ކ. މާލެ
|
9 ނޮވެންބަރ 2022 | ބުދަ 11:57
2021 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގެ ތެރެއިން
2021 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
ޖުމްހޫރީ ދުވަހުގެ ޖަލްސާ
މަތީދަރަޖަ ހޯދާ ފަރާތްތަކަށް މިއަހަރު ރައީސް ދެއްވާ ޚާއްޞަ އިނާމު ދެއްވުމާއި ގައުމާއި މުޚާޠަބު ކުރެއްވުން މާދަމާ ރޭ
މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 41 ބޭފުޅަކަށް އިނާމު ދެއްވާނެ
ކީރިތި ޤުރްއާން ހިތުދަސްކޮށްގެން 1 ވަނަ ދަރަޖައިގައި ފާސްވި 13 ޙާފިޒުންނަށް އިނާމު ދެއްވާނެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެ

މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ބާއްވަވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާނެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މި އަހަރު ލިބިވަޑައިގަންނަވަނީ، ކީރިތި ޤުރްއާން ހިތުދަސްކޮށްގެން 1 ވަނަ ދަރަޖައިގައި ފާސްވި 13 ޙާފިޒުންނަށާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވައިފައިވާ 9 ބޭފުޅަކަށާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 41 ބޭފުޅަކަށާއި، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ބޭފުޅަކަށެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށްގެން މި އަހަރު ހުޅުވައިލި، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިގެން އިނާމު ހާސިލުކޮށްފައިވާ ކުންފުންޏަކަށް ވެސް އިނާމު ދެއްވާނެއެވެ.

މިއަހަރު އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ޚާއްޞަ އިނާމާބެހޭ ފަންނީ ކޮމިޓީންނެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް