވުމަކީ ނެތިމޮށުމާއި، މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމާއި، ދެބައޮޑުވުން ފަދަ ކަންކަމުން ދުރުހެލިވުމެވެ. ހަޑިހުތުރު ބަސްތަކުން މުޚާތަބުކުރުމާ ދުރުހެލިވުމެވެ.

- ކޮމެންޓް