ކ. މާލެ
|
25 ނޮވެންބަރ 2022 | ހުކުރު 02:04
ސާބިއާ ކޮޅަށް ރިޗާލިސަން ޖެހި ދެވަނަ ލަނޑު
ސާބިއާ ކޮޅަށް ރިޗާލިސަން ޖެހި ދެވަނަ ލަނޑު
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް 2022
ރިޗާލިސަން ވިދާލައިފި، ބްރެޒިލްގެ ފެށުން ހިތްގައިމު
 
ބްރެޒިލްއަށް ގިނަ ފުރުސަތުތަކެއް ލިބުނު
 
މެޗުގެ ދެލަނޑުވެސް ޖެހީ ރިޗާލިސަން

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ރިޗާލިސަން ޖެހި ދެލަނޑުން ބްރެޒިލް މޮޅުވެއްޖެއެވެ.

ލުސައިލް ސްޓޭޑިއަމްގައި ސާބިއާ އާއި ވާދަކުރި މެޗު ބްރެޒިލް ކާމިޔާބުކުރީ 2-0ންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފުގައި ގިނަ ފުރުސަތުތަކެއް ލިބުނީ ބްރެޒިލްއަށެވެ. ނަމަވެސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވިއެވެ. ހަނި އޭންގަލުން ވިނީޝިއުސް ޖޫނިއަރ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އޭރިއާ ބޭރުން ތިއާގޯ ސިލްވާ ފޮނުވާލި ބާރު ހަމަލައާއި ރިޗާލިސަން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސާބިއާގެ ކީޕަރު ވަންޖާ މިލިންކޮވިޗް-ސާވިޗްއެވެ.

ދެވަނަ ހާފު ފެށިގެން ބޮޑަށް ކުރިއަށްޖެހިގެން ލަނޑު ޖަހަން ބްރެޒިލްއިން ކުރި މަސައްކަތް ކާމިޔާބުވީ ގިނަ ހަމަލާތަކެއް އުފެއްދި ފަހުންނެވެ. ނޭމާ ފޮވުވާލި ހިލޭ ޖެހުން ފާރުގައި ޖެހިފައި ބޭރަށް ދިޔައިރު އަލެކްސް ސަންޑްރޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ސާބިއާ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ބްރެޒިލްއަށް ލީޑު ނަގައިދިނީ ރިޗާލިސަންއެވެ. މިއީ ވިނީޝިއޫސް ފޮނުވާލި ހަމަލާއެއް ސާބިއާ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތުމުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ރިޗާލިސަންގެ ދެވަނަ ލަނޑަކީ މި މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ހިތްގައިމު އެއް ލަނޑެވެ. ވިނީޝިއޫސް ދިން ބޯޅަ މައްޗަށް ހިއްލާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލީ އޯވަ ހެޑަކުންނެވެ.

އޭގެ ފަހުންވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ބްރެޒިލް ޓީމުން ތަނަވަސްކުރިއެވެ. ކަސެމީރޯ ފޮނުވާލި ބާރު ހަމަލާ ގޯލު ދަނޑީގައި ޖެހިފައި ނުކުތް އިރު ފްރެޑް ފޮނުވާލި ބޯޅަ ގޯލަށް ވަނަނުދީ ހިފެފެއްޓީ ސާބިއާގެ ކީޕަރެވެ.

މުޅި މެޗުގައިވެސް ބްރެޒިލްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ސާބިއާއަށް ނުއުފެއްދުނެވެ. އެމީހުން މަސައްކަތް ކުރީ ބްރެޒިލްއިން ފުލުފުލުގައި އުފެއްދި ނުރައްކާތެރި ހަމަލާތައް ދިފާއު ކުރުމަށެވެ.

މީގެ ކުރިން މި ދެޓީމު ބައްދަލުކުރީ އެންމެ ދެމެޗުގައެވެ. 2014 ވަނަ އަހަރު ކުޅުނު ރަހުމަތްތެރިކަމުގެ މެޗު ބްރެޒިލް ކާމިޔާބުކުރީ 1-0ންނެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މި ދެޓީމު ކުޅުނު މެޗުން ބްރެޒިލް މޮޅުވީ 2-0ންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙަފްޞީ ޢަބްދުالله
0%
14%
0%
14%
0%
71%
ކޮމެންޓް