ކ. މާލެ
|
21 ނޮވެންބަރ 2022 | ހޯމަ 12:47
ހުސައިން އަހުމަދު - ފިނޭ ރައްޔިތެއް، ބުނަނީ މިފަދަ ޚިދުމަތެއް ދުނިޔޭގައި ދެން ހުއްޓާ ނުލިބޭނެކަމަށް
ހުސައިން އަހުމަދު - ފިނޭ ރައްޔިތެއް، ބުނަނީ މިފަދަ ޚިދުމަތެއް ދުނިޔޭގައި ދެން ހުއްޓާ ނުލިބޭނެކަމަށް
ރާއްޖެއެމްވީ
ފެނާއި ނަރުދަމާގެ ވައުދު
ފިނޭ ހުސައިން ބުނަނީ މިހާރު މި ލިބޭ ޚިދުމަތަށްވުރެ ވަކި ރަނގަޅު ޚިދުމަތެއް ދުނިޔޭގައި ހުއްޓާ ދެން ނުލިބޭނެ ކަމަށް
2018 އާ ހަމަޔަށް އައިއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ 70 އިންސައްތައަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާއެއް ނެތް
ވޭތުވެދިޔަ 4 އަހަރު އެކަނި ވެސް 135 ރަށެއްގައި ފެނާއި 95 ރަށެއްގައި ނަރުދަމާގެ މަސައްކަތް ވަނީ ފަށާފައި
11 ރަށެއްގެ ފެނާއި، 11 ރަށެއްގައި ނަރުދަމާ ނިޒާމް ނިމި ޚިދުމަތް ފޯރުކޮށްދޭން މިހާރު ވަނީ ފަށާފައި

ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދެވި އެތައް ޒަމާނެއް ފާއިތުވެގެން ގޮސްފިއެވެ. ކުރިން މި އަސާސީ ޚިދުމަތްތަކަކީ ހަމައެކަނި މާލޭގެ ރައްޔިތުންނަށް އޮތް ކަމެއްގެ ގޮތުގައި މަންޒަރުތައް ދައްކާފައި އެބަހުއްޓެވެ. ކުރީގެ އެކިއެކި ސަރުކާރުތަކުން ވެސް ކަންކަން ކުރަމުން އައީ އެ ބީދައިންނެވެ.

ނަމަވެސް ފުރަތަމަ ފަހަރަށް ރައީސުލްހުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެނާއި ނަރުދަމާއާއި ބޯހިޔާވަހިކަމާއި ކަރަންޓު، މިއީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތަކަށްވާތީ، ސަރުކާރުގެ ކެރިފޯރުންތެރިކަން އޮތް މިންވަރަކުން އެކަން ކޮށްދޭންޖެހޭނެ ކަމަށް ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކުގެ ތެރޭގައި ލިޔެ އެކަން އަމަލާއި ބަހުން ވަނީ ދައްކުވައިދީފައެވެ. އެއީ ހަމައެކަނި ކަޅާއި ހުދުން ލިޔެފައި އޮތް އެއްޗެއްގެ ބަދަލުގައި މިއަދު އެ އުއްމީދުގައި ތިބި އެތައް އެތައް ރައްޔިތުންނެއް ދަނީ އެ އަސާސީ ޚިދުމަތްތައް ލިބި އެކަމުން އުފާވެރިކަން ހޯދަމުންނެވެ.

މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނެތި ޚިދުމަތްތައް ދިނުމުގެ ވަޢުދާ އެކުއެވެ. އެ ވަޢުދުތައް މިއަދު ރަނުން ރަނަށް ފުއްދަވައި ދެއްވަމުން، ރައީސުލްހުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގެންދަވަނީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތިއެވެ. ޕާޓީއެއް ކުލައެއް ބެލުމެއް ނެތިއެވެ.

