ރާއްޖޭގައި ގެތައް ބިނާކުރާއިރު އައު ގޮތްތަކަށް އަހުލުވެރިވުން މުހިންމު ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހުޅުވި ފުރަތަމަ ޕްރީކާސްޓް ފެކްޓްރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މާލެސިޓީ ނޫންތަނެއްގައި މިކަހަލަ މަސައްކަތެއް ފެށުމުން އުފާކުރައްވާ ކަމަށެވެ. މި ފެކްޓްރީގެ ސަބަބުން ކޮންސްޓްރަކްޝަން ދާއިރާގައި ހިނގާ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށާއި މިއީ ވަރަށް ވެސް ރަނގަޅު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
ހެބިޓެކް ގައުތައް ބޭނުންކޮށްގެންނާއި މޮޑިއުލަރ ގެތައް އެޅުމަށް ދިވެހިން ވަރަށް އަވަހަށް އަހުލުވެރިވެގެންދާނެ ކަމަށާއި ރާއްޖެއަށް ޓެކްނޮލޮޖީގެ އައު ވަސީލަތްތައް ބޭނުންވާކަމަށް ވެސް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ކޮވިޑާއި ރަޝިޔާ ޔޫކްރެއިންގެ ހަނގުރަމާއާ ގުޅިގެން މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް އިންޓްރަސްޓް ރޭޓްތައް ބޮޑުވަމުން އަންނަ ކަމަށާއި ސަޕްލައި ޗެއިންތަކަށް ވެސް އެކަމުގެ އަސަރު ކޮށްފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން ރާއްޖެއަށް ބައެއް ސާމާނުތައް އެތެރެކުރުމަށް ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށާއި މިފަދަ ހާލަތްތަކުގައި އަވަށްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުންތައް ބަދަހިކުރުން ކަމުގައި ވެސް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ އޭރުން މިއަދު މި ފެކްޓްރީ ހުޅުވުނު ގޮތަށް، އިތުރު ފުރުސަތުތައް ވެސް ދިވެހިންނަށް ހުޅުވިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި ދިވެހިން އަމިއްލައަށް މިފަދަ މަސައްކަތްތައް ފަށައިގެން ކުރުމުން ހުރިހާ ގޮތަކުން ވެސް ރާއްޖެއަށް އެކަމުގެ ފައިދާ ކުރާނެ ކަމަށް ވިދާޅުވިއެވެ.
މިފަދަ މަސައްކަތެއް ރާއްޖޭގައި އަލަށް ފަށާއިރު މާކެޓެއް އެހާބޮޑަށް ނެތްނަމަވެސް ފުރުސަތުތައް އެކި ގޮތްގޮތުން ތަނަވަސް ވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.