ކ. މާލެ
|
22 ނޮވެންބަރ 2022 | އަންގާރަ 02:06
އެމެރިކާ ކޮޅަށް ލަނޑު ޖެހުމަށްފަހު ބޭލް އުފާފާޅުކުރަނީ
އެމެރިކާ ކޮޅަށް ލަނޑު ޖެހުމަށްފަހު ބޭލް އުފާފާޅުކުރަނީ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް 2022
ވޭލްސް ބަލިވިޔަނުދީ ސަލާމަތް ކޮށްދިނީ ބޭލް
ވޭލްސްއިން ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީއަކުން
މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އެމެރިކާއިން

ޓީމުގެ ތަރި ގަރެތު ބޭލްގެ ލަނޑާއެކު 64 އަހަރަށްފަހު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ވޭލްސް ބަލިނުވެ ސަލާމަތްވެއްޖެއެވެ.

ވޭލްސްއިން އެންމެ ފަހުން ވޯލްޑް ކަޕްގައި ވާދަކުރީ 1958 ވަނަ އަހަރުއެވެ. އެއީ މީގެ ކުރިން ވޯލްޑް ކަޕަށް ވޭލްސް ކޮލިފައިވި ހަމައެކަނި ފަހަރެވެ. މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ވޭލްސް ބައްދަލުކުރީ އެމެރިކާއާއެވެ. ގްރޫޕް ބީގެ މި މެޗު ނިމުނީ ކޮންމެ ޓީމަކުންވެސް ލަނޑެއް ޖަހާ 1-1ން އެއްވަރު ވެގެންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އެމެރިކާއިންނެވެ. ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އެމެރިކާއަށް ލީޑު ނަގައިދިނީ ޓިމޮތީ ވެއާއެވެ. މިއީ ކްރިސްޓަން ޕުލިސިޗް ދިން ހިތްގައިމު ޕާހެއް ގޯލަށް ފޮނުވާލައިގެން ވެއާ ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފުގައި ވޭލްސްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނުނެވެ.

ވޭލްސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ އެމެރިކާގެ ޑިފެންޑަރު ވޯކާ ޒިމާމަން އެޓީމުގެ އޭރިއާ ތެރެއިން ބޭލްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ވޭލްސް ޓީމަށް ބޭލް ނަތީޖާ ހަމަހަމަ ކޮށްދިނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއީ ވޭލްސް ޓީމަށް ބޭލް ޖަހައިދިން 41 ވަނަ ލަނޑެވެ.

އޭގެ ފަހުން ލީޑު ނެގުމަށްވެސް ވޭލްސްއަށް ފުރުސަތު ލިބުނެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރެނަން ޖޯންސަން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އެމެރިކާގެ ކީޕަރު މަޓް ޓާނާއެވެ. އެމެރިކާއިން އަލުން ލީޑު ނެގުމަށް މަސައްކަތް ކުރި ނަމަވެސް އިދިކޮޅު ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ނުއުފެެއްދުނެވެ.

މި ނަތީޖާއާއެކު ވޭލްސް އަދި އެމެރިކާ އޮތީ ޕޮއިންޓަކާއެކު ގްރޫޕް ބީގެ ދެވަނާގައެވެ. ހޯމަ ދުވަހުގެރޭ މި ގްރޫޕްގައި ކުޅުނު އަނެއް މެޗުން މޮޅުވި އިންގްލޭންޑް އޮތީ ގްރޫޕްގެ އެއްވަނާގައެވެ. ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ އިންގްލޭންޑް އަތުން ބަލިވި އީރާނެވެ.

- ކޮމެންޓް