ފައިސާގެ ބަދަލުގައި ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން، ހަ ރަށެއްގެ އެއާޕޯޓު ހަދަން ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދަން އިތުރު ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އެކަމާއި ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މި ފަހަރު ފައިނޭންސިން އެއްބަސްވުމެއް ހެދީ މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޑެޓާއެކު ކަމަށެވެ. އެއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކުމުގެ ވިޔަފާރިކުރަމުން އަންނަ ކުންފުންޏެކެވެ.
ބ. ތުޅާދު އާއި ށ. ބިލެތްފައްސާއި ތ. ވިލުފުއްޓާއި ހދ. މަކުނުދު އާއި ފ. މަގޫދޫ އަދި ރ. އަތޮޅުގެ ދެކުނު ބިތުގެ ރަށެއްގައި ރީޖަނަލް އެއާޕޯޓް ހެދުމަށް މިދިޔަ މަހު ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެސް ފައިނޭންސިން އެއްބަސްވުމެއް ޕްލޭނިންގ މިނިސްޓްރީން ހެދިއެވެ.
ސަރުކާރުން ހަރަދު ކުރުމުގެ ބަދަލުގައި އިންވެސްޓަރުން ހަދާ ގޮތަށް ނުވަތަ ފައިސާ ދޭ ގޮތަށް، ކްރޮސް ސަބްސިޑީ އުސޫލުން ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް ހަ އެއާޕޯޓަކަށް ފައިނޭންސްކުރާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ހުޅުވާލީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ.
މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި އެ އިން ކޮންމެ އެއާޕޯޓަކަށް ވެސް ފައިނޭންސް ކުރަން ހުށަހެޅޭނީ ވަކިވަކިންނެވެ. ބީލަން ހުށަހަޅަން ހުޅުވާލީ ވެސް މުޅި އެއާޕޯޓް ހެދުމަށް ނުވަތަ ފައިނޭންސް ކުރުމަށް އެކަނި ހުށަހެޅޭ ގޮތަށެވެ.