Advertisement
ކ. މާލެ
|
14 ނޮވެންބަރ 2022 | ހޯމަ 18:34
މ. ނިރުފެހިގޭގައި އަލިފާން ރޯވެފައި
މ. ނިރުފެހިގޭގައި އަލިފާން ރޯވެފައި
އެމްއެންޑީއެފް
މާލޭގައި ހިނގި އަލިފާނުގެ ހާދިސާ
އަލިފާންގަނޑު ފެތުރެން ނެގީ އެންމެ ދޮޅު މިނެޓް: ފުލުހުން
އަލިފާން ރޯވި އިރު 26 މީހުން އެ ގޭގެ ތެރޭގައި ތިބި
މިހާތަނަށް ބެލި ބެލުމުން އަލިފާން ރޯވީ ގަރާޖުގައި ކަމަށް ލަފާ ކުރެވޭ
އަލިފާން ރޯވީ 00:26ގައި، ފެތުރެން ނެގީ ދޮޅު މިނެޓު

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވިތާ ދޮޅު މިނެޓު ތެރޭގައި އަލިފާންގަނޑު މުޅި ގެއަށް ފެތުރިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހޯމަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިހު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އަލިފާން ރޯވީ ގަރާޖުގައި ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ ގެ ހަދާފައިވަނީ ލަކުޑިން ޑެކު އަޅައިގެން ދެ ފަންގިފިލާއަށް ވާގޮތަށް ކަމަށާއި އަލިފާން ރޯވި އިރު 26 މީހުން އެ ގޭގެ ތެރޭގައި ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ނިރުފެހިގޭގެ ތިރީގައި ގަރާޖު ހުންނައިރު އެތަނުގައި މަސައްކަތް ކުރާ ބިދޭސީން ދިރިއުޅުމަށް ކޮޓަރިއެއް ތިރީ ފްލޯގައި ހަދާފައިވާ ކަމަށާއި ފުރަތަމަ ފަންގިފިލާގައި ހަތަރު ކޮޓަރިއާއި ދެވަނަ ފަންގިފިލާގައި އަށް ކޮޓަރި ހުރި ކަމަށް ސާމިހު ވިދާޅުވިއެވެ. އަދި ކޮޓަރިތައް ހަދާފައިވަނީ ލަކުޑިން ކަމަށާއި ކޮންމެ ކޮޓަރިއެއްގައި ވަކިން ކައްކައި، ކެވޭގޮތަށް އިންތިޒާމު ހަމަޖައްސާފައި ހުރިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސާމިހު ވިދާޅުވީ މިހާތަނަށް ތަހުގީގުން ހޯދުނު ހޯދުންތަކުން ދައްކާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ ބާރު އަޑަކާއެކު ހުޅުގަނޑު ފަޅައިގެން ގޮސްގެން ކަމަށް ބެލެވޭ ކަމަށާއި އަލިފާން ރޯވީ އެ ރޭ ދަންވަރު 00:26 ގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގި ވަގުތު ގަރާޖުގެ މައި ދޮރު ހުރީ ބޭރުން ތަޅުލާފައި. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކުއްލިއަކަށް ބާރު އަޑުފަށްގަނޑަކާއެއްްކޮށް ގަރާޖުގެ ތެރެއިން ހުޅުގަނޑު ފަޅައިގެން ގޮސްގެން. އަލިފާން ހުޅު ފުރަތަމަ ހިފާފައިވަނީ 00:26 ހާއިރު ކަމާއި އިމާރާތުގެ އެހެން ބައިތަކަށް އަލިފާންގަނޑު ފެތުރި މުޅިގެ އެއްކޮށް އަނދާފައިވާ ކަން ފާހަގަކުރެވޭ.
އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިހު

މި ހާދިސާގައި 10 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި އިންޑިއާއަށް ނިސްބަތްވާ އަށް މީހުންނާއި ބަންގްލަދޭޝަށް ނިސްބަތްވާ ދެ މީހުން ހިމެނެއެވެ. މި ހާދިސާގައި ސަލާމަތް ކުރި މީހަކަށް މިހާރު ވެސް ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑު މިހާރު އާއިލާއިން ބުނެގެން އެ މީހުންގެ ޤައުމަށް ފޮނުވާފައިވާއިރު އިތުރު ތިން މީހެއްގެ ހަށިގަނޑު ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސާމިހު ވިދާޅުވިއެވެ.

އަލިފާން ރޯވި ކަމަށް ބެލެވޭ ގަރާޖަކީ މާލޭގައި ހުއްދަ ނުހޯދައި ހިންގަމުން އައި ގަރާޖެއް ކަން ވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ބުނެފައެވެ. އެ ގަރާޖުގައި މިއަހަރުގެ މެއި މަހު ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު އެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް ސާމިހު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް