ކ. މާލެ
|
22 ނޮވެންބަރ 2022 | އަންގާރަ 08:33
ކުރީގެ ރައީސް އަބްދުﷲ ޔާމީން-
ކުރީގެ ރައީސް އަބްދުﷲ ޔާމީން-
ރާއްޖެއެމްވީ
އާރަށު ހިޔާނަތް
އާރަށު ހިޔާނަތް: ޔާމީނަށް ކުރާ ދައުވާގެ ޚުލާސާ ބަޔާން އިއްވުން ނޮވެމްބަރު 30 ގައި
ހޯމަ ދުވަހު ވަނީ ޔާމީނުގެ ފަރާތުން ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ބައި ނިންމާލާފަ
ދައުލަތާއި ދިފާއަށްވެސް މިހާރު ވަނީ ތާވަލު ހިއްސާ ކުރެވިފައި

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ބައި ނިންމާލައިފިއެވެ.

މި މައްސަލައިގައި ޔާމީނަށް 2 ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާއެކެވެ.

އޭގެ އިތުރުން ޔޫސުފް ނައީމްގެ މައްޗަށް މި މައްސަލައިގައި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ.

މި ދައުވާތަކާއި ގުޅިގެން ދައުލަތުން ހެއްކާ ގުޅޭގޮތުން ވާހަކަ ދައްކާފައިވަނީ ނިމިިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއަށްފަހު ޔާމީނުގެ ފަރާތުން ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ބައި އެކި އަޑުއެހުންތަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު، ހޯމަ ދުވަހު ވަނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ބައި ނިންމާލާފައެވެ.

އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 150 ވަނަ މާއްދާގެ (ހ) އަދި ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 129 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޔާމީނަށް ކުރާ ދައުވާއާއި ގުޅިގެން ޚުލާސާ ބަޔާން އިއްވުން ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހަށް ތާވަލު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ދައުލަތާއި ދިފާއަށްވެސް މިހާރު ވަނީ ތާވަލު ހިއްސާ ކުރެވިފައެވެ.

ޚުލާސާ ބަޔާން އިއްވުމަށް ތާވަލު ކުރެވިފައިވަނީ އެ ދުވަހުގެ ހެނދުނު 09:30 އަށެވެ.

އޭގެ އިތުރުން، ޔޫސުފް ނައީމްގެ ފަރާތުން ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް އަންގާރަ ދުވަހުގެ މެންދުރު 13:00ށް އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި އަޑުއެހުމުގައި ޔޫސުފް ނައީމްގެ ފަރާތުންވެސް ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަކީ ޔޫސުފް ނައީމާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެކިތަކެއް ނޫންކަމަށް ބަޔާން ކޮށްފައެވެ.

ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ޔޫސުފް ނައީމަށް ކުރާ ދައުވާއާ ގުޅިގެން ވެސް ޚުލާސާ ބަޔާން އިއްވުން އޮންނާނެކަމަށް ގާޒީ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް