Advertisement
ކ. މާލެ
|
15 ނޮވެންބަރ 2022 | އަންގާރަ 12:03
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ޝުއައިބް މުހައްމަދު އިގްބާލް
ރޮޒައިނާއަށް އިންޒާރު ދިން މައްސަލަ
ރޮޒައިނާއަށް އިންޒާރުދީ، އަނިޔާ ދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ މައްސަލަ ތަހުގީގުކުރުމަށް އެމްޑީޕީން ގޮވާލައިފި
ވާދަވެރިކަމުގެ ތެރެއިން އަނެކާ ނުރައްކަލަށް ކުރިމަތިވާގޮތަށް އެއްވެސް ފަރާތަކުން މުޢާމަލާތްނުކުރުމަށް އިލްތިމާސްކޮށްފައިވޭ
ރޮޒައިނާ ވަނީ ރައީސް ނަޝީދަށް ތުހުމަތުތަކެއް ވެސް ކުރައްވާފައި

އަންހެނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ އޭނާއަށް އަނިޔާދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ މައްސަލަ ތަހުގީގުކުރުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެޕާޓީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ އޭނާއަށް އަނިޔާދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާތީ އެކަމާ އެ ޕާޓީން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.

ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އުފެދޭ ހިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަނާ އިޚްތިރާމާއެކު މުޢާމަލާތްކުރުމަށާއި، އެ ވާދަވެރިކަމުގެ ތެރެއިން އަނެކާ ނުރައްކަލަށް ކުރިމަތިވާގޮތަށް އެއްވެސް ފަރާތަކުން މުޢާމަލާތްނުކުރުމަށް އެޕާޓީން އިލްތިމާޞްކޮށްފައިވެއެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެހެންމީހަކަށް އަނިޔާވެރިވުމަށް ގޮވާލާ މިންވަރަށް ފުޅާކޮށް އޮތް މިނިވަންކަމެއް ނޫންކަމަށް އެމްޑީޕީން ބުނެއެވެ.

Advertisement

އެ ޕާޓީއަކީ އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ގޮވާލައި، ޖިނާއި ކުށަކަށް އަރައިގަތުމަށް ހިތްވަރުދޭ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއް ނޫން ކަމަށާއި، ޤާނޫނުއަސާސީއިން ލިބިފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ޤާނޫނީ އިމުގެ ތެރެއިންކަން އެ ޕާޓީން ގަބޫލުކުރާ ކަމަށް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަންހެނުން ސިޔާސީ ހަރަކާތަށް ނެރި، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުޞަތު ފަހިކޮށްދިނުމަކީ އެމްޑީޕީގެ މައިގަނޑު އަސާސްތަކުގެތެރޭގައި ހިމެނޭކަމެއް ކަމަށް އެޕާޓީން ބުނެފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެންމެ ހަތަރު އަންހެން މެންބަރުންގެ ތެރެއިން އެއް މެންބަރަކަށް އަދި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްއަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލުމަކީ އެ ޕާޓީއިން ހަރުހައަޑުން ކުށްވެރިކުރާކަމެއް ކަމަށް ވެސް މިބަޔާނުގައި ބުނެފައިވެއެވެ. އަދި މިއީ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ހުރަސްއެޅިގެން ދާނެކަމެއްކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ އަނިޔާދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަޙްޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

މެންބަރު ރޮޒައިނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނުގެ ގޭންގު އޭނާގެ ފަހަތުން ފޮނުއްވާފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދާއި ދެކޮޅަށް ތެދުވެވަޑައިގަންނަވާނަމަ ދެންވާނެގޮތް ދައްކަވަން ބޭނުންވާ ކަމަށާއި، އެމީހަކަށް ސޯޝަލް މީޑިއާގައި ގަނާކޮށް، ފުރައްސާރަކޮށް ހަދާ ކަމަށެވެ. އަދި އެގޮތަށް ކަންކަން ކުރައްވަނީ ރައީސް ނަޝީދު ކުރައްވާ ކަންކަމާއި ދެކޮޅަށް އެއްވެސް މީހަކަށް ބަސްބުނުމުގެ ފުރުސަތު ނުދެއްވަން ކަމަށާއި، އޭނާއަށް ބިރުދައްކާ ނުހުއްޓުވޭނެކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް