ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން މުލިއާގެއަށް ވަޑައިގަންނަވައިފިއެވެ.
މެންބަރުން ރައީސް އާއި ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާފައި ވަނީ މަޖިލީސް ހިނގާ ގޮތާއި މެދު ހިތްހަމަޖެހިވަޑައިނުގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައި ވެސް މެންބަރުން ވަނީ ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ވޯޓަށް ނާހައިގެން ނުރުހުން ފާޅުކޮށް އަޑު އުފުލާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވެއެވެ. އަދި ރިޕޯޓަށް ބަހުސް ކުރަން މެންބަރަކު އެދިފައި ނެތުމުން، ރިޔާސަތުން ވަނީ ބިލަށް ވޯޓަށް އަހާ ވަރަށް މެންބަރުން ތަޅުމުގައި ނެތްކަމަށް ވިދާޅުވެ ކުއްލި ގޮތަކަށް ޖަލްސާ މެދުކަނޑާލާފައެވެ.
އަންގާރަ ދުވަހު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހޯމަ ދުވަހުގެ ޖަލްސާ ނިންމާލި ގޮތް ދިފާއުކުރައްވާފައެވެ.