ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ ގައި އިންޑިޔާއި ބަންގްލަދޭޝްގެ ރައްޔިތުން ނިޔާވެފައިވާތީ އެކަމާ ހިތާމަ ފާޅުކުރައްވާ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިޔާ އާއި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރުން ނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ ޖައިޝަންކަރާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ އޭ.ކޭ. ޢަބްދުލް މޮމެން އަށް ގުޅުއްވައި ތަޢުޒިޔާ ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި މި ހާދިސާގައި ނިޔާވި އެ ޤައުމުތަކުގެ ރައްޔިތުންގެ އާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ. ހަމައެއާއެކު، މި ހާދިސާ ހިނގައިދިޔަ ގޮތުގެ ފުރިހަމަ ތަޙުގީގެއް ކުރަމުންދާ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
އަދި މި އުނދަގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެހީއާއި އެއްބާރުލުން އެ ދެ ޤައުމުގެ ހައިކޮމިޝަން މެދުވެރިކޮށް، ލިބިގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރ ޝާހިދު ވަނީ އެ ދެ ބޭފުޅުންނަށް ދެއްވާފައެވެ.
މ.ނިރުފެހި ގޭގައި ހިނގި އެ ހާދިސާގައި މަރުވެފައިވަނީ 10 ބިދޭސީންނެވެ. އެތަނަކީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ އިމާރާތެކެވެ. ރޯވި އަލިފާންގަޑު ފެތުރެން ބޮޑަށް ދިމާވީ އެތަނުގައި ކައްކާގޭސް ފުޅިތަކެއްވެސް ހުރުމުން އެތަކެތި ގޮވާ، ގޭހުގަ ހުޅުހިފުމުން ކަމަށް ވަނީ ގަބޫލު ކުރެވިފައެވެ.