ކ. މާލެ
|
15 ނޮވެންބަރ 2022 | އަންގާރަ 12:20
މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ
މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ
ރާއްޖެއެމްވީ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލެވުމުން އިނާޔަތްތަކަށް ބަދަލު އަންނާނެ: މިނިސްޓަރު
މިއަހަރު ނިމުމުގެ ކުރިން ރަޖިސްޓްރީގެ ކަންކަން ނިމި ދަފްތަރު އެކުލަވާލެވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވި
އަންނަ އަހަރުގެ ބަޖެޓްގައި 341 މިލިއަން ރުފިޔާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްދޭ އެހީގެ ގޮތުގައި ވަނީ ކަނޑައަޅާފައި

ނުކުޅެދުންތެރިކަން ހުންނަ މީހުން ރަޖިސްޓްރީކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށާއި ރަޖިސްޓްރީ ނިމި ދަފްތަރު އެކުލަވާލެވުމުން އެލަވަންސްތަކަށް ބަދަލު އަންނާނެކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ހަތަރު އަހަރު ފުރިފައިވާއިރު ފާއިތުވި ހަތަރު އަހަރު ޖެންޑަރ މިނިސްޓްރީއަށް ކުރެވިފައިވާ ކަންކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ގުޅޭ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދު މިއަހަރު ގެޒެޓްކުރެވިފައިވާ ކަމަށެވެ. އެ ގަވާއިދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ރަޖިސްޓްރީކޮށް އެމީހުންގެ ނުކުޅެދުންތެރިކަން ހުންނަ މިންވަރުން ކްލެސިފައިކުރުމާއި ގުޅޭ ގަވާއިދެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިޔަށްދާއިރު މިއަހަރު ނިމުމުގެ ކުރިން ރަޖިސްޓްރީގެ ކަންކަން ނިމި ދަފްތަރު އެކުލަވާލެވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ރެޖިސްޓަރ ނިމިގެންދާއިރު އިންނާނީ މިހާރު ރަޖިސްޓްރީކުރީމާ މިލިބެނީ ކޮންމެ މީހަކަށްވެސް ދެ ހާސް ރުފިޔާ. އެއަށް ދެން ބަދަލުތަކެއް އަންނާނެ. އޭގެ މާނައަކީ އާންމު ޑިސެބެލިޓީ، ސިވިއަރ ޑިސެބިލިޓީ، ޕްރޮފައުންޑް ޑިސެބިލިޓި ކްލެސިފައިޑް ވެގެންދާނެ. ވެގެންދާއިރު އެލަވަންސްތައްވެސް ބިނާވެގެންދާނީ އެގޮތަށް.
އައިޝަތު މުހައްމަދު ދީދީ/ ޖެންޑަރ މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ލިބެނީ ގާނޫނުގައި އެންމެ މަދުވެގެންދޭންޖެހޭކަމަށް ބުނާ ދެހާސް ރުފިޔާކަމަށެވެ. އެއީ ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން ދެވޭ މިންވަރުކަމަށާއި ނަމަވެސް މިހާރު ޕްރޮޕޯޒްކޮށްފައިވާ ގޮތަށް ބަޖެޓް ހަމަޖެހިގެން އަންނައިރު ކޮންމެ މީހަކަށްވެސް ދެ ހާސްރުފިޔާއަށްވުރެ އިތުރަށް ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެން ޕްރޮފައުންޑް މީހުންނަކީ ކެއަރޓޭކަރ އެއް ނެތި އެކަނި އަމިއްލަ ދިރިއުޅުން ނުބެލެހެއްޓޭނެ މީހުން. އެހެންވީމާ އެމީހުން ބަލަހައްޓާ މީހާއަކީ އެއްވެސް ގޮތަކަށް އާމްދަނީ ހޯދަން މަސައްކަތްކުރާނެ ވަގުތެއް ލިބޭނެ މީހެއް ނޫން. އަޅުގަނޑުމެންގެ ވިސްނުމުގައި އެބަހުރި ބަލަހައްޓާ މީހާއަށް އެލަވަންސް ދެވޭނެ މަގެއް ކުރިއޮތްތަނުގައި ހަމަޖެއްސުން. ބައެއް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ވަކި ކަހަލަ އެއްޗެހި އަބަދު ހޯދަންޖެހެ މީހުން. އެއެއްޗިއްސަށް ވަރަށް ބޮޑެތި ހަރަދު ރާއްޖޭގައި ދޭ. އެހެންވީމާ އެއަށް ކޮންމެސް ވަރެއްގެ އެއްޗެއް ދެވިދާނެތޯ.
އައިޝަތު މުހައްމަދު ދީދީ/ ޖެންޑަރ މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ މިކަމާއި ގުޅޭގޮތުން ރައީސް އޮފީހާއި މަޝްވަރާކުރެވެމުންދާކަމަށެވެ.

މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވީ މިއަހަރުގެ ފަހު ކުއާޓަރުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ ޢިނާޔަތް ބޮޑު ކުރުމަށް ނިންމަވާފައިވާކަމަށެވެ. ރައީސް ޞާލިހު ވިދާޅުވީ މިހާތަނަށް އައިއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބެހޭ ޖުމްލަ އަދަދާއި ތަފްޞީލް އެނގޭ ޤައުމީ ދަފްތަރެއް ނެތްކަމަށެވެ. މިފަދަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެދަފްތަރަކީ އެމީހުންނަށް ބޭނުންވާ ފަރުވާ އާއި ރިހެބިލިޓޭޝަން އަދި ތެރަޕީއާއި އެހެނިހެން ޚިދުމަތްތަށް ފޯރުކޮށްދިނުމަށް އޮތް ވަޞީލަތް ކަމުގައިވާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކި ފަރާތްތަކަށް ދެމުންދާ އެހީތައް އޭގެ އެންމެ ހައްގުވެރި ފަރާތްތަކަށް އެކަށޭނެ މިންވަރެއްގައި ދިމުނަށްޓަކައި، އިޖްތިމާއީ ދާއިރާގެ ދަފްތަރެއް އެކުލަވާލައި ގިންތިތަކަށް ބަހާލައިގެން ދިނުމަށް ބަދަލު ގެނައުމުގެ މަސައްކަތްތައް ދަނީ ހިނގަމުންކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ މިގޮތުން ނިކަމެތިންނާއި، އެކަނިވެރި މައިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެހެނިހެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދޭ އެހީ ދެމުންދާގޮތް މުރާޖައާކޮށް، މި އެހީތަކަށް 434.9 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމަށެވެ. 341 މިލިއަން ރުފިޔާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްދޭ އެހީގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

- ކޮމެންޓް