ކ. މާލެ
|
23 ނޮވެންބަރ 2022 | ބުދަ 18:37
ލަންކާގައި ޕެޓްރޯލް އެޅުމަށް ހަދާފައިވާ ކިއޫއެއް
ލަންކާގައި ޕެޓްރޯލް އެޅުމަށް ހަދާފައިވާ ކިއޫއެއް
ރޮއިޓާރސް
ލަންކާގެ 2023 ވަނަ އަހަރުގެ ބަޖެޓް
ޓެކްސް ބޮޑުކުރަން ނިންމައި، ލަންކާގެ 2023ގެ ބަޖެޓް ފާސްކޮށްފި
ޓެކްސް ބޮޑުކުރަނީ އެ ގައުމުގެ އިގްތިސާދީ ހާލަތު ދަށްވުމާގުޅިގެން

ޓެކްސް ބޮޑުކުރުމަށް ނިންމައި, އަވައްޓެރި ސްރީލަންކާގެ 2023ގެ ބަޖެޓް ފާސްކޮށްފިއެވެ.

ލަންކާގެ މަޖިލީހުން ބަޖެޓް ފާސްކުރުމުގައި ވަނީ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ދީފައިވާ ލަފާތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން، ޓެކްސް ބޮޑުކުރުމަކީ އައިއެމްއެފްގެ ލަފައެކެވެ. މިއާއެކު އައިއެމްއެފްއިން 2.9 ބިލިއަން ޑޮލަރުގެ ލޯނު އެ ގައުމުން މިވަނީ ކަށަވަރު ކޮށްފައެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެ ގައުމުގެ މަޖިލީހުން ފާސްކުރީ ހަތް ދުވަހުގެ ބަހުސަކަށްފަހުއެވެ. ބަޖެޓް ފާސްކުރުމަށް 225 މެމްބަރުންގެ ތެރެއިން 121 މެމްބަރުން ވޯޓު ދެއްވިއިރު، 84 މެމްބަރުން ވަނީ ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. ބަޖެޓާ އެއްކޮޅަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި، ކުރިން އެ ގައުމުގައި ވެރިކަން ކުރި ޕާޓީ ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

އަންނަ އަހަރަށް ލަފާކުރާ ލަންކާގެ ބަޖެޓުގައި; ޓެކްސް ބޮޑުކުރުމުން ލިބޭ އާމްދަނީ 96 އިންސައްތަ ބޮޑުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ 1،852 ބިލިއަން ރުޕީސްއިން، 3،130 ބިލިއަން ރުފީސްއަށް ޓެކްސް އާމްދަނީ އިތުރުވުމެވެ.

މިއާއެކު ބަޖެޓް ޑެފިސިޓްވެސް މިއަހަރުގެ 9.8 އިންސައްތައިން 7.9 އިންސައްތައަށް އަންނަ އަހަރު ދަށްކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ލަންކާއިން ޓެކްސް ބޮޑުކުރުމަށް ނިންމީ މިހާރު އެ ގައުމަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށެވެ. އެ ގައުމުގެ ހާލަތު ދަށްވެ، ތަކެތީގެ އަގު ވަނީ 66 އިންސައްތައަށް އިތުރުވެފައެެވެ. މީގެ ސަބަބުން އެ ގައުމުގެ ގިނަ ބަޔަކަށް ދަނީ އޭގެ އަސަރު ކުރަމުންނެވެ.

- ކޮމެންޓް