މެންޗެސްޓަރ ޔުނައިޓެޑާއި ގުޅޭ ގޮތުން އެޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ދެއްކި ވާހަކަތަކާއި ގުޅިގެން އޭނާއަށް އަދަބުދީފާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ކުރި ޓްވީޓެއްގައި ބުނީ ކްލަބާއި ގުޅޭގޮތުން ރޮނާލްޑޯ ދެއްކި ވާހަކަތަކާއި މެދު ޔުނައިޓެޑުގެ މެނޭޖުމެންޓުން އިންޓާނަލް މީޓިންއެއް މިއަދު ބާއްވާނެ ކަމަށެވެ. އަދި މި ބައްދަލުވުމުގައި، ރޮނާލްޑޯއަށް އަދަބުދޭން ނިންމުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ފެބްރީޒިއޯ ރިޕޯޓުކޮށްފައިވެއެވެ.
ޕިއާސް މޯގަންއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ރޮނާލްޑޯ ވަނީ ފާގަސަން ޔުނައިޓެޑު ދޫކޮށްލި ފަހުން ޓީމަށް އެއްވެސް ކުރި އެރުމެއް ނުލިބޭ ކަމަށް ބުނެފައެވެ. މީގެ އިތުރުން ރޮނާލްޑޯ ބުނީ އޭނާ ޓެން ހާގަށް އެއްވެސް ވަރަކަށް އިހުތިރާމް ނުކުރާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ރޮނާލްޑޯ ބުނީ ޓެން ހާގް އޭނާ އަށް އިހުތިރާމް ނުކުރާތީކަމަށެވެ. ރޮނާލްޑޯ ބުނީ އެއްވެސް މީހަކު އޭނާ އަށް އިހުތިރާމް ނުކުރާ ނަމަ، އޭނާ ވެސް އިހުތިރާމް ނުކުރާނެ ކަމަށެވެ.
މިކަމާއި ގުޅިގެން ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ ރޮނާލްޑޯ ދެއްކި ވާހަކަތަކަށް ޖަވާބުދެވޭނީ ކްލަބުން އެކަންތައް ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ. އަދި މިހާރު ޓީމުގެ ސަމާލުކަން އޮތީ ސީޒަންގެ ބާކީބައި ރަނގަޅު ގޮތުގައި ނިންމާލުމަށް ކަމަށެވެ. އަދި ޓީމުގެ ސްޓާފުންނާއި މެނޭޖުމެންޓު އަދި ކުޅުންތެރިން އެއްބައިވަންތަކަންމަތީގައި ކުރިއަށް ދިއުން ކަމަށެވެ.
ނަމަވެސް މިކަމާއި ގުޅިގެން ޔުނައިޓެޑުން ބާއްވާ ބައްދަލުވުމަށްފަހު ރޮނާލްޑޯއަށް އަދަބެއް ދިނުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ކުރިންވެސް ކްލަބުން ވަނީ އޭނާއަށް އަދަބު ދީފައެވެ. އެއީ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗެއްގައި ހިތްހަމަ ނުޖެހިގެން ރޮނާލްޑޯ ދަނޑު ދޫކޮށްދިއުމުންނެވެ. އަދަބެއްގެ ގޮތުގައި ޓެން ހާގް ވަނީ ޗެލްސީއާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ސްކޮޑުން ރޮނާލްޑޯ ބާކީ ކޮށްފައެވެ.