ކ. މާލެ
|
12 ނޮވެންބަރ 2022 | ހޮނިހިރު 07:12
ރަންނަމާރި ޗެލެންޖު 1444
ރަންނަމާރި ޗެލެންޖު 1444
ރާއްޖެއެމްވީ
ދިވެހި ސަރފް ލީގު 1444
މަރުހަބާ ކަޕްގެ ސެމީއަށް ރަސްމާދޫ، ތުލުސްދޫ، ގައްދޫ އަދި މާލެ
މަރުހަބާ ކަޕް ކުރިއަށް ގެންދަނީ ކޮންމެ ޓީމެއްގައި ހަތަރު ސަރފަރުން ވާދަކުރާގޮތަށް
ސެމީ ފައިނަލްގެ ޖާގަ ލިބުނީ ކޮންމެ ހީޓެއްގެވެސް އެންމެ ރަނގަޅު ނަތީޖާ ހޯދި ދެޓީމަށް

މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަނުން މިހާރު ކުރިއަށްގެންދާ "އެމްޓީސީސީ ދިވެހި ސަރފް ލީގު 1444ގެ ރަންނަމާރި ޗެލެންޖް"ގެ މަރުހަބާ ކަޕްގެ ސެމީ ފައިނަލަށް ރ.ރަސްމާދޫ، ކ.ތުލުސްދޫ، ގދ.ގައްދޫ އަދި މާލެ ޓީމު ދަތުރުކޮށްފިއެވެ.

މަރުހަބާ ކަޕްގެ ދެ ހީޓުވެސް ކުރިއަށް ގެންދިޔައީ ހުކުރު ދުވަހުގެ ހަވީރު މާލޭގެ ރާޅުގަނޑު ސަރަހައްދުގައެވެ. ކޮންމެ ހީޓެއްގައި ތިން ޓީމު ވާދަކުރިއެވެ. ސެމީ ފައިނަލްގެ ޖާގަ ލިބުނީ ކޮންމެ ހީޓެއްގެވެސް އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ޓީމަށެވެ.

ފުރަތަމަ ހީޓުގައި ވާދަކުރީ ރަސްމާދޫއާއި މާލޭ ޓީމުގެ އިތުރުން މ.ބމުލީ ޓީމެވެ. މި ހީޓުގެ އެއްވަނަ ރަސްމާދޫ ޓީމު ހޯދީ 19.33ގެ ސްކޯރއަކުންނެވެ. ދެވަނައަށް ދިޔަ މާލޭ ޓީމަށް 17.37 ސްކޯރ ކުރެވުނުއިރު، މުބާރާތުން ކެޓި މުލީ ޓީމުގެ ސްކޯރއަކީ 7.53އެވެ.

ދެވަނަ ހީޓުގައި ތުލުސްދޫ އަދި ގދ. ވާދޫ ޓީމާއި ވާދަކޮށް 15.57ގެ ސްކޯރއަކާއެކު އެއްވަނަ ހޯދީ ގައްދޫ ޓީމެވެ. ދެވަނަ ހޯދި ތުލުސްދޫ ޓީމަށް ސްކޯރ ކުރެވުނީ 13.26އެވެ. މުބާރާތުން ކެޓި ވާދޫ ޓީމު ވަނީ 10.03 ސްކޯރ ކޮށްފައެވެ.

މަރުހަބާ ކަޕް ކުރިއަށް ގެންދަނީ ކޮންމެ ޓީމެއްގައި ހަތަރު ސަރފަރުން ވާދަކުރާ ގޮތަށެވެ. ކޮންމެ ހީޓެއްގައި ލިބޭނީ 60 މިނެޓެވެ. ފައިނަލް ޓީމް ސްކޯރއަށް ކޮންމެ ސަރފަރެއްގެވެސް ގުނާނީ ހީޓުގައި އެސަރފަރަކަށް ލިބޭ ތިން ފުރުސަތުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ލިބޭ ސްކޯރއެވެ. މިއީ ރާއްޖޭގައި ޓެގް ޓީމް އިވެންޓު ބޭއްވި ފުރަތަމަ ފަހަރެވެ.

- ކޮމެންޓް