އިޓާލިއަން ލީގުގައި ބޮލޮގްނާއާ ދެކޮޅަށް ކުޅުނު މެޗު ތަފާތު ބޮޑު ނަތީޖާ އަކުން އިންޓަ މިލާން ކާމިޔާބުކޮށްފިއެވެ.
އިންޓަގެ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-6 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބޮލޮގްނާ އިންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ލިކޯގިއާނިސްއެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން އިންޓަ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޑިން ޖެކޯއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޓަ އިން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. އެ ޓީމަށް ލީޑު ނަގައިދިން ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ޖެހީ ޑިމާކޯއެވެ. އޭގެ ހަ މިނެޓު ފަހުން އިންޓަގެ ތިން ވަނަ ލަނޑު ޖެހީ ލައުޓާރޯ މާޓިނޭޒްއެވެ.
ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އިންޓަގެ ހަތަރު ވަނަ ލަނޑު ޖެހީ ޑިމާކޯއެވެ. އެއީ ނިކޯލޯ ބަރެއްލާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އިންޓަގެ ފަސް ވަނަ ލަނޑު 59 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޗަޅަންގޮލޫ ޖެހި އިރު، ފަހު ލަނޑު ރޮބިން ގޮސެންސް ޖެހީ 76 ވަނަ މިނެޓުގައެވެ.
މެޗުން މޮޅުވެ އިންޓަ އޮތީ ތާވަލްގެ ހަތަރު ވަނަ މަގާމުގައެވެ. އެއީ މިހާތަނަށް ކުޅުނު 14 މެޗުން 27 ޕޮއިންޓާއެކުއެވެ. އިންޓަ އަތުން ބަލިވި ބޮލޮގްނާ އޮތީ ކުޅުނު 14 މެޗުން 16 ޕޮއިންޓާއެކު 13 ވަނައިގައެވެ.