ކ. މާލެ
|
17 ނޮވެންބަރ 2023 | ހުކުރު 18:36
ބައްޝާރުއަކީ، ޑެންގީއާ ދެކޮޅަށް ބަންގްލަދޭޝްގައި އެކުލަވާލާފައި ވާ ޤައުމީ ކޮމިޓީގައި ހިމެނޭ، ސައެންސްގެ ހަމައެކަނި ތަޖުރިބާކާރު
ޑެންގީ ނައްތާލުމަށް ކުރަމުންދާ މަސައްކަތް
ޑެންގީ ނައްތާލުމަށް ބަންގްލަދޭޝްގެ ޕްރޮފެސަރަކު ކުރަމުންދާ މަސައްކަތުން، އާދަޔާ ޚިލާފު ހޯދުންތަކެއް!
 
ދިރާސާގެ މަސައްކަތުގައި ބަޝާރު ވަނީ 25 އަހަރު ހޭދަ ކޮށްފަ، ޙަޔާތުގެ ބޮޑު ބައި ހޭދަ ކޮށްފައި ވަނީ މަދިރިއާ ބެހޭ އެކި ކަހަލަ ދިރާސާތައް ކުރުމުގެ މަސައްކަތުގައި
 
މަޤްޞަދަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ އެކި ކަހަލަ ބަލިތައް ފެތުރިގެން ދިއުން ހުއްޓުވާނެ ގޮތްތައް ދެނެގަތުން

ކަބީރުލް ބަޝާރަކީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޖަހަންގީނަގަރު ޔުނިވަރސިޓީގެ ޒޫލޮޖީ ޕްރޮފެސަރެކެވެ. އަދި ތަޖުރިބާކާރު އެންޓޯމޮލޮޖިސްޓެއްވެސްމެއެވެ. ޒޫލޮޖީއަކީ ޖަނަވާރުތަކުގެ ސުލޫކީ އަޚުލާޤާއި، އެ ޖަނަވާރުތަކުގެ ޖިސްމާނީ ހެދިބޮޑުވުމާއި، ގިންތި ކުރެވިގެންދާ ބައިބަޔާ ބެހޭ ސައެންސްގެ ދިރާސާ ޢިލްމެވެ. އެންޓޯމޮލޮޖިސްޓުންނަކީ ޒޫލޮޖީގެ ޢިލްމުގެ ތެރެއިން، ސޫފާސޫފީގެ ގޮތްޕަށް ޚާއްޞަވެގެން ދިރާސާ ކުރާ ތަޖުރިބާކާރު މާހިރުންނެވެ. ބަޝާރުގެ ޙަޔާތުގެ ބޮޑު ބައި ހޭދަ ކޮށްފައި ވަނީ މަދިރިއާ ބެހޭ އެކި ކަހަލަ ދިރާސާތައް ކުރުމުގެ މަސައްކަތުގައެވެ. މަޤްޞަދަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ އެކި ކަހަލަ ބަލިތައް ފެތުރިގެން ދިއުން ހުއްޓުވާނެ ގޮތްތައް ދެނެގަތުމެވެ. ދެކުނު އޭޝިއާ ސަރަޙައްދުން އާންމުކޮށް ފެންނަ ނުރައްކާތެރި ހުމެއް ކަމަށް ވާ، ޑެންގީއަކީވެސް މަދަރީގެ ޒަރިއްޔާއިން ފެތުރި، ޖެހޭ ބައްޔެކެވެ.

ދިރާސާގެ މަސައްކަތުގައި ބަޝާރު ވަނީ 25 އަހަރު ހޭދަ ކޮށްފައެވެ. އެ ވީ މުއްދަތުގެ ތެރޭގައިވެސް، މި އަހަރު ބަންގްލަދޭޝްއިން ރެކޯޑް ކުރި ހައްސާސް ދަރަޖައަށް، އެހެން އެއްވެސް ދުވަސްވަރެއްގައި ޑެންގީގެ ބަލިމަޑުކަން ރެކޯޑް ކުރެވިފައެއް ނެތެވެ.

