ކ. މާލެ
|
17 ނޮވެންބަރ 2022 | ބުރާސްފަތި 14:45
ރައިސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ރައިސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ރައީސް އޮފީސް
ހަމަހަމަ 4 އަހަރު
ސަރުކާރަށް 4 އަހަރު ވެގެންދާއިރު، ފެންނަމުން މިދަނީ ހަމަހަމަ 4 އަހަރު - މިއުވާން
ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ޚިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ

ނިމިގެން ދިޔަ 4 އަހަރަކީ ހަމަހަމަކަމާއެކު ވެރިކަން ކުރި 4 އަހަރު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، ވެރިކަމުގެ ހުވާކުރެއްވި ދުވަހު ދިވެހި ރައްޔިތުންނަށް ވަޢުދުވެވަޑައިގެންނެވި ގޮތަށް، މިފެންނަނީ ހަމަހަމަ 4 އަހަރު ފުރިގެންދާތަން ކަމުގައެވެ. މިއުވާން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި، ވޯޓު ދިން އިރު ރައްޔިތުން އިޚްތިޔާރުކުރެއްވި ގޮތަށް ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ޚިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިކަމަށެވެ.

މިއަދު ސަރުކާރަށް ހަތަރު އަހަރު ވެގެންދާއިރު، އަޅުގަނޑުމެންނަށް މިފެންނަނީ ހަމަހަމަ 4 އަހަރު ފުރިގެންދާތަން. ދިވެހިރާއްޖޭގެ ވޯޓުލާ އާބާދީގެ 58.4 އިންސައްތަ ރައްޔިތުންގެ ތާއީދާއެކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ، ރައީސުލްޖުމްހޫރިޔާ 2018، ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް ކަމުގެ ހުވާކުރައްވާފައިވަނީ. ހުވާކުރެއްވުމަށްފަހު ރައީސް ވިދާޅުވެފައި ވާނެ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޔަގީންކަން އަރުވާ ކަމަށް، ވޯޓު ދެއްވި އިރު ރައްޔިތުން އިހްތިޔާރުކުރެއްވި ގޮތެއް ބެލުމެއް ނެތި ހުރިހާ ރައްޔިތުންގެ އުއްމީދު ހާސިލްކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ވާހަކަ. ސަރުކާރަށް 4 އަހަރު ފުރިގެންދާއިރު މިއަދު މި ފެންނަނީ ހަމަހަމަ 4 އަހަރު ފުރިގެންދާތަން. ސިޔާސީ ކުލައަކަށް ރަށުގެ ސައިޒަކަށް އާބާދީއަކަށް ސަރަހައްދަކަށް ނުބައްލަވާ ހަމަހަމަކަމާއެކު ކަންކަން ކުރައްވާތަން މިއަދު ފެނިގެން ގޮސްފި
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

މިއުވާން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މިފާއިތުވި ހަތަރު ކުރައްވާފައިވާ މުހިއްމު ބައެއްކަންކަން ޚުލާސާގޮތެއްގައި ވިދާޅުވެ ދެއްވާފައެވެ. މީގެއިތުރުން މިއުވާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ބައެއް ވައުދުތައް ފުއްދިފައިވާ ކަމަށެވެ. އަދި ރިޔާސީ ވަޢުދުތަކުގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ހިނގަމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި މިއުވާން ވަނީ، ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. މިގޮތުން އީޕީއޭއިން އެފްކޮންސް ޖޫރިމަނާކުރުމަކުން، ބުރިޖުގެ މަޝްރޫޢަށް މަޑުޖެހުމެއް ނާންނާނެ ކަމުގައި ވިދާޅުވިއެވެ. އަދި އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސްނެގުމުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާނެ ކަމުގައިވެސް މިއުވާން ވިދާޅުވިއެވެ.

- ކޮމެންޓް