ކ. މާލެ
|
12 ނޮވެންބަރ 2022 | ހޮނިހިރު 12:30
ވިލިމާލޭ ފަރަށް ބީހުނު ޕްލެޓްފޯމް
ވިލިމާލޭ ފަރަށް ބީހުނު ޕްލެޓްފޯމް
ރާއްޖެއެމްވީ
ޕްލެޓްފޯމް ފަރަށް އެރި މައްސަލަ
ޕްލެޓްފޯމް ވިލިމާލޭ ފަރަށް އެރި މައްސަލައާގުޅިގެން އެފްކޮންސްއިން ހުށަހެޅި ސަރވޭ ރިޕޯޓް އަދިވެސް ދަނީ ބަލަމުން: އީޕީއޭ
 
ގާނޫނީގޮތުން ބަލަންޖެހޭ ކަންތައްތަކާއި އިޖުރާއީގޮތުން ބަލަންޖެހޭ ކަންތައްތައް އެބަހުރި

ތިލަމާލެ ބްރިޖްގެ ޖިއޯ ޓެކްނިކަލް ދިރާސާތަކަށް ގެނެސްފައިވާ ސެލްފް އެލެވޭޓިންގ ޕްލެޓްފޯމް (އެސްއީޕީ) ވިލިމާލޭ ފަރަށް އެރި މައްސަލައިގައި، ބްރިޖުގެ މަސައްކަތް ކުރަމުންދާ އެފްކޮންސް ކުންފުނިން ހުށަހެޅި ސަރވޭ ރިޕޯޓް ބަލަމުންދާކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނަރަލް އިބްރާހީމް ނައީމް ވިދާޅުވެއްޖެއެވެ.

އެފްކޮންސްއިން ސަރވޭ ނިންމައި އީޕީއޭއަށް ހުށަހަޅާފައިވަނީ މީގެ ދެ ހަފުތާ ކުރިންނެވެ. އެކަމާގުޅިގެން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ނައީމް ވިދާޅުވީ، އެފްކޮންސްއިން ސަރވޭ ރިޕޯޓް ހުށަހެޅިނަމަވެސް ގާނޫނީގޮތުން ބަލަންޖެހޭ ކަންތައްތަކާއި އިޖުރާއީގޮތުން ބަލަންޖެހޭ ކަންތައްތައް އެބަހުރިކަމަށެވެ. އަދި ފިޔަވަޅު އަޅާނީ އެކަންތައްތަކަކަށް ބެލުމަށްފަހުކަމަށެވެ.

މި ޕްލެޓްފޯމް ވިލިމާލޭ ފަރަށް އެރި މައްސަލައިގައި، ބްރިޖުގެ މަސައްކަތް ކުރަމުންދާ އެފްކޮންސް ކުންފުންޏާމެދު ވަކި ގޮތަކަށް އަމަލުކުރުމަށް ފިއްތުމެއް ނެތްކަމަށް ނައީމް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ނައީމް ވިދާޅުވީ، އެފްކޮންސްއާމެދު ފިޔަވަޅުއެޅުމަށް ގޮންޖެހުމެއް ނެތްކަަމަށާއި، އެ މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅެއް އަޅާނެކަމަށެވެ. އެފްކޮންސްއަކީ އިންޑިއާގެ ކުންފުންޏަކަށްވުމުން ސަރުކާރުން އެފްކޮންސްއަށް ފިޔަވަޅުއަޅަން ޖެހިލުންވާކަމަށް ބުނެ، ސަރުކާރާއި ކަމާބެހޭ ފަރާތްތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ، މި ޕްލެޓްފޯމް ވިލިމާލޭ ފަރަށް އެރި މައްސަލައިގައި، ބްރިޖުގެ މަސައްކަތް ކުރަމުންދާ އެފްކޮންސް ކުންފުންޏާމެދު ވަކި ޚާއްސަ އުސޫލަކުން އަމަލުކޮށްފައި ނުވާނެކަމަށް ވިދާޅުވެފައެވެ.

މީގެކުރިން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި މައްސަލައިގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އެފްކޮންސްއާމެދު ފިޔަވަޅު ނާޅައި ލަސްވަނީ ކީއްވެތޯ ނޫސްވެރިއަކު ވަނީ ސުވާލު ދަންނަވާފައެވެ. އަދި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މި މައްސަލައިގައި އެކުލަވާލި ރިޕޯޓު ބަލައިނުގަނެ، އެފްކޮންސްއިން ވަނީ އަމިއްލައަށް ދިރާސާއެއް ކުރުމަށް އެދިފައެވެ. އެ ދިރާސާއަށް ދިން މުއްދަތު މިހާރު ހަމަވެފައިވާތީ، އެފްކޮންސްއަށް އެހާ ގިނަ ފުރުސަތުތަކެއް ލިބެނީ ކީއްވެތޯ އެ ނޫސްވެރިޔާ ވަނީ ސުވާލުދަންނަވާފައެވެ.

އެކަމާގުޅިގެން މިއުވާން ވިދާޅުވީ، އެފްކޮންސްއާމެދު ތަފާތުކުރުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އަދި އެ މައްސަލައިގައި އީޕީއޭއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފިޔަވަޅުއެޅުމުގެ ފުރިހަަމަ އިޚްތިޔާރު އެ އިދާރާއަށް އޮންނާނެކަމަށް މިއުވާން ވިދާޅުވިއެވެ.

މި ޕްލެޓްފޯމް ފަރަށް އަރާފައިވަނީ އޮގަސްޓްމަހުގެ ތެރޭގައެވެ.

އެ މަޝްރޫއު ހިންގަމުންއަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރިން ބުނީ ޕްލެޓްފޯމް ފުންނުކުރެވި ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި ޕްލެޓްފޯމް ވިލިމާލޭ ފަރަށް ބީހެން ދިމާވީ މޫސުން ގޯސްވެ، ވައިގަދަވުމާއި ރާޅު ބޮޑުވުމުގެ ސަބަބުން ކަމަށާއި، އެ ހާދިސާ ހިނގީ އެ ސަރަހައްދުގައި ޕްލެޓްފޯމް އަޅާފައި ބޭއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި ޕްލެޓްފޯމް ފުންކޮށްފައިވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު، އެ ޕްލެޓްފޯމް ފަރަށް އެރިތާ 12 ދުވަސް ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް