އައްޑޫ ސިޓީ އާއި މާލެ އާއި ކ. ގުރައިދޫގައި ފުލުހުން ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނަކީ ގިނަ ބަޔަކު މަރާލަންވެގެން ދޭން އުޅުނު ޓެރަރިޒަމް ހަމަލާއެއް ހުއްޓުވުމަށް ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފިއެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިިންސްޕެކްޓަރ އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ މި އޮޕަރޭޝަނަކީ އައްޑޫ ސިޓީގައި ހަރުކަށިފިކުރަށް ތާއީދު ކުރާ ބަޔަކު ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއްދީ ޤައުމީ ސަލާމަތައް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންނާ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރު ކޮށްފައިވާ އެ ހުރިހާ މީހުންނަކީ ވެސް 18 އަަހަރުން މަތީގެ އައްޑުއަށް ނިސްބަތްވާ ދިވެހި ފިރިހެނުން ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި މީހުންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދު ކުރާ ބައެއް ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުސްވަތު ވިދާޅުވި ގޮތުގައި މި މައްސަލައިގައި އައްޑޫއިން 10 މީހަކު ހައްޔަރުކޮށްފައިވާއިރު މާލެއިން ދެ މީހަކާއި ކ. ގުރައިދޫއިން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ނުވަ މީހުންނަކީ މީގެ ކުރިންވެސް ޓެރަރިޒަމްގެ މައްސަލަތަކެއްގައި ހައްޔަރުކޮށްފައިވާ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެ މީހުން މަސައްކަތް ކުރީ ގޮވާ އެއްޗެއް ބޭނުންކޮށްގެން ގިނަ ބަޔަކު މަރާލުމަށް ކަމަށާއި އެހެންވެ އޮޕަރޭޝަނަކީ އެކަން ހުއްޓުވުމަށް ހިންގި އޮޕަރޭޝަނެއް ކަމަށް އުސްވަތު ވިދާޅުވިއެވެ. އަދި މި އޮޕަރޭޝަނުގައި ބަލައި ފާސްކުރި ގެތަކުން މައްސަލައާ ގުޅުންހުރި ތަކެތި ފެނިފައިވާ ކަމަށާއި ހައްޔަރު ކުރި 14 މީހުންގެ ވެސް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގޮވާތަކެތި ކަމަށް ބެލެވޭ ބައެއް ތަކެތި ނެގިފައިވަނީ. އެކަމަކުވެސް ތަހުލީލަށްފަހު ކަނޑައެޅިގެން އަޅުގަނޑުމެންނަށް އޭގެ ޖަވާބެއް ދޭން އެނގޭނީ. އެކަންތައް ކާމިޔާބުވިނަމަ ގިނަ ބައެއްގެ ފުރާނައަށް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރުމުގެ ޕޮސިބިލިޓީ އޮތް. އެހެންވެ އަޅުގަނޑުމެން ޑިސްރަޕްޝަން އޮޕަރޭޝަނަކަށް ދިޔައީ،އިިންސްޕެކްޓަރ އޮފް ޕޮލިސް އުސްވަތު އަހުމަދު
މި މައްސަލައިގައި ހައްޔަރު ކުރި މީހުންނަކީ އައިއެސްއަށް ތާއީދު ކުރާ ބައެއް ކަމަށްވީ ނަމަވެސް މިހާތަނަށް ތަހުގީގުން ދޭން އުޅުނު ހަމަލާގައި ބޭރުގެ އެއްވެސް އަތެއް އޮތް ކަމަށް ލަފާ ނުކުރެވޭ ކަަމަށް ވެސް އުސްވަތު ވިދާޅުވިއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މީހުން ހަމަލާ ދޭން އުޅުނީ ކޮންތަނެއްގައި ކަމާއި ކޮންބަޔަކަށް އަމާޒުކޮށްގެން ކަން އަދި ހާމަކުރެވެން ނެތް ކަަމަށް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި އުސްވަތު ވިދާޅުވިއެވެ.