ފީފާ ވޯލްޑް ކަޕްގައި މުބާރާތް ފަށަން ކުޅުނު މެޗު ޤަތަރަށް ނާކާމިޔާބުވެއްޖެއެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި ޤަތަރު ބައްދަލުކުރީ އިކުއެޑޯއާއެވެ. މި މެޗު އިކުއެޑޯ ކާމިޔާބުކުރީ 2-0ންނެވެ. އިކުއެޑޯއިން ވަނީ މެޗުގެ ކުރީކޮޅު ލަނޑެއް ޖަހާފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އޮފްސައިޑު ކަމަށް ނިންމާ އެ ލަނޑު ބަލައިނުގަނެފައެވެ.
މެޗުގައި އިކުއެޑޯގެ ދެ ލަނޑު ވެސް ޖަހައިދިނީ ކެޕްޓަން އެނާ ވެލެންސިއާއެވެ. ފުރަތަމަ ލަނޑަކީ ވެލެންސިއާއަށް ޤަތަރުގެ އޭރިއާ ތެރެއިން ޤަތަރުގެ ކީޕަރު ސާދް އަލް ޝީބް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އިކުއެޑޯގެ ދެވަނަ ލަނޑު ވެލެންސިއާ ޖެހީ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރެއަށް މަތިން ހުރަސްވި ބޯޅައެއް ގޯލަށް ފޮނުވާލައިގެން ވެލެންސިއާ ކާމިޔާބުކުރި ލަނޑެކެވެ.
ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ދެވަނަ ހާފުގައި ޤަތަރުން ވަނީ ކުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ނަތީޖާ ބަދަލުކުރެވޭ ވަރުގެ މޮޅު ކުޅުމެއް އެޓީމަށް ނުދެއްކުނެވެ. ދެވަނަ ހާފުގައި ކުޅެން އެރި ޤަތަރުގެ މުހައްމަދު މުންޓާރީ ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މެޗުގެ ތަރި ވެލެންސިއާއަށް ދެވަނަ ހާފުގައި ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފައެވެ. އިކުއެޑޯއިން އެންމެ ފަހުން ކުޅުނު ހަތް މެޗު ވެސް ނިންމާލާފައިވަނީ ބައިކޮޅަށް ލަނޑެއް ނުވަދެއެވެ. މުބާރާތުގެ ފުރަތަމަ މެޗުން ބަލިވުމާއެކު ޤަތަރަށް އޮތީ ގްރޫޕް ސްޓޭޖު ފަހަނައަޅާ ދިއުމާއި މެދު ސުވާލު އުފެދިފައެވެ. ގްރޫޕް އޭގައި ދެން އޮތީ ސެނެގޯލް އާއި ނެދަލެންޑްސްއެވެ.
މުބާރާތުގައި މާދަމާ ތިން މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އިންގްލޭންޑާއި އީރާނެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 18:00 ގައެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ސެނެގާލް އާއި ނެދަލެންޑްސްއެވެ. މާދަމާގެ ފަހު މެޗުގައި ދަންވަރު 12 ޖަހާއިރު ކުޅޭނީ އެމެރިކާ އާއި ވޭލްސް ވާދަކުރާ މެޗެވެ.