ކ. މާލެ
|
23 ނޮވެންބަރ 2022 | ބުދަ 23:08
ބޮޑީ ޝޭމިންގއާބެހޭ ފިލްމް "ޑަބަލް އެކްސް އެލް"ގެ ބަތަލާއިން
ބޮޑީ ޝޭމިންގއާބެހޭ ފިލްމް "ޑަބަލް އެކްސް އެލް"ގެ ބަތަލާއިން
ބީބީސީ
ބޮޑީ ޝޭމިންގ
ބޮޑީ ޝޭމިންގ: ހައްލެއް ހޯދަންޖެހޭ ބޮޑު މައްސަލައެއް
ބޮޑީ ޝޭމިންގއަކީ ރާއްޖޭގައިވެސް ވަރަށް އާންމު ކަމެއް

އިންޑިޔާގެ ކެރަލާ ސްޓޭޓްގެ މިނިސްޓަރަކު ދާދި ފަހުން ފޭސްބުކްގައި ޝަކުވާއެއް ކުރެއްވިއެވެ. އޭނާއަށް ބޮޑީ ޝޭމްކުރެވުމާ ގުޅިގެންނެވެ. ބޮޑީ ޝޭމްކުރުމަކީ އަނެކާގެ ހަށިގަޑު ފަލަކަމަށް ދެކި ކުރެވޭ މަލާމާތެވެ.

އޭނަ ލިއުއްވިގޮތުގައި، ކިޔަވާ ކުދިންތަކަކާ އެކީ ސެލްފީއެއް ނެންގެވިއިރު އެކަކު ބުނި އަޑު އިވުނެވެ. "ބަނޑު ކުޑަކޮށް ހިންދާލާށެވެ." މިނިސްޓަރ ސިވަންކުއްޓީ ވިދާޅުވީ މިގޮތަށް ފަލަ މިހުންނަށް އައިބު ބަސް ބުނުމަކީ ބައެއްމީހުންގެ ގައިގައި ހިފާފައި ހުންނަ ވަރަށް ގޯސް އާދައެއްކަމުގައެވެ.

މިއީ އެންމެންވެސް ހުއްޓާލަން ޖެހިފައިވާ އާދައެއްކަމަށާއި، އެންމެންނަކީވެސް ޒަމާނީ ވިސްނުމުގެ މީހުންނަށް ވާންޖެހޭ ކަމުގައި ވިދާޅުވެފައި ވެއެވެ. މިނިސްޓަރ ސިވަންކުއްޓީ ވިދާޅުވީ، އެހާދިސާއަށްފަހު ސީރިއަސްކޮށް މިމައްސަލައަށް ވިސްނަވަން ފެއްޓެވި ކަމަށާއި، ކިޔަވާކުދިންނާއި ޓީޗަރުންގެ މެދުގައި މިކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ސްޓޭޓް ފެންވަރުގައި މަސައްކަތްޕުޅުކުރައްވާނެ ކަމަށެވެ. މެސެޖަކަށް ވާނީ، ބޮޑީ ޝޭމިންގގެ ގޮތުގައި ބޭނުންކުރެވޭ އިބާރާތްތަކުން ހީކުރާވަރަށްވުރެ ބޮޑަށް "ވިހަ" އަސަރެއް، އިބާރާތް ރައްދުވާ ފަރާތަށް ކުރާނެކަމެވެ. އަދި ސްކޫލް ކަރިކިއުލަމްގެ ބަޔަކަށް މިކަން ހައްދަވާނެކަމަށް ވިދާޅުވެފައިވެއެވެ.

މިމައުލޫއަށް އިންޑިޔާގައި ދާދި ފަހުން ވަނީ ފިލްމެއްވެސް ހަދާފައެވެ. "ޑަބަލް އެކްސް އެލް"ގެ ނަމުން ނަންދީފައިވާ ފިލްމްގައި މަޝްހޫރު ދެބަތަލާއިން ކަމަށްވާ ސޮނަކްޝީ ސިންގހާއާއި ހުމާ ގުރޭޝީ ވަނީ، ފަލަކަމުން ފާޑުކިއުންތަކާ ކުރިމަތިލާން ޖެހުނު ދެ އަންހެނުންގެ ބައި ކުޅެފައެވެ. ދެތަރިންނަށްވެސް ސޯޝަލް މީޑިޔާގައާއި އަދި އަމިއްލަ ހަޔާތުގައިވެސް އެފަދަ ފުރައްސާރައާ ކުރިމަތިލާން ޖެހުނު ގޮތް ދައްކައިދެއެވެ. ފިލްމްގެ ޑިރެކްޓަރ ބުނެފައިވާގޮތުގައި، ދެތަރިން ދައްކާދީފައިވަނީ އެފަދަ މަލާމަތާ ފުރައްސާރަކުރުންތަކުން އަރައިގަނެ، އެ ދެ އަންހެނުން އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދި ގޮތް ކަމުގައެވެ.

