ކ. މާލެ
|
14 ނޮވެންބަރ 2022 | ހޯމަ 07:24
މީރާ
މީރާ
ރާއްޖެއެމްވީ
މީރާއަށް ލިބުނު އާމްދަނީ
އޮކްޓޯބަރު މަހު މީރާ މެދުވެރިކޮށް 1.25 ބިލިއަން ރުފިޔާގެ އާމްދަނީއެއް!
އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ
މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރިވަރަށްވުރެ 28.5 އިންސައްތައިގެ އިތުރުވުމެއް

ނިމުނު އޮކްޓޫބަރު މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.25 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 24.6 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އެ އިދާރާއިން އަންދާޒާ ކުރިވަރަށްވުރެ 28.5 އިންސައްތައިގެ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ އިދާރާއަަށް ލިބުނު އާމްދަނީއާ އަޅައިބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ އާއި އިންކަމް ޓެކްސް އާއި ޓޫރިޒަމް ލޭންޑް ރެންޓާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ އިތުރުވުމެވެ. އެގޮތުން، އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓަށް އައިސްފައިވާ ބަދަލުގެ ސަބަބުން، އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

މިދިޔަ މަހު ލިބޭނެކަމަށް މީރާއިން އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ ޓީޖީއެސްޓީ އާއި ޓޫރިޒަމް ލޭންޑް ރެންޓާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އާއި އެއަރޕޯޓް ސަރވިސް ޗާޖު އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބުން ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި މި އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން އޮކްޓޫބަރު މަހުގައި މި ސުންގަޑި އައިސްފައިވުމަކީ ވެސް އާމްދަނީ އިތުރުވި ސަބަބެއް ކަމަށް އެ އިދާރާއިން ބުނެއެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 57.4 އިންސައްތަ ނުވަތަ 716.47 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 10.3 އިންސައްތަ ނުވަތަ 127.97 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 100.51 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 67.98 މިލިއަން ރުފިޔާ، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 64.67 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 170.71 މިލިއަން ރުފިޔާ ވަނީ ލިބިފައިވެއެވެ.

މިދިޔަ މަހު މީރާއިން ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 46.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

- ކޮމެންޓް