ޕިއާސް މޯގަންއަށް ކްރިސްޓިއާނޯ ރޮނާލްޑޯ ދިން އިންޓަވިއުގައި ދެއްކި ވާހަކަތަކާއި ގުޅިގެން ރޮނާލްޑޯއަށް އަދަބުދިނުމަށް މެންޗެސްޓަރ ޔުނައިޓެޑުން ނިންމައިފިއެވެ.
ޕިއާސް މޯގަންއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ރޮނާލްޑޯ ވަނީ ފާގަސަން ޔުނައިޓެޑު ދޫކޮށްލި ފަހުން ޓީމަށް އެއްވެސް ކުރި އެރުމެއް ނުލިބޭ ކަމަށް ބުނެފައެވެ. މީގެ އިތުރުން ރޮނާލްޑޯ ބުނީ އޭނާ ޓެން ހާގަށް އެއްވެސް ވަރަކަށް އިހުތިރާމް ނުކުރާ ކަމަށެވެ. ރޮނާލްޑޯ ބުނީ ޔުނައިޓެޑުން އޭނާ އަށް ކަންކަން އޮޅުވާލި ކަމަށާއި، ކުލަބުން އޭނާ ބޭރުކުރަން ބޭނުންވާ ކުޅުންތެރިން ވެސް ތިބި ކަމަށެވެ.
މިކަމާއި ގުޅިގެން ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ ރޮނާލްޑޯ ދެއްކި ވާހަކަތަކާއި ގުޅިގެން އޭނާއަށް އެކަށީގެންވާ އަދަބު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އިތުރަށް އެއްޗެއް ބުނެވޭނީ މި މައްސަލަ އެއްކޮށް ބަލާ ނިމުމުން ކަމަށްވެސް ޔުނައިޓެޑުގެ ބަޔާނުގައިވެއެވެ.
މީގެ ކުރިންވެސް ޔުނައިޓެޑުން ވަނީ ރޮނާލްޑޯއަށް އަދަބުދީފައެވެ. އެއީ ޕްރިމިއަރ ލީގުގައި ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނުނިމެނީސް ހިތްހަމަނުޖެހުން ފާޅުކޮށް ރޮނާލްޑޯ ދަނޑު ދޫކޮށް ދިއުމުންނެވެ. އެކަމުގެ އަދަބެއްގެ ގޮތުގައި ޔުނައިޓެޑުން ވަނީ ޗެލްސީއާއި ބައްދަލުކުރި މެޗުގެ ސްކޮޑުން ރޮނާލްޑޯ އެކަހެރިކޮށްފައެވެ.