ކަރަންޓާއި ފެނާއި ނަރުދަމާއަކީ އަސާސީ ކަންކަމެވެ. އެއީ ހުރިހާ ރައްޔިތުންނަށް ލިބިދިނުން މަޖުބޫރު ޚިދުމަތްތަކެވެ. ޚިދުމަތް އަސާސީ ނަމަވެސް، ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމުގައި މުޅި ރާއްޖޭގެ ތަރައްޤީ އޭގެ މައްޗަށް ބިނާވާ އަސާސަކީ ވެސް އެއީއެވެ. 2018 އާ ހަމަޔަށް އައިއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ 70 އިންސައްތައަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާއެއް ނެތެވެ. މި ފަސް އަހަރު އަމާޒުކޮށްފައި މިވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅައި ނިންމުމަށެވެ. ގެޔަކަށްފަހު ގެއެއް، ރަށަކަށްފަހު ރަށެއްގައި އެދަނީ މި ޚިދުމަތް ފުރިހަމަވެ ނިމެމުންނެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ސާފު ބޯފެން ފޯރުކޮށްދިނުމުގެ ނިޒާމު ގާއިމުކުރެވިފައިވަނީ އެންމެ 35 ރަށުގައެވެ. އަދި ނަރުދަމާ ނިޒާމް ގާއިމުކުރެވިފައިވަނީ އެންމެ 65 ރަށުގައެވެ.

ނަމަވެސް ވޭތުވެދިޔަ 4 އަހަރު އެކަނި ވެސް 135 ރަށެއްގައި ފެނާއި 95 ރަށެއްގައި ނަރުދަމާގެ މަސައްކަތް ވަނީ ފެށިފައެވެ. މީގެ ތެރެއިން 11 ރަށެއްގެ ފެނާއި، 11 ރަށެއްގައި ނަރުދަމާ ނިޒާމް ނިމި ޚިދުމަތް ފޯރުކޮށްދޭން މިހާރު ވަނީ ފަށާފައެވެ.

އާބާދީގައި 600 އެއްހާ މީހުން ދިރިއުޅެމުން އަންނަ އަދި އެކި ސަރުކާރުތަކުން އާބާދީ ކުޑަވެގެން އެކަހެރިކޮށްލާފައި އޮތް ފިނޭގެ ދޮށީ އުމުރުގެ ހުސެއިން އަހުމަދު ބުނީ ޖަންކްޝަން ބަހައްޓައިގެން އުޅުނު އިރު، ވަޅުގެ ފެން ނުބައިވެ، ފެން ބޭނުންކުރަން ނުކުރޭވަރަށް ކަންތައް ދިޔަ ކަމަށެވެ. ނަމަވެސް ނަރުދަމާ އެކު ދުނިޔެއިން ވަކިވުމުގެ ކުރިން މިފަދަ ޚިދުމަތެއް ދެން ނުލިބޭނެކަމަށް ހުސައިން އަހުމަދު ބުންޏެވެ.

ޖަންކްޝަން ބެހެއްޓުމުން ވަޅުގެ ފެން ނުބައިވެ އެއްގޮތަކަށްވެސް ވަޅުގެ ފެން ބޭނުން ކުރަން ނުކެރުނު. ނަރުދަމާގެ ޚިދުމަތް މިހާރު ލިބޭ. ފެނުގެ ޚިދުމަތް ލިބޭ. އެހެންވީމަ މި ބުނީ ދެން މިހާރު މި ލިބޭ ޚިދުމަތަށްވުރެ ވަކި ރަނގަޅު ޚިދުމަތެއް އަޅުގަނޑުމެން ދުނިޔޭގެ ތިބެގެން ދެން ލިބޭނެހެން ހިޔެއް ނުވޭ
ހުސައިން އަހުމަދު - ފިނޭ ރައްޔިތެއް

ސަރުކާރުގެ އަމާޒަކީ އެއްވެސް ރަށެއް ތަފާތުކުރުމެއް ނެތި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ދަތި މައްސަލައަކީ، ސާފު ބޯފެން ލިބެން ނެތުމުގެ މައްސަލައާއި، ރައްކާތެރި ނަރުދަމާ ނިޒާމެއް ނެތުމުގެ މައްސަލައެވެ. މީގެ ފަންސާހަކަށް އަހަރު ކުރިން، ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއެއްގެ ބިމުއަޑިއަކީ ބޯފެނުގެ ޚަޒާނާއެކެވެ. ގިނަ ރަށްރަށުން އެ ޚަޒާނާ މިހާރު ހުސްވެއްޖެއެވެ. އަދި ތަޣައްޔަރުވެ ނަޖިސްވެއްޖެއެވެ.

އަހުމަދު ނިޔާޒް މޫސާ - މުރައިދޫ ރައްޔިތެއް - ރާއްޖެއެމްވީ

ޒަމާންތަކެއް ވަންދެން ފެނާއި ނަރުދަމާއި މަހުރޫމްވެފައިވާ 500 އެއްހާ މީހުން ދިރިއުޅެމުން އަންނަ މުރައިދޫ ރައްޔިތެއް ކަމަށްވާ އަހުމަދު ނިޔާޒް މޫސާ ބުނީ، ސަރުކާރުން ހަމަހަމަކަން ގެނެސްދެނީ މިފަދަ ކަންތައްތަކުން ކަމަށެވެ.