މިއީ ބަންގްލަދޭޝްގެ ތާރީޚަށް ބަލާއިރުވެސް ޑެންގީ ރޯގާގެ ބަލިމަޑުކަމެއް މިހާ ނުރައްކާ ދަރަޖައަކަށް ފެތުރިގެން ދާތީ ރެކޯޑް ކުރި ފުރަތަމަ ފަހަރެވެ. ރަސްމީ ރެކޯޑްތަކުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާ ހިސާބަށް، ޑެންގީ ޖެހިގެން ބަންގްލަދޭޝްއިން މަރުވި މީހުންގެ ޢަދަދު ވަނީ 1400 އަށް ވުރެ މައްޗަށް އަރާފައެވެ. ތޮއްޖެހިފައި ވާ އާބާދީއެއް އޮތް ބަންގްލަދޭޝްގައި ހަލުވިކަމާއެކު ބަލިމަޑުކަން ފެތުރިގެން ދާ އިރު، ބަލި މީހުންނަށް ޖާގަ ހަދައިދިނުމަށްވެސް ހޮސްޕިޓަލުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. 

ނިމިގެން މިދާ 2023 ވަނަ އަހަރުގެ މިހާ ހިސާބަށް އާދެވުނު އިރު ޑެންގީ ޖެހިގެން ބަންގްލަދޭޝްއިން މަރުވި މީހުންގެ ރަސްމީ ޢަދަދުތައް ވަނީ 1449 އަށް އަރާފައެވެ. ބަލި ޖެހުނު މީހުންގެ ޢަދަދު 290000 އާ ގާތް ކުރެއެވެ. ބަންގްލަދޭޝްގައި ޑެންގީ ހުމުގެ ބަލިމަޑުކަމެއް އެންމެ ފުރަތަމަ ރެކޯޑް ކޮށްފައި ވަނީ 2000 ވަނަ އަހަރުއެވެ. މި އަހަރަކީ އޭގެ ފަހުން ބަންގްލަދޭޝްއަށް ޑެންގީގެ ނުރައްކާ އެންމެ ބޮޑުވި އަހަރެވެ. ފާއިތުވެދިޔަ 23 އަހަރަށް ބަލާއިރު ޑެންގީ ޖެހިގެން ބަންގްލަދޭޝްއިން މަރުވެފައި ވަނީ 856 މީހުންނެވެ. މި އަހަރަކީ ބަންގްލަދޭޝްގެ ހުރިހާ ޑިސްޓްރިކްޓްއެއް ހިމެނޭހެން، 64 ޑިސްޓްރިކްޓްއަކުން ޑެންގީގެ ކޭސްތައް ރެކޯޑް ކުރި ފުރަތަމަ އަހަރުވެސްމެއެވެ.

ބަލި ޖެހޭ މީހާގެ ހަށިގަނޑުގައި އިންތިހާއަށް ވޭން އަޅާ ޑެންގީ ހުމުގެ ކޭސްތައް މަދުކޮށް، ބަލި ޖެހިފައި ވާ މީހުންގެ ފަރުވާގެ ކަންކަން ހަމަޖެއްސުމަށް ބަންގްލަދޭޝްގެ ސަރުކާރުން އަވަދިނެތި މަސައްކަތް ކުރަމުން ދާ އިރު، ބައްޝާރު ނިންމީ، ޑެންގީ ފަތުރާ އީޑީޒް މަދިރިއާ ބެހޭ ދިރާސާތައް ފުޅާ ކުރުމަށެވެ.

ޑެންގީ ޖައްސާ އީޑީޒް މަދިރިއަކީ މީގެ ކުރިން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ސާފު ފެނުގައި އާލާވާ މަދިރިއެކެވެ. އަދި އެ މަދިރިއަކީ ދުވާލުގެ ވަގުތުތަކުގައި ހަފާ މަދިރިއެކެވެ. ނަމަވެސް، އޭނާގެ ދިރާސާތަކާ ޙަވާލާދީ، ބައްޝާރު ބުނާ ގޮތުގައި، އީޑީޒް މަދިރިވި ވަނީ ޙާލަތަށް އަހުލުވެރިވާން ދަސްކޮށްފައެވެ. ކޮންމެ ފަދަ ފެންގަނޑެއްގައިވެސް ބިސް އަޅާ، ދަރިފަސްކޮޅު ދިރުވަން ދަސްކޮށްފައެވެ. އޭނާގެ ދިރާސާތަކުން އެނގުނު ގޮތުގައި، ރޭގަނޑުގެ ވަގުތުތަކުގައިވެސް އީޑީޒް މަދިރި މިހާރު ހަފާ ކަމަށް ބައްޝާރު ބުނެއެވެ.

