ޕާކިސްތާނުގެ ބައްވަލްޕޫރުގައި ތެޔޮ ލޮރީއެއް ގޮވައި މަދުވެގެން 100 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލޮރީން ފޭބި ތެޔޮ ނަގަން އުޅުނު އެތައް ބަޔަކު ވަނީ ނުރައްކާ މިންވަރަކަށް ފިހިފައެވެ.
ޒަޚަމްވި މީހުންނަށް މިިހާރު ގެންދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ފަޔަރ ފައިޓަރުން ގެންދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.
ކަށަވަރު ނުކުރެވޭ ބައެއް ރިޕޯޓްތައް ބުނާ ގޮތުން ލޮރީ ދުއްވިލެއް ބާރުކަމުން ފުރޮޅާލީއެވެ. ތެޔޮތައް ލީކުވާން ފެށުމުން އެ ސރަހައްދުގައި ތިބި އެތައް ބަޔަކު އެ ލޮރީން ތެޔެތައް ނެގުމަށް މަސައްކަތް ކުރަމުން ދަނިކޮށް އޭގައި ހުޅު ހިފައި ލޮރީ ގޮވި ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މަންޒަރު ދުށް ބައެެއް މީހުން ބުނެފައިވަނީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ބައެއް މީހުން ދުންފަތުގެ އިސްތިއުމާލު ކުރަމުން ދިޔަ ކަމަށެވެ. އަލިފާން ރޯވީ އެކަމުގެ ސަބަބުން ކަމަށްވުން އެކަށީގެންވާ ކަމަށް ޕާކިސްތާނުގެ ޖިއޯ ޓީވީން ބުނެއެވެ.
ޕާކިސްތާނުގެ މީޑިއާތަކުން ހާމަކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ހުރި ބައެއް އުޅަނދުތައް ހުރީ އަނދާފައެވެ. އެހެން ދިމާވީ ގޮވި ލޮރީން ބޭރުވި ތެޔޮ ދުރަށް ބުރައިގެން ގޮސް އެ ތަންތަނުގައި ވެސް އަލިފާން ހިފުމުންނެވެ.