ކުރިއަށްދިއުމުގެ އަޒުމް ވަރުގަދަ، އަދި ނުހަނު ގިނަ ހުނަރު ހުރި ޒުވާނުންނަށްވެސް މިފަދަ ބޮޑީ ޝޭމިންގއާހެދި އެއްގޮތަކަށްވެސް ކުރިއަށް ނުދެވިފައި އެބަ ތިބޭ ކަމަށާއި، މިއީ އެއްގޮތަކަށްވެސް އެކަން އޮންނަންވީ ގޮތް ނޫން ކަމުގައެވެ. އަދި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ފިލްމް ޑިރެކްޓަރ ރަމާނީ ބުނީ، އިންޑިޔާގައި މި މައްސަލަ އެހާ ބޮޑުވަނީ ފިލްމް އިންޑަސްޓްރީގެ ސަބަބުން ކަމުގައެވެ. އެހެނީ ފިލްމުތަކުގައި ރީތި އެންމެންވެސް ހިކިކޮށް ތިބެފައި ނުބައިބައި ކުޅޭ، ނުވަތަ ދަށް ނަޒަރަކުން ބެލޭ ރޯލުތަކުގައި ގިނައިން ފަލަ މީހުން ލާފައި ތިބޭތީއެވެ. ވަކި މީހަކު ބޭނުންވުމުން ސައިޒް ޒީރޯއަށް ހަށިގަނޑު ހިކިކޮށް ބެހެއްޓިނަމަވެސް، އެންމެންނަށް އެގަވާއިދު އޮވެގެން ނުވާނެކަމަށް އޭނާ ބުނެފައިވެއެވެ.

ދިވެހި މުޖްތަމައުގައިވެސް ބޮޑީ ޝޭމިންގއަކީ ވަރަށް އާންމު ކަމެކެވެ. ސީރިއަސް މައްސަލައެކެވެ.

ގިނަ ދުވަސްވެފައި ބައްދަލުވާ މީހާވެސް ފުރަތަމަވެސް ބުނާނީ "ހާދަ ފަލަވެއްޖެއޭ"އެވެ. މިހެންބުނާއިރު އޭނަގެ ހަޔާތުގައި ހިނގައިދިޔައީ ކޮންކޮން ކަންތައްތަކެއް ކަމެއްވެސް ތިމާއަކަށް ނޭނގެއެވެ.

ސިއްހީ ސަބަބުތަކާހެދި ފަލަވާ މީހުންވެސް އެބައުޅެއެވެ. "ސްޓްރެސް"ގެ ސަބަބުން ފަލަވާ މީހުން އެބައުޅެއެވެ. މީގެ މާނައަކީ ލަދުން މޫނުގައި އަތްއަޅަން ޖެހޭފަދަ ހާލަތަކަށް އެފަދަ މީހުން ދާންޖެހޭ ވަރަށް ކަންތައް ބެހެއްޓުމެއް ނޫނެވެ. ފުރަތަމަ ފެންނައިރަށް އަނެކާ ޖަޖްކުރުމަށް އަވަސްވެނުގަންނާށެވެ.

މިއީ ސަރުކާރުންނާއި މައިންބަފައިންވެސް މިކަމާ ސީރިއަސްކޮށް ވިސްނައި، ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ މައްސަލައެކެވެ. ފަލަ ކުދިންނަށްވެސް ހެޔޮކޮށް ހިތުމަށް ކުޑައިރުން ފެށިގެން ކުދިންނަށް ބުނެދޭން އެބަޖެހެއެވެ. ކަރިކިއުލަމްގެ ތެރެއިންނެވެ. ފަލަކޮށް ތިބެނީ އަމިއްލަ އިޚްތިޔާރުން ނޫންކަމެވެ. އެކިމީހުންގެ މެޓަބޮލިޒަމް ހުންނާނީ އެކި ގޮތަށް ކަމެވެ. ހިކެން ބޭނުން ވިޔަސް ނުހިކެވިދާނެކަން ބުނެދޭން ޖެހެއެވެ.

އެންމެ ބޮޑުކަމަކީ ބޮޑީ ޝޭމިންގ ރައްދުވާ މީހުން ނުވަތަ މީހާ އެކަމުން އޮފެންޑް ނުވާން ދަސްކުރުމެވެ. ދަސްކޮށް ދިނުމެވެ. މީހުން ކިޔާ އެއްޗަކަށް އެހާބޮޑަށް ނުވިސްނައި، އަމިއްލަ ލައިފް ރަނގަޅުކުރުމައިގެން އުޅެން ދަސްކުރަން ޖެހެއެވެ. އަމިއްލައަށް މައްސަލައަށް ހައްލު ހޯދުމުގެ ހިތްވަރު އެންމެ ކުޑައިރުން ފެށިގެންވެސް ދޭންޖެހެއެވެ.

ޒުވާނުންވެސް ބޮޑީ ޝޭމިންގގެ ނެގެޓިވް އަސަރުތަކުން ނެއްޓެން ޖެހެއެވެ.    

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް