ފަތުރުވެރިކަމުގެ ދާއިރާއިން މީގެ ކުރިން ނުކުރެވި ހުރި ވަރަށް ގިނަ ކަންތައްތަކެއް މި ސަރުކާރުން ކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް 4 އަހަރުވުމާއި ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ މި ދާއިރާގެ ކާމިޔާބީގެ އެންމެ ބޮޑު އަސްލަކީ ދާއިރާގެ މުވައްޒަފުންނާއި ޕްރައިވެޓް ސެކްޓަރާއި ސަރުކާރުން ގުޅިގެން ކުރި މަސައްކަތް ކަމަށެވެ. މިކަމުގައި މުވައްޒަފުންގެ ހިއްސާ ބޮޑުއިރު، އެމީހުންނަކީ ހިތްހަމަޖެހިގެން އުޅޭ ބަޔަކަށް ވުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖުގެ މަސައްކަތަކީ މި ހުރިހާ ދުވަހު ނުވެ އޮތް މަސައްކަތެއް ކަމަށެވެ. މި ވާހަކަ އެންމެ ބޮޑަށް ދެކެވެމުން ދިޔައީ ފަތުރުވެރިކަމުގެ ދާއިރާއަށް ނިސްބަތްކޮށް ކަމަށާއި، އެކަން ވެސް މިއަދު ކަނޑައެޅިފައިވާކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. މީގެ އިތުރުން ގާނޫނުގެ ތެރެއިން ސާވިސް ޗާޖު ބެހޭ ގޮތް އިސްލާހުކޮށްފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަޅުގަނޑުމެން އުންމީދުކުރަނީ ދުވަހެއް ދުވަހަކަށް މުވައްޒަފުންގެ ހުންނަ ހިތްހަމަނުޖެހުންތައް ރަނގަޅުކުރުންޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
މިނިމަން ވޭޖު ތައާރަފުކުރުމާ އެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ. މިގޮތުން ރިސޯޓު މުވައްޒަފުންގެ ތެރެއިން 60 އިންސައްތަ މުވައްޒަފުންގެ މުސާރަ ދެގުނަވާ ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެއެވެ.