މާލޭގައި ފިޠުރު ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް މި އަހަރުވެސް މާފަންނު ސްޓޭޑިއަމްގައި ކުރުމަށް ނިންމައިފިއެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ނިންމާފައި ވަނީ މާފަންނު ސްޓޭޑިއަމްގައެވެ. މާފަންނު ސްޓޭޑިއަމްގައި ފިޠުރު ޢީދު ނަމާދު ކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ވަނީ އެ ސަރަހައްދު ތައްޔާރުކޮށްފައެވެ.
ސްޓޭޑިއަމްގައި ޢީދު ނަމާދު ކުރިނަމަވެސް މާލޭގެ އެހެން މިސްކިތްތަކުގައިވެސް އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން މާލޭގެ 15 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެއެވެ. ވިލިމާލޭގައި ބޮޑުޖަމާޢަތުގައި އީދު ނަމާދު ކުރާނީވިލިމާލޭ ބޯޅަދަނޑުގައެވެ. ވިލިމާލެ މަސްޖިދުއްސަލާމްގައިވެސް އީދު ނަމާދު ކުރުން އޮންނާނެއެވެ.
މީގެ އިތުރުން ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މީގެ އިތުރުން މަސްޖިދު ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީއާއި ހުޅުމާލެ ވަގުތީ މިސްކިތުގައި ޢީދު ނަމާދު ކުރާނެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. މާފަންނު ސްޓޭޑިއަމްގައި އެފަހަރު ބޭއްވި އީދު ނަމާދުގައި ދައުލަތުގެ އިސް ބޭފުޅުންނާއި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި އެތައް ހާސް އާންމުން ބައިވެރިވިއެވެ.