ކ. މާލެ
|
25 ނޮވެންބަރ 2022 | ހުކުރު 08:36
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
މުހައްމަދު ޝަރުހާން
ދައުލަތުގެ އާމްދަނީ
ދައުލަތުގެ އާމްދަނީއާއި ހިލޭ އެހީ 23.6 ބިލިއަނަށް އަރައިފި
ޓެކުހުން 16.9 ބިލިއަން ރުފިޔާ ލިބިފައިވޭ
ޓެކްސް ނޫން ގޮތްގޮތުން 6.5 ބިލިއަން ރުފިޔާ ލިބިފައިވޭ
322.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ލިބިފައިވޭ

އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ 23.6 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 5 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 17.9 ބިލިއަން ރުފިޔާއެވެ.

އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިފައިވަނީ ޓެކްސްއިނެވެ. 16.9 ބިލިއަން ރުފިޔާގެ އާމްދަނީ ޓެކުހުން ލިބިފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މިގޮތުން އާންމު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. އަދި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ވިޔަފާރިއާއި ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އިމްޕޯޓް ޑިއުޓީން 2.9 ބިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 831.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 704.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

މީގެ އިތުރުން ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން 6.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެގޮތުން ފީއާއި ޗާޖުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ރެޖިސްޓްރޭޝަން އަދި ލައިސަންސް ފީގެ ގޮތުގައި 716 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދައުލަތުގެ ބިންތަކުން ލިބުނު އާމްދަނީ 1.8 ބިލިއަން ރުފިޔާއަށް އަރާއިރު، ޖޫރިމަނާގެ ގޮތުގައި 225 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެހެނިހެން ގޮތްގޮތުން 387.6 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ހާމަކުރެއެވެ.

މީގެ އިތުރުން، ކެޕިޓަލް ރިސިޕްޓުގެ ގޮތުގައި 15.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، 322.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

- ކޮމެންޓް