މާލެއާއި އަތޮޅުތަކުގައި ގިނަ އަދަދެއްގެ ބަޔަކު މިއަހަރުގެ ފިތުރު އީދު ނަމާދު ކޮށްފިއެވެ.
މާލޭގައި ބޮޑު ޖަމާއަތުގެ ގޮތުގައި އީދު ނަމާދު ކޮށްފައިވަނީ މާފަންނު ސްޓޭޑިއަމްގައި ބޭއްވި ބޮޑު ޖަމާއަތުގައެވެ. އެޖަމާއަތުގައި ގިނަ އަދަދެއްގެ ބަޔަކު އީދު ނަމާދު ކޮށްފައިވާއިރު އިސްލާމީ މަރުކަޒާއި ހުކުރު ކުރާ ބޮޑެތި ހުރިހާ މިސްކިތްތަކެއްގައި ވެސް ވަނީ އީދު ނަމާދު ކުރުން ބާއްވާފައެވެ.
އެގޮތުން މާލޭގެ 15 މިސްކިތެއްގައި ޢީދު ނަމާދު ކުރިއެވެ. ވިލިމާލޭގައި ބޮޑުޖަމާޢަތުގައި އީދު ނަމާދު ކުރީ ވިލިމާލޭ ބޯޅަދަނޑުގައެވެ. ވިލިމާލެ މަސްޖިދުއްސަލާމްގައި ވެސް އީދު ނަމާދު ކުރުން އޮތެވެ. އީދު ނަމާދުގައި އާއިލާތައް އެކުގައި ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.
ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮތީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މީގެ އިތުރުން މަސްޖިދު ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ އާއި ހުޅުމާލެ ވަގުތީ މިސްކިތުގައި ވެސް ޢީދު ނަމާދު ކުރުން އޮތެވެ.
އަތޮޅުތަކުގެ ރަށްރަށުގައި ވެސް ކައުންސިލްތަކުން ބޮޑު ޖަމާއަތުގެ ގޮތުގައި ރަށްރަށުގެ ތަފާތު ހުސްބިންތަކުގައި އީދު ނަމާދު ކުރުން ބާއްވާފައިވާއިރު މިސްކިތްތަކުގައި ވެސް ވަނީ އީދު ނަމާދު ކުރުން ބާއްވާފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. މާފަންނު ސްޓޭޑިއަމްގައި އެފަހަރު ބޭއްވި އީދު ނަމާދުގައި ދައުލަތުގެ އިސް ބޭފުޅުންނާއި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި އެތައް ހާސް އާންމުން ބައިވެރިވިއެވެ.
މިއަދުގެ އީދު ޚުތުބާގައި ވަނީ އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށާއި އެހީތެރިވުމަށް ގޮވާލައްވާފައެވެ. އަދި އީދު ފާހަގަ ކުރަމުންދާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކިކަންކަމާހުރެ ހިތާމަ ކުރަމުންދާ މުސްލިމުންގެ މަތިން ހަންދާން ކުރުމަށާއި އެހިތާމައިގާ ބައިވެރިވުމަށް ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ރަމަޟާން މަހު ވެސް ދީނުގެ ކަންކަމަަށް ދިން ސަމާލުކަން ދޫކޮށް ނުލައި އެގޮތުގައި ކުރިއަށް ދިއުމަށާއި ޚާއްޞަކޮށް ހަ ރޯދަ ހިފުމަށް މިއަދުގެ އީދު ޚުތުބާގައި ވަނީ ގޮވާލާފައެވެ.
މިއަދަކީ 1438 ވަނަ އަހަރުގެ ފިތުރު އީދު ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައެޅީ ރާއްޖެއަށް ޝައްވާލް މަހުގެ ހަނދު ނުފެނުނު ނަމަވެސް އިސްލާމީ ބައެއް ޤައުމުތަކަށް ޝައްވާލް މަހުގެ ހަނދު ފެނިފައިވާކަމުގެ މައުލޫމާތު ރަސްމީކޮށް ލިބުމާ ގުޅިގެން ކަމަށް އެމިނިސްޓރީން ވަނީ ބުނެފައެވެ.