Advertisement
ކ. މާލެ
|
25 ޖޫން 2017 | އާދީއްތަ 04:46
ފަލަސުރުހީ ޕްރޮގްރާމުގައި ޕްރެޒެންޓަރު އަހުމަދު މުހުސިން (ކ) އަދި އެމްޑީޕީގެ ނައިބްރައީސް މުހައްމަދު ޝިފާޒް (ވ)
ފަލަސުރުހީ ޕްރޮގްރާމުގައި ޕްރެޒެންޓަރު އަހުމަދު މުހުސިން (ކ) އަދި އެމްޑީޕީގެ ނައިބްރައީސް މުހައްމަދު ޝިފާޒް (ވ)
ރާއްޖެއެމްވީ
އަދީބުގެ ބޭސްފަރުވާގެ މައްސަލަ
ސަރުކާރުން ބިރުގަންނަނީ އެންމެ ބޭފުޅެއް ދެކެ، އަދީބަށް ބޭސްފަރުވާގެ ފުރުސަތު ތަނަވަސްކޮށްދޭން ޖެހޭ: ޝިފާޒު
ބޭސްފަރުވާގެ ނިޒާމް ތަނަވަސްކޮށްދިނުމަކީ އަސާސީ ހައްގެއް
އެމްޑީޕީން އަންނަނީ އަދީބާ ބައްދަލުކުރުމަށް މަސައްކަތްކުރަމުން
ސަރުކާރުން ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުޞަތު އަދީބަށް ނުދެވޭނެ ކަމަށް ބުނެފަ

ސަރުކާރުން ބިރު ގަންނަނީ އެންމެ ބޭފުޅެއް ދެކެ ކަމަށާއި، ކުރީގެ ނައިބްރައީސް އަހުމަދު އަދީބަށް ބޭސްފަރުވާގެ ފުރުސަތު ތަނަވަސްކޮށްދޭން ޖެހޭ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބްރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝިފާޒު ވިދާޅުވީ، އަދީބަކީ ޖަލުގައި ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ފަރާތެއް ކަމަށާއި، ބޭސްފަރުވާއަކަށް އެބޭފުޅާ އެދުމުން އެކަމަށް ސަރުކާރުން ބޯލަނބަންޖެހޭ ކަމަށެވެ.

ބޭސްފަރުވާގެ ހައްގަކީ ގަނޫނޫއަސާސީއަށް ބަލާއިރުވެސް ހިފެހެއްޓޭނެ ހައްގެއް ނޫންކަން ފާހަގަކުރައްވަމުން ޝިފާޒު ވިދާޅުވީ، އަދީބު ބޭސްފަރުވާއަށް އެދިލެއްވުމުން ސަރުކާރުން ދައްކަނީ ބޭކާރު ބަހަނާ ކަމަށެވެ. އެގޮތުން ޝިފާޒު ވިދާޅުވީ އަދީބު ކޮންމެ ފަދަ ކަމެއް ކުރެއްވި ނަމަވެސް އެބޭފުޅާއަށްވެސް ލިބޭ ބޭސްފަރުވާގެ ހައްގު ދެއްވަން ޖެހޭ ކަމަށެވެ.

މީގެއިތުރުން ޝިފާޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުރީގައި ކުރެއްވި ކަންތައްތައް އެންމެ ރަނގަޅަށް އެނގިލައްވާނެ ފަރާތަކީ އަދީބުކަމަށް ވަރަށް ގިނަ މީހުން ބުނާ ކަމަށާއި، އެގޮތުން އަދީބު ދައްކަވާފާނެ ވާހަކަފުޅެއްގެ ބިރަށް ސަރުކާރު އުޅޭކަމަށްވެސް އެ މީހުން ބުނާ ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ޗެއާޕަރސަން ހަސަން ލަތީފް އަދި ނައިބްރައީސް ޝިފާޒް، ޖަލުގައި ހުންނެވި އަހުމަދު އަދީބުއާ ބައްދަލުކޮށްދެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިލެއްވުމާއި ގުޅިގެން، އެމްޑީޕީން މިހާރު ވަނީ އެކަމަށް އެދި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.

އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާއިރު، އަދީބަށް ބޭސްފަރުވާ ކުރުމަށް ރާއްޖޭން ބޭރަށް ފޮނުވައިދިނުމަށް އަދީބުގެ ގާނޫނީ ވަކީލުންނާއި އާއިލާއިން އެދުނު ނަމަވެސް، ސަރުކާރަށް އަދީބުގެ ފަރާތުން ލިބެންޖެހޭ ފައިސާ ހުރިކަމަށްބުނެ، ސަރުކާރުން ވަނީ ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމަށް ދެކޮޅުހަދާފައެވެ. 

އަދީބު 33 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދަވާއިރު، އެ މަނިކުފާނަށް މިހާރު މެދުވެރިވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުން ލަސްކޮށްފި ނަމަ ޖަލުގެ ގޮޅިތެރޭގައި އަދީބު މަރުވެދާނެ ކަމަށް، އޭނާގެ ވަކީލް މޫސާ ސިރާޖު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް