މިއަންނަ އާދީއްތަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕަށް ނެދަލެންޑްސްގެ ސްޓްރައިކަރު މެމްފިސް ޑެޕާއި ފިޓްކަމަށް އޭނާ ބުނެފިއެވެ.
ޑެޕާއީގެ ފައިގެ ފަލަމަސްގަނޑަށް ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އަނިޔާވެފައެވެ. ނޭޝަންސް ލީގުގައި ޕޮލެންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ނުކުޅެވިދާނެ ކަމުގެ ބިރު އޭނާއަށް އޮތީ ހީވެފައެވެ. އަނިޔާއިން ސަލާމަތްވީވެސް އަންދާޒާކުރި ވަރަށްވުރެ ދިގު މުއްދަތަކުންނެވެ.
ޑެޕާއީ ބުނީ އަނިޔާގައި ހުރި ދުވަސްތަކަކީ ނަފްސާނީ ގޮތުންވެސް އޭނާއަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ދުވަސްތަކެއް ކަމަށެވެ. އަދި އަނިޔާއިން ރަނގަޅުވުމަށް އޭނާއަށް ކުރެވޭނެ ހުރިހާ ކަމެއް ކޮށްފައިވާނެކަން ޑެޕާއީ ފާހަގަކުރިއެވެ.
މުބާރާތުގައި ވާދަކުރުމަށް ގަތަރަށް ދިއުމަށްފަހު އަންގާރަ ދުވަހު ނެދަލެންޑްސް ޓީމުން ބޭއްވި ފަރިތަކުރުމުގައި ޑެޕާއީ ބައިވެރިވިއެވެ. އޭނާ ބުނީ ފަރިތަކުރުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، މެޗެއްގައި ކުރަން ޖެހޭނެ ހުރިހާ ކަމެއް ފަރިތަކުރުމުގައި އޭނާ ކުރި ކަމަށެވެ.
ޑެޕާއީ ފިޓްކަމަށް އޭނާ ބުނި ނަމަވެސް ޓީމުގެ ފުރަތަމަ 11ގައި އޭނާ ހިމަނާނެތޯ އޮތީ ސުވާލު އުފެދިފައެވެ. ނެދަލެންޑްސްގެ ކޯޗު ވެން ހާލް މީގެ ކުރިންވެސް ވަނީ ޑެޕާއީ ފުރަތަމަ 11ން ނުފެނިދާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ.
މުބާރާތުގައި ނެދަލެންޑްސްގެ ފުރަތަމަ މެޗުގައި ވާދަކުރަން ޖެހޭނީ ސެނެގާލްއާއެވެ. މި މެޗު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. ނެދަލެންޑްސް އާއި ސެނެގާލްގެ އިތުރުން ގްރޫޕް އޭ ގައި ދެން ހިމެނެނީ ޤަތަރާއި އެކުއެޑޯއެވެ.