ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 07:19
އާޖެންޓީނާގެ ފަރިތަކުރުމުގައި މެސީ
އާޖެންޓީނާގެ ފަރިތަކުރުމުގައި މެސީ
ރޮއިޓާރސް
ފީފާ ވޯލްޑް ކަޕް
ވޯލްޑް ކަޕެއް ކާމިޔާބު ނުކޮށް މެސީ ކެރިއަރު ނިންމާލުމަކީ "ބޭއިންސާފެއް"!
ސްޕެެއިން އަށް ވޯލްޑް ކަޕް ކާމިޔާބު ނުކުރެވިއްޖެނަމަ، އޭނާ އެދެނީ އާޖެންޓީނާ އަށް މުބާރާތް ކާމިޔާބުކުރެވެން

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ކެރިއަރުގައި ފީފާ ވޯލްޑް ކަޕެއް ކާމިޔާބު ނުކުރެވުމަކީ ވަރަށް ބޮޑު "ބޭއިންސާފެއް" ކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

އެންރީކޭ މިހެން ބުނީ އާދިއްތަ ދުވަހުގެ ރޭ ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގެ ކުރިން ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ސްޕެެއިން އަށް ވޯލްޑް ކަޕް ކާމިޔާބު ނުކުރެވިއްޖެނަމަ، އޭނާ އެދެނީ އާޖެންޓީނާ އަށް މުބާރާތް ކާމިޔާބުކުރެވެން ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ އާޖެންޓީނާގައި މެސީ ހުރުން ކަމަށެވެ.

ސްޕެއިން އަށް ވޯލްޑް ކަޕް ކާމިޔާބު ނުކުރެެވޭނަމަ، އަހަރެން އެދެނީ އާޖެންޓީނާ އަށް ކާމިޔާބުވުން، އެއީ މެސީ ހުރުމުން. ވޯލްޑް ކަޕެއް ކާމިޔާބުނުކޮށް މެސީ ރިޓަޔާ ވުމަކީ ވަރަށް ބޮޑު ބޭއިންސާފެއް.
ލުއިން އެންރީކޭ / ސްޕެއިންގެ ކޯޗު

އެންރީކޭ މިހެން ބުނެފައިވާއިރު، މިއަހަރުގެ މުބާރާތަކީ މެސީގެ ފަހު ވޯލްޑް ކަޕަށް ވެދާނެ ކަމަށް އޭނާ ވަނީ އިއުލާނުކޮށްފައެވެ. ޤަތަރުގެ މުބާރާތަކީ މެސީގެ ފަސް ވަނަ ވޯލްޑް ކަޕެވެ. މެސީ އަށް ވޯލްޑް ކަޕްގައި އެންމެ ދުރަށް ދެވުނީ 2014 ވަނަ އަހަރުއެވެ. އެއަހަރު އޭނާ ވަނީ އާޖެންޓީނާއާއެކު މުބާރާތުގެ ފައިނަލްގައި ކުޅެފައެވެ. އާޖެންޓީނާ އެ އަހަރުގެ ފައިނަލުން ބަލިވީ ޖަރުމަނު އަތުންނެވެ. މެސީ ވަނީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މިއަހަރުގެ މުބާރާތަށް އާޖެންޓީނާ ކުރިމަތިލާއިރު، އެ ޤައުމަކީ މުބާރާތް ކާމިޔާބު ކުރެވޭނެ ކަމަށް ބެލެވޭ ޓީމުތަކުގެ ލިސްޓުގެ ކުރީގައި އޮތް ޓީމެކެވެ.

އެންރީކޭ ވަނީ މީގެ ކުރިން މެސީ އަށް ކޯޗުކަން ކޮށްދީފައެވެ. 2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރަށް އެންރީކޭ ބާސެލޯނާ އަށް އިރުޝާދު ދިން އިރު ވެސް މެސީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މިއަހަރުގެ މުބާރާތުގައި އާޖެންޓީނާ އޮތީ ސައުދީ އަރަބިއްޔާ، މެކްސިކޯ އަދި ޕޮލެންޑާއެކު ގްރޫޕް ސީ ގައެވެ.

- ކޮމެންޓް