އީޑީޒް މަދިރިއާ ބެހޭ ގޮތުން އަހަރެމެންނަށް އެބަ އޮވޭ 2 ކަމެއްގަ އޮޅުން އަރާފަ. ފުރަތަމަ ކަމަކީ، އީޑީޒް މަދިރިއަކީ ހަމައެކަނި ދުވާލަށް ހަފާ މަދިރިއެއް ކަމަށް ހީ ކުރެވުން. ދެވަނަ ކަމަކީ، އީޑީޒް މަދިރި ބިސްއަޅާ، އާލާ ވަނީ ހަމަ އެކަނި ސާފު ފެނުގައި ކަމަށް ހީވެފައި އޮންނަ އޮތުން. 3 އަހަރު ދުވަހުގެ ތަޖުރިބާތަކުން އަހަރެމެން މިވަނީ ނިންމުމެއް ނިންމާފަ. އެ ނިންމުމުގަ ވާ ގޮތުން، އީޑީޒް މަދިރިއަކީ ދުވާލުގެ ހަތަރު ދަމުވެސް ހަފާ މަދިރިއެއް. ހަޑި، ނަޖިސް ފެނާއި، ލޮނު ފެނަށްވެސް އީޑީޒް މަދިރި ބިސްއަޅާ، އާލާވެ، ހަޔާތުގެ ބުރު ހަމަކުރޭ.
ކަބީރުލް ބައްޝާރު؛ އެންޓޮމޮލޮޖީ ޕްރޮފެސަރ

މި ބަދަލަކީ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ނަތީޖާއަކަށް ވުން އެކަށީގެން ވާ ކަމަށް ބައްޝާރު ބުންޏެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކާ ހެދި، ތަނުގެ ފިނިހޫނުމިނާއި، ވައިގެ ތެތްކަން ހުންނަ މިންވަރާ އެކަހަލަ އެކި ކަންކަން ދަނީ ބަދަލުވަމުން. މޫސުމީ ވިއްސާރަ ގޮތަށް އެބަ ވާރޭ ވެހޭ އޮކްޓޯބަރު މަހުގެ މެދުތެރޭގަވެސް. އެއީ އާދަޔާ ޚިލާފު ކަމެއް. މޫސުން ބަދަލުވާ ގޮތަށް ބަދަލު އައުމަކީވެސް، އީޑީޒް މަދިރި އާލާވާން ލިބޭ ފުރުޞަތެއް. އީޑީޒް މަދިރިތައް ދަނީ، މި ބައްދަލުތަކަށްވެސް އަހުލުވެރިވަމުން. އެކި ތަންތަނުގަ ހަރުލާފަ ހުންނަ ވާރޭ ފެނަކީ، އީޑީޒް މަދިރި ބިސް އަޅަން އެންމެ ފައްކާ ތަންތަން. ގިނަ ޢަދަދަކަށް ބިސްވެސް އަޅާނެ އެކަހަލަ ތަންތަނަށް.
ކަބީރުލް ބައްޝާރު؛ އެންޓޮމޮލޮޖީ ޕްރޮފެސަރ

ބައްޝާރުއަކީ، ޑެންގީއާ ދެކޮޅަށް ބަންގްލަދޭޝްގައި އެކުލަވާލާފައި ވާ ޤައުމީ ކޮމިޓީގައި ހިމެނޭ، ސައެންސްގެ ހަމައެކަނި ތަޖުރިބާކާރެވެ. ބައްޝާރު ޤަބޫލު ކުރާ ގޮތުގައި ހަމަ އެކަނި ސަރުކާރުގެ ނުވަތަ ދަޢުލަތުގެ މަސައްކަތުން ޑެންގޫ ނައްތާލެވޭކަށް ނެތެވެ. ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރެވޭކަށްވެސް ނެތެވެ. އެކަން ވާން އަންނަނީ، މަދިރި އާލާ ވާ ގޮތަށް ހުންނަ ތަންތަނާ މެދު ޢާންމުން ދޭ ސަމާލުކަން އިތުރުވެ، ޢަމަލީ ގޮތުން މަސައްކަތްތަކެއް ކޮށްގެން ކަން ބައްޝާރު ފާހަގަ ކުރެއެވެ.

ޑެންގީ ޖައްސާ އީޑީޒް މަދިރިއަކީ ޢާންމު ގޮތެއްގައި ސިޓީތަކުގައި އާލާ ވާ މަދިރިއަކަށް ވެފައި އޮތް ނަމަވެސް، ބަންގްލަދޭޝްގެ ރަށްފުށު ހިސާބުތަކުން ބަލީގެ ކޭސްތައް އިތުރު ވަމުންދާ ދިއުމުގެ އަސްލަކީ ކޮބައިކަން ދެނެގަތުމަށް، އަދިވެސް އިތުރު ދިރާސާތަކެއް ހަދަން ޖެހޭ ކަމަށްވެސް ބައްޝާރު ޤަބޫލު ކުރެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް