މި މަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށްފަހު ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ އެތުލެޓިކޯ މެޑްރިޑުގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެތުލެޓިކޯ މެޑްރިޑަށް ލިބެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ މިހާރުގެ ކޯޗު ޑިއޭގޯ ސިމިއޯނީ މަގާމުން ވަކިކުރަން ކުލަބުން އަންނަނީ ވިސްނަމުންނެވެ. މީގެ އިތުރުން އެންރީކޭ އާއި އެތުލެޓިކޯގެ ބައެއް ކުޅުންތެރިންނާ ސިއްރު ބައްދަލުވުންތަކެއް ވެސް ބޭއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެންރީކޭ މިވަގުތު ހުރީ ސްޕެއިންގެ ޤައުމީ ޓީމުގެ ކޯޗުކަމުގައެވެ. އަދި މިހާރު އޭނާ އަންނަނީ ސްޕެއިންއާއެކު ވޯލްޑް ކަޕަށް ތައްޔާރުވަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ވޯލްޑް ކަޕަށްފަހު އެންރީކޭ ސްޕެއިންގެ ކޯޗުކަން ދޫކޮށްލާނެއެވެ. އެއަށްފަހު ސިމިއޯނީގެ ބަދަލު އޭނާ އެތުލެޓިކޯއާ ހަވާލުވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެވެ. މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުން އެތުލެޓިކޯ ކެޓުމާއި. ސްޕެނިޝް ލީގައި އެ ޓީމުން ނެރެމުން އަންނަ ދަށް ނަތީޖާގެ ސަބަބުން ސިމިއޯނީ އަށް ވަނީ ޕްރެޝަރު ބޮޑުވެފައި ކަމަށް ރިޕޯޓުތަކުގައިވެއެވެ.
މިކަމާ ގުޅިގެން އެތުލެޓިކޯގެ ޗީފް އެގްޒެކްޓިވް މިހުއެލް ގިލް މާރިން ވަނީ އެ ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިންނާ ވެސް ބައްދަލުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި އެ ޓީމުގެ އެއް ނަންބަރު ގޯލް ކީޕަރު ޔެން އޮބްލަކް، ކޯކޭ އަދި އެންޓޮއިން ގްރީޒްމަން ހިމެނޭ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މި ބައްދަލުވުމުގައި އޭނާ ވަނީ ދަށް ނަތީޖާގެ ސަބަބުން އެތުލެޓިކޯ އަށް ލިބެމުންދާ ގެއްލުން ކުޅުންތެރިންނާ ހިއްސާކޮށްފައި ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.
ސްޕެއިން އަށް އުފަން އެންރީކޭ އަކީ ތަޖުރިބާ ހުރި މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭނެ ކޯޗެކެވެ. އޭނާ ވަނީ މީގެ ކުރިން ސްޕެއިންގެ ބާސެލޯނާ އަށް ކޯޗެއްގެ ގޮތުގައި އިރުޝާދު ދީފައެވެ. ބާސެލޯނާއާއެކު އޭނާ ވަނީ ނުވަ ތައްޓެއް ކާމިޔާބުކޮށްފައެވެ. ބާސެލޯނާގެ ކޯޗުކަން ދޫކޮށްލުމަށްފަހު ސްޕެއިންގެ ކޯޗުކަމާ އޭނާ ހަވާލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުއެވެ.