ކ. މާލެ
|
22 ނޮވެންބަރ 2022 | އަންގާރަ 11:28
އާޖެންޓީނާގެ ކޯޗު ސްކަލޯނީ
އާޖެންޓީނާގެ ކޯޗު ސްކަލޯނީ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
އާޖެންޓީނާ ކަހަލަ ޤައުމުތަކުގައި ކޯޗަކަށް ހުރުމަކީ ބޮޑު ޕްރެޝަރެއް: ސްކަލޯނީ
 
އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެޔޭ ޔަގީންކޮށް ހިތަށް އަރުވައިގެން ތިބިއްޔާ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް އޭނާ ބުނި

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ނުކުންނައިރު، އާޖެންޓީނާ ކަހަލަ ޤައުމުތަކުގެ ކޯޗަކަށް ހުރުމަކީ ބޮޑު ޕްރެޝަރެއް ކަމަށް ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.

މިއީ އާޖެންޓީނާގެ ކޯޗުކަމާ ސްކަލޯނީ ހަވާލުވި ފަހުން ވޯލްޑް ކަޕްގެ މެޗަކަށް އެ ޤައުމު ނުކުތް ފުރަތަމަ ފަހަރެވެ. އޭނާގެ އިރުޝާދުގެ ދަށުން ފާއިތުވި ދުވަސްތަކުގައި އާޖެންޓީނާ އިން ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ.

މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، މެޗުތަކުން ނަތީޖާ ބޭނުންވާ ގޮތަށް ނުނެރެވިއްޖެނަމަ ކޯޗުކަމުން ވަކިކުރާ ވާހަކަ ދެކެވޭނެ ކަމަށެވެ. އެއީ އާޖެންޓީނާ ކަހަލަ ޤައުމުތަކުގައި ކުރިމަތިވާނެ ޕްރެޝަރު ކަމަށް އޭނާ ބުންޏެވެ. ސްކަލޯނީ ބުނީ އޭނާ ކުރަން ޖެހޭ މަސައްކަތް ސާފުކޮށް އެނގޭ ކަމަށެވެ. ނަމަވެސް އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެޔޭ ޔަގީންކޮށް ހިތަށް އަރުވައިގެން ތިބިއްޔާ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މުބާރާތުގައި އާޖެންޓީނާ އިން ވާދަކުރަން ޖެހޭނީ ވެސް ވަރަށް ވަރުގަދަ ޓީމުތަކާ ކަމަށެވެ. އޭނާ ބުނީ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ސަޕޯޓަރުންނާއި މުޅި ޓީމު ބޭނުންވާ ކަހަލަ ކުޅުމެއް ދެއްކޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މީގެ އިތުރުން ސްކަލޯނީ އެންމެ ބޮޑު ފޭވަރިޓުންނަށް ގިނަ ފަހަރު އޮންނަނީ މުބާރާތް ކާމިޔާބު ނުކުރެވިފައި ކަމަށެވެ. އޭނާ ބުނީ ފާއިތުވި އަހަރުތަކަށް ބަލާއިރު ވޯލްޑް ކަޕްގައި ރަނގަޅު ނަތިޖާ ނެރެފައިވާ ޓީމުތަކެއް އޮތް ކަމަށެވެ. ސްކަލޯނީ ބުނީ އޭގެ ތެރެއިން ގިނައީ ޔޫރަޕުގެ ޓީމުތަށް ކަމަށެވެ. އިތުރަށް ސްކަލޯނީ ބުނީ އޭނާގެ ނަޒަރުގައި ފާއިތުވި ގިނަ އަހަރުތަކުގައި ސައުތު އެމެރިކާގެ ޓީމުތަކަށް ފައިނަލާ ހަމަ އަށް ނުދެވި އޮތީ ފުޓުބޯޅައާ ގުޅުން ހުރި ކަމެއްގެ ސަބަބުން ނޫން ކަމަށެވެ. ސްކަލޯނީ ބުނީ މުބާރާތް ކޮންމެހެން ކާމިޔާބުވާން ޖެހޭނީ ފޭވަރިޓުންނަށް ނޫން ކަމަށާއި، އަދި ފަހަރުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކާ ޓީމު ނޫން ކަމަށެވެ. އޭނާ ބުނީ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ އެތައް ޓީމެއް އެބަ އޮތް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަށް ކޯޗުކަން ކޮށްދޭއިރު އާއި މެސީ ޓީމާއެކު ހޭދަ ކުރާ ވަގުތުގައި އޭނާއާއެކު ވަރަށް ރަނގަޅަށް މަސައްކަތް ކުރެވޭ ކަމަށެވެ. އޭނާ ބުނީ އުންމީދު ކުރަނީ އާޖެންޓީނާގެ ސަޕޯޓަރުންނާއި، މުޅި ދުނިޔޭގެ އެންމެން މެސީ ކުޅޭ މަންޒަރު ބަލާނެ ކަމަށެވެ. ސަބަބަކީ މެސީ އަކީ މޮޅަށް ކުޅޭ ހުނަރުވެރި ކުޅުންތެރިއެއް ކަމަށް އޭނާ ބުންޏެވެ.

ސައުދީ އަރަބިއްޔާއާ ދެކޮޅަށް އާޖެންޓީނާ އިން ނުކުންނާނީ އަންގާރަ ދުވަހު ރާއްޖެ ގަޑިން 15:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް