ކ. މާލެ
|
11 ނޮވެންބަރ 2022 | ހުކުރު 11:31
ޖުމްހޫރީ މައިދާނުގައި ނަގާފައިވާ ދިދަ
ޖުމްހޫރީ މައިދާނުގައި ނަގާފައިވާ ދިދަ
ރާއްޖެއެމްވީ
ޖުމްހޫރީ ދުވަސް
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަސް
ފުރަތަމަ ޖުމްހޫރިއްޔާ އެންމެ 7 މަހާއި 26 ދުވަހުގެ ތެރޭގައި ނިމިދިޔަ
މުޙަންމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނީ 11 ނޮވެމްބަރު 1968 ގައި

މިއަދަކީ މިއަހަރުގެ ޖުމްހޫރީ ދުވަހެވެ. މީލާދީން 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެއްފަހަރާ އިސްތަޢުފާ ދެއްވިއެވެ. މިހިސާބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އާދަޔާ ޚިލާފު ބަދަލުތަކެއް އަންނަން ފެށިއެވެ. އެކިފަހަރު އެކިގޮތަށް އިވެމުންދިޔަ އަޑުތަކެއްގެ ތެރެއިން ރާއްޖޭގެ އެންމެމަތީވަލީ، މަތީ ދަރަޖައިގެ ބޭފުޅުންކޮޅެއްގެ އިސްތަށިފުޅުގައި އެޅިގެން ދިޔަތަންވެސް ފެނިގެން ދިޔައެވެ.

އެކަމަކު ދެންވެސް ތަޚުތު ހުރީ ފަޅަށެވެ. ނަމަވެސް މާގިނަ ދުވަސްތަކެއްނުވެ ސުމުއްވުލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ދިވެހިރާއްޖޭގެ ރަސްކަން ނުހަނު ލޯތްބާއި އިޚްތިރާމާއެކު ދިވެހީން އެރުވިއެވެ. އެއީ 11 އޭޕްރީލް 1943 ގައެވެ. އޭރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން ޤާނޫނީ ގޮތުން ރަސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކަންތައްތައް ހަމަނުޖެހި ގިނަދުވަސްތަކެއް ވިއެވެ.

ތަޚުތު ހުހަށް ހުންނަތާ ގިނަދުވަސްވާން ފެށުމުން ރާއްޖޭގެ ވެރިކަން ހަމަޖައްސާނެ ގޮތަކާމެދު ގޮތެއް ނިންމުގެ މަސައްކަތްތަކެއް ފެށުނެވެ. މިގޮތުން ގިނަ ބައްދަލުވުން ތަކަކަށްފަހު ނުކުތް ނަތީޖާއަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެގޮތަކަށް އޮތްކަމުގައިވިޔަސް ޤައުމުގެ އެންމެމަތީ ވެރިއެއްގެ މަޤާމުގައި ހުންނެވުމަށް ދިވެހީން އެދެނީ އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.

ރަސްކަލެއްގެ މަޤާމު ފުރުއްވާކަށް މުޙަންމަދު އަމީން ބޭނުންފުޅެއް ނުވެއެވެ. ރާއްޖޭގެ ދާޚިލިއްޔާއާއި ޚާރިޖިއްޔާގެ ހާލު ހުރިގޮތުންނެވެ. ސަރީހަ ޢިބާރާތަކުން ދަންނަވާނަމަ ދިވެހި ދަރިންނަށްޓަކައި ސިލޯނުގަޔާއި، އަދިވެސް ބޭރުގެ އެތަންމިތާގައި މުޙަންމަދު އަމީނު ކުރައްވާ ޚިދުމަތްތަކުން ދިވެހި ޤައުމު މަޙުރޫމް ކުރެއްވުމަކީ ޤައުމުގެ ޙުއްބުލްވަޠަންގެ ޙައްޤުގައި ކުރައްވަން ހެޔޮނުވާނެ ކަމެއްކަމުގައި އޭނާއަށް ފެނިވަޑައިގަންނަވާތީއެވެ. އެންމެފަހުން ރާއްޖޭގެ ވެރިކަން އޮންނާނެ އުޞޫލެއްގެ ބަހުސް ސިޔާސީ ތިލަފަތުން ކިރަން ފެށިއްޖެއެވެ.

