ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތަށް އެ ޤައުމުގެ ޓީމު ކޮލިފައި ނުވެ ކަޓައިގެން ދިޔަ ކަމުގައި ވީ ނަމަވެސް، ނޮވެމްބަރު 20 ވަނަ ދުވަހު ޤަތަރުގައި ފެށި ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަކީ އަވަށްޓެރި ބަންގްލަދޭޝްގެ ރައްޔިތުންނަށް ހާއްސަ މުބާރާތެކެވެ. ވެރިރަށް ޑާކާގެ ހުޅަނގުން އޮންނަ މުދުޚާލީ އަވަށުގައި ވޯލްޑްކަޕްގެ ފޯރި، ވަކިން ގަދައެވެ. މަގުތައް ޒީނަތްތެރި ކޮށްފައި ވަނީވެސް ވޯލްޑްކަޕަށް ހާއްސަ ބިލްބޯޑްތަކުންނެވެ.
ސަބަބެއް ނެތިއެއް ނޫނެވެ. އެ އަވަށަށް ނިސްބަތްވާ ގިނަ މީހުންނަކީ، ވޯލްޑްކަޕަށް ހާއްސަކޮށްގެން ޤަތަރުން އަޅާފައިވާ އެންމެ ޒަމާނީ ފެންވަރުގެ ސްޓޭޑިއަމްތައް، އަމިއްލަ އަތުން ބިނާ ކުރުމުގެ އަމަލީ މަސައްކަތުގައި ހަރަކާތްތެރިވެފައިވާ ބައެކެވެ. ވޯލްޑްކަޕާއެކު މުޅި ދުނިޔެއަށް ވެރިވެގެންދާ އުފާވެރި ޢީދާއެކު ބަންގްލަދޭޝްގެ ރައްޔިތުންގެ މޫނުމަތިން ފަޚްރުވެރިކަމުގެ އުޖާލާކަންވެސް ފެނިގެންދަނީ އެ ސަބަބާ ހެދިއެވެ. އެފަދަ އެކަކީ ޤަތަރުގައި ހިޖުރަވެރި މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ޢާމިރުލް ޙުޞައިންއެވެ.
ޤަތަރުގައި އަހަރެން މަސައްކަތް ކުރާތާ މިހާރު 4 އަހަރު ވެދާނެ. މިވަގުތު މިހުރީ 4 މަސްދުވަހުގެ ޗުއްޓީއެއްގަ، އުފަން އަވަށުގަ. މިތާ އަހަރެން މެޗްތައް ބަލާނީ ވަރަށް އުފަލުގަ. އާނ... ޤަތަރުގަ ހުރެގެންވެސް މެޗު ބަލާލެވިދާނެ. މިއަށްވުރެ ފެންވަރުވެސް ރަނގަޅުވާނެ.ޢާމިރުލް ޙުޞައިން؛ ޤަތަރުގައި ސްޓޭޑިއަމް އެޅުމުގެ މަސައްކަތުގައި އުޅުނު ހިޖުރަވެރި މަސައްކަތްތެރިއެއް
އަޙްމަދު ބިން ޢަލީ ސްޓޭޑިއަމް ނުވަތަ އަލް-ރައްޔާން ސްޓޭޑިއަމް އެޅުމުގެ އަމަލީ މަސައްކަތުގައި އުޅުނު ޝަންޝާލް ޙުޞައިންގެ ވާހަކަވެސް ހުރީ ހަމަ އެފަދަ ގޮތަކަށެވެ.
ޤަތަރުގައި 1 އަހަރު ދުވަހަށް އަހަރެން މަސައްކަތް ކުރީ އަލް-ރައްޔާން ސްޓޭޑިއަމް އަޅަން. މިހާރު މެޗުތައް ބަލަމުން މިދަނީ ޢާއިލާއާއި ރައްޓެހިންނާއެކީ. ވަރަށް އުފާވެފަ އަހަރެން މި ހުންނަނީ. ވަރަށް ގަޔާވޭ މިކަމާ.ޝަންޝާލް ޙުސައިން؛ ޤަތަރުގައި ސްޓޭޑިއަމް އެޅުމުގެ މަސައްކަތުގައި އުޅުނު ހިޖުރަވެރި މަސައްކަތްތެރިއެއް
މި ފަހަރުގެ ވޯލްޑްކަޕްއަކީ އެ މުބާރާތުގެ ތާރީޚުގައިވެސް ޢަރަބި ގަލްފުގެ މުސްލިމު ޤައުމެއްގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މުބާރާތަށް ވާ އިރު، އެކަމަކީ، މުޅި ދުނިޔޭގެ ކޮންޓްރޯލަށް ފޫގަޅައިގެން އޮތް ހުޅަނގުގެ ބާރުތަކަށް ހަޖަމް ކުރަން މާ ފަސޭހަ ކަމަކަށް ނުވިއެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ޤަތަރުގެ 2.9 މިލިއަން މީހުންގެ ތެރޭގައި ގިނައީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ޤައުމަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިން ކަމަށް ވާ އިރު، މަސައްކަތްތެރިންގެ ޙައްޤުތަކާ މެދު ޤަތަރުން އިހުމާލު ވެފައި ވާ ކަމުގެ ވަރުގަދަ ތުހުމަތުތައް، ހުޅަނގުގެ ބާރުތަކުން ސިލްސިލާ ގޮތެއްގައި ފެންމަތި ކުރެއެވެ.
