ކ. މާލެ
|
11 ނޮވެންބަރ 2022 | ހުކުރު 07:13
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު
ރައީސް އޮފީސް
އައިޔޫޔޫގެ ބޭފުޅުންނާއި ބައްދަލުކުރެއްވުން
އޯއައިސީ ހަލާލް އެކްސްޕޯ އަންނަ އަހަރު ރާއްޖޭގައި ބޭއްވުމުގެ ޝައުގުވެރިކަން ފާޅުކޮށްފި
9 ވަނަ "އޯއައިސީ ހަލާލް އެކްސްޕޯ" ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އަށް ދައުވަތު އެރުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޓަރނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސް (އައިޔޫޔޫ) ގެ ރައީސް ޕްރޮފެސަރ ޑރ. މުޙައްމަދު ޚައިރް އަލް ގަބާނީއާ ބައްދަލުކުރައްވައިފިއެވެ.

އެމަނިކުފާނު އައިޔޫޔޫގެ ރައީސް އާ ބައްދަލުކުރެއްވީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިބައްދަލުކުރެއްވުމުގައި، އެ ޔޫނިއަންގެ އިސް އެހެން ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ރައީސް ވަނީ، އައިޔޫޔޫގެ ރައީސް އާއި އިސް ބޭފުޅުންނާ ރާއްޖޭގެ ތަރައްޤީއަށް މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި އައިޔޫޔޫގެ ރައީސް ޕްރޮފެސަރ އަލް-ގަބާނީ ވަނީ، އެ ޔޫނިއަންގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ރައީސްއާ ހިއްސާކުރައްވާފައެވެ. މިގޮތުން އެ ޔޫނިއަނުން ބާއްވާފައިވާ ކޮންފަރެންސްތަކާއި ސެމިނާތަކުގެ މައުލޫމާތު ހިމެނޭ ލުއިފޮތަކާއި، އުސްމާނީ ޚިލާފަތުގެ ޒަމާނުން ފެށިގެން ބޭސްވެރިކަމުގެ ރޮނގުން ތުރުކީއަށް އައިސްފައިވާ ކުރިއެރުންތަކާ ގުޅޭ ފޮތެއް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

އެ ޔޫނިއަންގެ ފަރާތުން ހާއްސަ ހަނދާނީ ފިލައެއް ވެސް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވިއެވެ.

މިބައްދަލުވުމުގައި، އައިޔޫޔޫގެ ރައީސް ވަނީ އެ ޔޫނިއަންގެ ފަރާތުން، އިސްތަންބޫލްގައި މި ނޮވެންބަރު މަހުގެ 24 އިން 27އަށް ބޭއްވުމަށް ހަމަޖެހިފައިވާ، 9 ވަނަ "އޯއައިސީ ހަލާލް އެކްސްޕޯ" ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އަށް ދައުވަތު އަރުވާފައެވެ. އަދި އަންނަ އަހަރު މި އެކްސްޕޯ ރާއްޖޭގައި ބޭއްވުމުގެ ޝައުގުވެރިކަން މިބައްދަލުވުމުގައި އެ ޔޫނިއަނުން ވަނީ ފާޅުކުރައްވާފައެވެ.

މި އެކްސްޕޯގައި ރާއްޖޭގެ ތަޢުލީމީ ދާއިރާ ފުޅާކޮށް ސިއްހީ ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި ރާއްޖޭގެ ތަރައްޤީއަށް މުހިންމު އެހެން ދާއިރާތަކުގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތަކުގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެކަމަށް އައިޔޫޔޫ އިން ބުނެއެވެ.

- ކޮމެންޓް