ކ. މާލެ
|
22 ނޮވެންބަރ 2022 | އަންގާރަ 07:06
ޕްރެސްގައި އާޖެންޓީނާގެ ކެޕްޓަން މެސީ
ޕްރެސްގައި އާޖެންޓީނާގެ ކެޕްޓަން މެސީ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
މެސީ ހުރީ ވޯލްޑް ކަޕަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން، ޚާއްސަ ޝުކުރެއް އޮތީ ސަޕޯޓަރުންނަށް
 
އާޖެންޓީނާ ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މެސީ ބުނީ މުޅި ޓީމު އޮތީ ވަރަށް ރަނގަޅު ރޫހެއްގައި ކަމަށް

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ނުކުންނައިރު މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރަށް ހުރި ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

ހަތް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާކަން ހޯދާފައިވާ މެސީ މިހެން ބުނީ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަަކަ ދައްކަމުންނެވެ. މެސީ ބުނީ ޓީމުގެ ފަރިތަކުރުންތަކުގައި އޭނާ އެކަނި ހުންނާތީ މީހުން ވަރަށް ސުވާލުކޮށް، ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އޭނާ ބުނީ އެގޮތަށް ފަރިތަކުރުން ކުރިއަށް ގެންދިޔަ ނަމަވެސް އޭނާ ހުރީ ފިޒިކަލީ ވަރަށް ރަނގަޅަށް ކަމަށެވެ. މެސީ ބުނީ އަބަދުވެސް އޭނާ ބުނާ ވާހަކަ އަކީ ކާމިޔާބީ ބޭނުންވާ ކަމަށާއި، މިފަހަރުގެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

އާޖެންޓީނާ ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މެސީ ބުނީ މުޅި ޓީމު އޮތީ ވަރަށް ރަނގަޅު ރޫހަކާ، އެއް ރޫހެއްގައި ކަމަށެވެ. މެސީ ބުނީ ކުޅުމުގެ ވިސްނުން ކުޅުންތެރިންނަށް އެނގޭ ކަމަށާއި، ޓީމުންނަށް އިތުބާރު ލިބެނީ އެކަމުން ކަމަށެވެ. މެސީ ވަނީ ގިނަ ބަޔަކު އާޖެންޓީނާ އަށް ސަޕޯޓުކުރާކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނީ ގިނަބައެއް ލޯތްބާއި ސަޕޯޓު އާޖެންޓީނާ އަށް އޮންނަ ކަން އެނގުމަކީ ލިބޭ އުފަލެއް ކަމަށެވެ.

މެސީ ބުނީ ޤަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް މުބާރާތަކީ އޭނާ އަށް ވަރަށް ޚާއްސަ މުބާރާތެއް ކަމަށެވެ. ސަބަބަކީ ފަހަރުގައި މިއީ އޭނާގެ ފަހު ވޯލްޑް ކަޕަށް ވެދާނެތީ ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުުރުން މެސީ ބުނީ ފިޒިކަލީ އޭނާ ހުރީ ވަރަށް ރަނގަޅަށް ކަމަށާއި، މުބާރާތަށް އޭނާ އައި ފިޒިކަލީ އަދި ޕާސަނަލީ ވަރަށް ފިޓުވެގެން ކަމަށެވެ.

މިއަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ މެސީ ކުރިމަތިލާނެ ފަސް ވަނަ ވޯލްޑް ކަޕެވެ. މުބާރާތުގައި މިހާތަނަށް މެސީ އަށް އެންމެ ދުރަށް ދެވުނީ 2014 ވަނަ އަހަރުއެވެ. އެ މުބާރާތުގެ ދެ ވަނަ އާޖެންޓީނާ ހޯދިއިރު، މެސީ ވަނީ އެންމެ މޮޅު ކުޅުންތެރިޔާކަން ހޯދާފައެވެ. މިއަހަރުގެ މުބާރާތަށް އާޖެންޓީނާ ކުރިމަތިލާއިރު، އެ ޤައުމަކީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ ޤައުމެވެ. ސަބަބަކީ މެސީ ދައްކަމުން އަންނަ މޮޅު ކުޅުމާއި، އާޖެންޓީނާ އޮތް ފޯމަށް ބަލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
33%
0%
33%
0%
33%
0%
ކޮމެންޓް