މިގޮތުން ބަހުސްތަކާއި މަޝްވަރާތަކަށްފަހު އެންމެފަހުން ނިންމެވީ ދިވެހިރާއްޖެ ޖުމްހޫރިއްޔާއަކަށް ހެދުމަށް ޟަރޫރަތްތެރިކަން މަޖުބޫރުކޮށްފި ކަމުގައެވެ. އެހެންކަމުން މިގޮތުގެމަތިން އުފެދިގެން އައި ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ދުނިޔޭގެ އަލިކަން ދުށީ 1 ޖެނުއަރީ 1953 ގައެވެ. ނަމަވެސް މި ޖުމްހޫރީ ދެމިއޮތީ 7 މަހާއި ދުވަސްކޮޅަކުއެވެ. އަނެއްކާވެސް ރަސްކަމަކަށް ބަދަލުވެއްޖެއެވެ. އެއީ 7 މާޗް 1954 ގައެވެ. މިފަހަރު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލް އެވެ. މުޙަންމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނެވެ. އެއީ 11 ނޮވެމްބަރު 1968 ގައެވެ. ރައީސަކަށް އިންތިޚާބު ކުރެވުނީ އިބްރާހީމް ނާޞިރެވެ.

ދިވެހިރާއްޖޭ ޖުމްހޫރީ ދުވަސް ފާހަގަ ކުރެވެމުން މިދަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ކޮންމެ ސަބަބެއް މެދުވެރިގެން ނަމަވެސް، ދައުލަތް ހިންގުމުގެ ނިޒާމު މިވަނީ، ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެފައެވެ. މިއީ ހެޔޮ ބަދަލެއް ކަމުގައި ދެކެންޖެހެއެވެ. ކޮންމެއަކަސް ދައުލަތް ހިންގުމުގެ ނިޒާމަށް އެއައި ބަދަލާއެކު، ޤައުމަށް ވަނީ ތަފާތު ކުރިއެރުންތަކެއް ލިބިފައެވެ. ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން މިވަނީ ބޮޑު ތަނުން އިތުރުވެފައެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް، ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން، ފުރަތަމަ ޖުމްހޫރިއްޔަތާ ގުޅިގެން މުލީއާގޭ އެޑްރެހުގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ބަސްކޮޅެއްގައި ވިދާޅުވަނީ؛ "މިއަދަކީ ދިވެހި ތާރީޚުގެ ވަރަށް ޚާއްޞަ ދައުރެއް، އެއަށްވުރެ ޚާއްޞަ ދައުރަކަށް ބަދަލުވެގެންދާ ދުވަހެކެވެ. އެކަމަކު މިއަދު އަޅުގަނޑުމެންގެ މުޅި މަޤްޞަދަކީ، ފަޚުރާއި އުފާވެރިކަމުގެ ޚިޔާލީ ޖައްވެއްގެ ތެރޭގައި އުދުހުން ކަމުގައި ނުހަދަމާ ހިނގާށެވެ." ދެން ވިދާޅުވަނީ؛ "އައުން އެކަށީގެންވާ ފައިދާއަކާއި ލާބައެއް ބިނާވެފައި އޮންނާނީ، ޤައުމުގެ ނަމަށް އަންނަ ބަދަލެއްގެ މައްޗަކަށް ނޫނެވެ. އަންނަ ބަދަލާ ގުޅިގެން، ދިވެހި ދަރިންނަށް ކުރެވެމުންދާ އިތުރު މަސައްކަތެއްގެ މައްޗަށެވެ."

ދިވެހި ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވިގޮތާއި، ބަދަލުވާން މެދުވެރިވި ސަބަބާއި، ފުރަތަމަ ޖުމްހޫރިއްޔާ އެންމެ 7 މަހާއި 26 ދުވަހުގެ ތެރޭގައި ނިމިދިޔަގޮތް އެއީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ދިވެހި ޖުމްހޫރީ ވެރިކަން އަދި ދިވެހި ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން އަދިވެސް އިތުރަށް ދިރާސާ ކުރައްވަންޖެހޭ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް