އިރާނުގެ ދީނީ މުހިއްމު ތަންތަނަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި ކަމަށް އެ ގައުމުގެ އިންޓެލިޖެންސް މިނިސްޓްރީން ހޮނިހިރު ދުވަހު ހާމަކޮށްފިއެވެ.
އީރާނުން ބުނީ ހަމަލާދޭން އުޅުނީ އައިސިސް ޖަމާއަތުގެ ބައެއް ކަމަށެވެ. މި ހަމަލާ ނާކާމިޔާބު ކޮށްލުމުގައި، މިކަން ރޭވި މީހުން އަތުލައިގަތުމުގެ އިތުރުން އެމީހުންގެ ގެންގުޅުނު ހަތިޔާރާއި ގޮވާތަކެތިވެސް އަތުލައިގަނެފައިވާ ކަމަށް އީރާނުން ބުނެއެވެ.
މި ހަމަލާ ނާކާމިޔާބު ކޮށްލެވުނު ކަމަށް އީރާނުން ބުނެފައި މިވަނީ، އިރާނުން ސީރިއާގައި ހަރަކާތްތެރިވާ އައިސިސް ހަނގުރާމަ ވެރިންނަށް އަމާޒުކޮށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން މިސައިލް ހަމަލާތަކެއް ފޮނުވާލިތާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައިކަން ފާހަގަ ކުރެވެއެވެ. އީރާނުގެ މި ހަމަލާއަކީ އެ ގައުމުގެ ވެރިރަށް ތެހެރާނުގައި މި މަހުގެ ކުރީކޮޅު އައިސިސް އިން ދިން ޓެރަރިސްޓް ހަމަލާއަކަށް ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.
ޖޫން 7 ވަނަ ދުވަހު ތެހެރާނަށް އައިސިސް އިން ދިން ދެ ހަމަލާ އެއްގައި މަދުވެގެން އަށާރާ މީހުން މަރުވެފައިވެއެވެ. އެ ހަމަލާގެ ފަހުން، ޓެރަރިސްޓުން އަތުލައިގަތުމަށް އީރާނުގެ އެތެރޭގައި އެތައް އޮފަރޭޝަނެއް އީރާނު ސިފައިން ހިންގާފައިވާކަން ފާހަގަ ކުރެވެއެވެ. އަދި މި އޮޕަރޭޝަން ތަކުގައި އައިސިސްއާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ އެތައް ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.