މިއީ މާލޭގެ ބޭފުޅެއް ނުވަތަ ރާއްޖެތެރޭގެ ރަށްތަކުގެ ބޮޑެތި އާބާދީތަކަށް ނޫނީ މީގެ ކުރިން ލިބެން ނުޖެހޭ ކަމަށް ދެކިގެން އައި އަސާސީ ޚިދުމަތްތަކެއް. އިންސާނެއްގެ އުމުރުގެ ހަތަރު ދަންފަޅި ބެހިގެންދާހެން އަޅުގަނޑުމެންގެ އުމުރުގެ 3 ދަންފަޅި ނިމިގެން މިޔައީ. ނަޖިސްފެނުގައި، ނަޖިހުގައި ތަތްތެޅިގެން ކުޑައިރުއްސުރެ އައީ. އެހެންވީމަ އަޅުގަނޑުމެން ކުރިން އެ އުފުލި ތަކުލީފުން ސަލާމަތްވެ، ތަރައްގީވެ ތަހުޒީބުވެފައިވާ މުޖްތަމައުއަކުން ލިބޭނެފަދަ ނިޒާމެއް ލިބިގެން ދިއުމަކީ ހަގީގަތުގައި މިއަދުގެ ސަރުކާރަށް ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން
އަހުމަދު ނިޔާޒް މޫސާ - މުރައިދޫ ރައްޔިތެއް

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންނަށް ޚިދުމަތް ކުރުމާ ޙަވާލުވެވަޑައިގެންނެވީ ވަރަށް މުހިންމު ވަޢުދުފުޅުތަކާ އެކުއެވެ. އެއީ މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، އެއް އުޞޫލަކުން، ހުރިހާ ރަށެއްގައި، ސާފު ބޯފެނާއި ނަރުދަމާ ނިޒާމުތައް ޤާއިމުކޮށްދިނުމެވެ. އެކަމުގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި މިހާރު ވެސް ހިނގަމުން އެބަދެއެވެ.

މި މުހިންމު ބަދަލާ އެކު، ދިވެހިންގެ ދިރިއުޅުމަށް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އެންމެ މުހިންމު ބަދަލަކީ، ނަޖިހުން ތަޣައްޔަރުނުވާ ފެނުން، ސާފުތާހިރުވުމުގެ ފުރުޞަތު ލިބުމާ އެކު، ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަމަށް އަންނާނެ ހެޔޮ ބަދަލެވެ. އެއީ އެތައް ބަލިތަކަކުން ދިފާޢުކޮށްދޭނެ ކަމެކެވެ. އަދި ފެނަށް ޖެހުމުގެ މައްސަލައަށް ލިބޭނެ ދާއިމީ ޙައްލަކަށް ވެސް ވެގެންދާނެއެވެ.

މި ބަދަލުތަކާ އެކު ރާއްޖެ ދެން ކުރިމަތިލާނީ ތަރައްޤީގެ މުޅިން އައު ފިޔަވައްސަކާއެވެ. ރަށްރަށުގައި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމަށް، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކުރަމުން އެ އަންނަ ބޮޑެތި ޚަރަދުތައް، 2024 ވަނަ އަހަރުން ފެށިގެން ކުރާކަށް އޭރަކުން ދެން ނުޖެހޭނެއެވެ. ތަރައްޤީގެ އެހެން މަޝްރޫޢުތަކަށް އެ ފައިސާ ޚަރަދުކުރަން ހުންނާނެއެވެ.

މި ދެންނެވި، ރައްޔިތުންނަށް ބޭނުންވާ އެހެނިހެން އަސާސީ ޚިދުމަތްތަކާ ގުޅިފައިވާ މަޝްރޫޢުތައް، މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި އޭރުން ކުރިއަށް ގެންދެވޭނެއެވެ. ޞިއްޙީ ކަންކަމަށާއި، ތަޢުލީމީ ދާއިރާގެ ތަރައްޤީއަށާއި، ލުއިފަސޭހަ ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ދައުލަތުގެ ބަޖެޓުން އިތުރު ޚަރަދުތައް އޭރުން ކުރަން ޖާގަ ލިބިގެންދާނެއެވެ.

- ކޮމެންޓް