ކ. މާލެ
|
24 ނޮވެންބަރ 2022 | ބުރާސްފަތި 14:47
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ރައީސް އޮފީސް
ޓެކްސް ބޮޑުކުރުން
ޓެކްސް ބޮޑުކޮށްގެން ނޭދެވޭ އަސަރެއް ނުކުރާނެ - މިއުވާން
ސަރުކާރުން ހިންގާ މަޝްރޫއުތަކާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދީ އިގްތިސާދު މެނޭޖްކުރުމަށް އަޅަމުންދާ ފިޔަވަޅުގެ ތެރެއިން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން ނިންމީ
ރިޒަރވް ރަނގަޅުކުރުމަށް މިވަގުތަށް އެޅެން ހުރި އެންމެ ރަނގަޅު ފިޔަވަޅަކީ ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުން
ޓެކްސް ބޮޑުކުރާ އިސްލާހު ރައީސް ވަނީ ތަސްދީޤުކުރައްވާފަ

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް އަދި ފަތުރުވެރިކަމުގެ މުދަލައި ހިދުމަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަަސަރެއް ނުކުރާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް 1 ޖަނަވަނީ 2023 އިން ފެށިގެން 16 އިންސައްތަ، އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ނެގޭ ޖީ.އެސް.ޓީ 1 ޖަނަވަނީ 2023 އިން ފެށިގެން 8 އިންސައްތަ ކަމުގައި ކަނޑައަޅާފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އަންގާރަ ދުވަހު ތަސްދީޤުކުރައްވާފައެވެ.

ޓެކްސް އަށް އަންނަ ބަދަލާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލުގެ ޖަވާބުގައި މިއުވާން ވިދާޅުވީ ޓެކްސް ބޮޑުކޮށްފައިވަނި ދައުލަތުގެ ކަމާއިގުޅޭ އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި އަދި އިންޑަސްޓްރީގެ އެކިއެކި ފަރާތްތަކާއި މަޝްވަރާކުރުމަށްފަހުގައި އަދި ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ވެސް ލަފަޔާ އެއްގޮތަށް ކަމަށެވެ.

މިއުވާން ވިދާޅުވީ އިންޑަސްޓްރީގެ ބޭފުޅުންނާއި ވާހަކަ ދައްކާލެއްވީ އެކަން އެނގިވަޑައިގަންނަވާނެ ކަމަށާއި، މިއީ އިންޑަސްޓްރީގެ އިތުރުން މުޅި ރާއްޖޭގެ އިގްތިސާދު މެނޭޖްކުރުމަށްޓަކައި އެޅިގެންދާ ފިޔަވަޅެއް ކަމަށެވެ.

ޖީއެސްޓީގެ ސަބަބުން އަދި ޓީޖީއެސްޓީގެ ސަބަބުން އޭގެ ނޭދެވޭ އަސަރެއް ނުކުރާނެ. ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކާއި ޕްރޮޖެކްޓްތަކާއި އަދި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މެދު ނުކެނޑި ފޯރުކޮށްދިނުމަށް އަދި އިގްތިސާދު މެނޭޖްކުރުމަށް އަޅަމުންދާ ފިޔަވަޅުގެ ތެރެއިން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން ނިންމީ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

މިއުވާން ވިދާޅުވީ ދައުލަތުގެ ރިޒަރވް ރަނގަޅުކުރުމަށް މިވަގުތަށް އެޅެން ހުރި އެންމެ ރަނގަޅު ފިޔަވަޅަކީ ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކޮށް ބޭރުފައިސާގެ ރިޒަރވް ރަނގަޅިވެގެން ދިއުން ކަމަށެވެ. މި ދަނޑިވަޅުގައި ޓީޖީއެސްޓީ ރޭޓް ބޮޑުކުރުމަކީ ރިޒަރވްއަށް ވެސް އޭގެ ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށާއި، އަންނަ އަހަރު އެ ބަދަލުތައް ފެނިގެންދާނެ ކަމަށެވެ.

މިއުވާން ވިދާޅުވީ ޖީއެސްޓިއަށް ގެނެވޭ ބަދަލާއެކު އިންފްލޭޝަން 5.5 އިންސައްތައިގައި ހުންނަ އިރު އަވަށްޓެރި އެހެންގައުމުތަކާއި އެހެނިހެން ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ދަށް ކަމަށެވެ.

ޓެކްސް އަށް ގެނައި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ، ކޮވިޑް-19ގެ ސަބަބުންނާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ދަޢުލަތުގެ ޚަރަދުތައް މަތިވެ ދަރަނި ބޮޑުވުމާއި ގުޅިގެން ދަރަނި ކުޑަކޮށް ފިސްކަލް ސަސްޓެއިނަބިލިޓީ ކަށަވަރުކުރުމާއި، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ދައުލަތުގެ އާންމްދަނީ އިތުރުކުރުމެވެ.

މި އިޞްލާހުގެ ތެރެއިން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޖީ.އެސް.ޓީ. އާއި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޖީ.އެސް.ޓީގެ ރޭޓު މަތިކުރުމަށްޓަކައި މި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ވަނީ ގެނެސްފައެވެ.

- ކޮމެންޓް