ވޯލްޑްކަޕަށް ތައްޔާރު ވުމުގެ ގޮތުން ޤަތަރުން ގެނައި އިންޤިލާބީ ތަރައްޤީގައި އަމަލީ ސިފަ ޖެއްސުމަށް ދާ އޮހުރުވަމުން ދިޔަ، ދަށް ފަންތީގެ އާމްދަނީ ލިބޭ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ޤަތަރުގެ ކަމާ ބެހޭ ފަރާތްތައް ފެއިލްވެފައި ވާކަމަށް، ޙައްޤުތަކަށް ވަކާލާތު ކުރުމުގެ ނަމުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުން ބުނެއެވެ.
ނަމަވެސް، ޝަންޝާލް ފަދަ މަސައްކަތްތެރިންގެ ފަރާތުން އިވެނީ މުޅިން ތަފާތު ވާހަކައެއްގެ އަޑެވެ.
ޤަތަރުގައި މަސައްކަތް ކުރިއިރު، ނާއިންސާފާއި ލާއިންސާނީ އެއްވެސް ކަމެއް ތަހައްމަލެއް ނުކުރަން މަށެއް. ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ދިޔައީ. އަހަރަމެންގެ މުސާރަވެސް ލިބުނު. ހުރިހާ ކަމެއްވެސް ހަމަ ރަނގަޅު.ޝަންޝާލް ޙުސައިން؛ ޤަތަރުގައި ސްޓޭޑިއަމް އެޅުމުގެ މަސައްކަތުގައި އުޅުނު ހިޖުރަވެރި މަސައްކަތްތެރިއެއް
މުސާރައާއި އިނާޔަތުގެ އިތުރުން މަސައްކަތުގެ މާހައުލުން ލިބިދޭން ޖެހޭ ރައްކާތެރި ކަމުގެ މޭރުމުން ބެލި ކަމުގައި ވީ ނަމަވެސް، ވާހަކަ ހުރީ ހަމަ އެފަދަ ގޮތަކަށެވެ.
މަސައްކަތުގެ މާޙައުލުވެސް އޮތީ ވަރަށް ރަނގަޅު ގޮތަކަށް. ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ވަރަށް ވަރުގަދަ. ވަރަށް ހަރުކަށިކޮށް އެ ފިޔަވަޅުތައް ތަންފީޒު ކުރި. އެ ފިޔަވަޅުތަކަށް އަހަރަމެންވެސް ކިޔަމަންވާން ލާޒިމު. ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެ ފިޔަވަޅެއްވެސް ނާޅާ، އެއްވެސް މަސައްކަތެއް އަހަރަމެން ނުކުރަން. މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނަކާއި އާލާތްތައް، ކުންފުނިތަކުން ދިޔައީ ގަޑިން ގަޑިއަށް ހޯދާ ދެމުން. އަހަރަމެން ބޭނުން ކުރީ އެތަކެތި.ޝަންޝާލް ޙުސައިން؛ ޤަތަރުގައި ސްޓޭޑިއަމް އެޅުމުގެ މަސައްކަތުގައި އުޅުނު ހިޖުރަވެރި މަސައްކަތްތެރިއެއް
ޤަތަރުގައި މަސައްކަތް ކުރުމަށް ފަހު، އަނބުރާ އުފަން ފަސްގަނޑަށް ގޮސް ތިބި މަސައްކަތްތެރިންނަށް މިއަދު ކުރެވެނީ އުފާވެރި ކަމުގެ އިޙްސާސް ނޫން ދެވެނަ ދެ އިޙްސާސެއް ނޫނެވެ.
ޤަތަރުގައި ސްޓޭޑިއަމްތައް އަޅެމުގެ މަސައްކަތުގަ އަހަރެން އުޅުނުއިރު، އުފާވެރިކަމެއް އިޙްސާސް ކުރެވުނު... ކޮންމެވެސް ދުވަހަކުން އެ ސްޓޭޑިއަމްގައި ފީފާ މެޗުތައް ކުޅޭނެކަން ހިތަށް އަރާފަ. މެޗުތައް މިހާރު ފަށާފަ މިއޮތީ. އަހަރެން މެޗުތައް މި ބަލާނީ ޢާއިލާއާއި ރަޙުމަތްތެރިންނާއެކު، އަމިއްލަ ވަޒަނުގަ. އެ ސްޓޭޑިއަމް އަޅަން އަހަރެން ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަން ހިތަށް އަރާފަ، ވަރަށް ބޮޑަށް އުފާވޭ.މުޙައްމަދު އިސްމާޢީލް؛ ޤަތަރުގައި ސްޓޭޑިއަމް އެޅުމުގެ މަސައްކަތުގައި އުޅުނު ހިޖުރަވެރި މަސައްކަތްތެރިއެއް
ބައިނަލްއަޤުވާމީ މީޑިއާގެ ބޮޑު ކޮންޓްރޯލެއް އޮންނަ ހުޅަނގުގެ ނުފޫޒުން ފަތުރަމުންދާ އިލްޒާމުތަކަށް ޤަތަރުން އިންކާރު ކުރެއެވެ. ޤަތަރުގެ ސުޕްރީމް ކޮމިޓީ ފޮރ ޑެލިވަރީ އެންޑް ލެގަސީގެ ސީނިއަރ އެޑްވައިޒަރ ފޮރ ވަރކާޒް ވެލްފެއަރ އެންޑް ލޭބަރ ރައިޓްސް، މަޙްމޫދު ޤުތޫބު ވިދާޅުވެފައި ވާ ގޮތުގައި، މަސައްކަތްތެރިންނަށް ކުރިމަތިލާން ޖެހޭ ތަކުލީފުތަކުގެ ވާހަކަތައް، އެއްވެސް ބިރަކާ ނުލާ ހިއްސާ ކުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވާނެއެވެ. އަދި މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރު ކުރާނެ އާ މިންގަނޑުތަކެއްވެސް ތަޢާރަފު ކޮށްފައި ވާނެ ކަމަށެވެ.