ރާއްޖޭގެ ފަތުރުވެރިކަމަށް ރަޝިޔާ މާކެޓްގެ އުންމީދު ބޮޑުކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަަވަމުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު މުހައްމަދު ވިދާޅުވީ ރާއްޖޭގައި ރަޝިޔާ ފަތުރުވެރިންގެ މާރކެޓް ވަރަށް ބާރަށް ކުރިއަރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އިންޑިއާ މާކެޓް ވައްޓާލާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނައިން އަންނަނީ ޗައިނާ އިން ކަމަށް ވީ ނަމަވެސް ކޮވިޑް-19 އަށް ފަހު މިހާރު ރާއްޖޭގެ ފަތުރުވެރިކަމަށް ރާއްޖެއިން ކަނޑައެޅި ލަނޑުދަނޑި ހާސިލްކުރަމުން ދަނީ ޗައިނާ މާރކެޓާއި ނުލާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އިނގރިޭސިވިލާތުން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތްވެސް ރަނގަޅު ކަމަށް ތޮއްޔިބް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވި ގޮންޖެހުންތަކުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރި މަސައްކަތްތައް ވަރަށް ކާމިޔާބުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ރާއްޖެ އިޝްތިހާރުކުރުމަށް އަދިވެސް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރި ކަމަށް ތޮއްޔިބް ވިދާޅުވިއެވެ. އެގޮތުން އެމްއެމްޕީއާރުސީ އާއި ހަވާލުކުރި ހުރިހާ މަސައްކަތެއް ބަރާބަރަށް ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.